ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެއަށް ބަސް ދަތުރުކުރާ ރޫޓް 7ގެ ދަތުރުތައް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، ރޫޓް 7 ގެ މަސައްކަތް ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ރޫޓުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީޏް މާލެ އަށް ސީދާ ދަތުރުތައް ކުރާނެ ކަމަށެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ބަސް ދަތުރު ކުރާ އިންޓަ ކަނެކްޓިން ބަސް ވެސް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެއަށް ދަތުރުތައް ފަށަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، ޓްރެފިކްގެ މައްސަލައެއް ނެތިއްޔާ ކޮންމެ އެއް ގަޑިއިރަކުން ބަސް ދަތުރު ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އަންނަ ޖުލައި ނިމުމުގެ ކުރިން އެ ވަގުތު 15 މިނެޓަށް ކުޑަކޮށް، 15 މިނެޓު ތެރޭ ބަސް ދަތުރުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައި ހުރި ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަކު އާބާދުވެ ދިރިއުޅެމުން އަންނަ އިރު، އެ ސަރަހައްދުން މާލެއަށް ދަތުރުކުރުމުގައި ދަތިތައް ހުރިކަމުގެ ކަންބޮޑުވުންތަކަަށް މިއަދު މި ވަނީ ހައްލެއް ހޯދައިދީފައެވެ. މިއަދު މާލެއަށް ސީދާ ދަތުރުތައް ފެށިއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެންނެވެ.