ރަޝިއާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކާ ގުޅޭ ގޮތުން ހާއްސަ ޑޮކިއުމަންޓްރީއެއް ތައްޔާރު ކުރުމަށްޓަކާ، އެމެރިކާގެ ބަތޮލް އަދި ޑައިރެކްޓާ ޝޯން ޕެން މިވަގުތު ހުރީ ޔޫކްރޭންގައި ކަމަށް، ޔޫކްރޭންގެ ރައީސް އޮފީހުން ކަށަވަރު ކޮށްދީފިއެވެ.

ވެރިރަށް ކިއޭވްގައި ސަރުކާރުން ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްއެއްގައި ޝޯން ޕެން ބައިވެރިވި މަންޒަރު ފެނިފައި ވާއިރު، ރައީސް ވްލޭޑްމިއާ ޒެލެންސްކީއާ ބައްދަލު ކުރި މަންޒަރުވެސް، ޔޫކްރޭންގެ ރައިސް އޮފީހުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން އާންމު ކުރި ޕޯސްޓެއްގައި ވަނީ ފެނިފައެވެ.

2 ފަހަރެއްގެ މަތިން އޮސްކާ ހާސިލުކޮށްފައިވާ ޝޯން ޕެންގެ ހިތްވަރަށް ތައުރީފުކޮށް، ޔޫކްރޭން ސަރުކާރުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާގެ ހިތްވަރާއި އިހުލާސްތެރިކަމަށްޓަކާ މުޅި ޔޫކްރޭން ޝުކުރުވެރިވާ ކަމަށެވެ. ޕެންގެ ފަރާތުން ފެނިގެން ދަނީ ހުޅަނގުގެ ސިޔާސީ މައިދާނުން ފެންނަ ގިނަ ޝަހްސުންގެ ކިބާގައިވެސް ނެތް ފަދަ ހިތްވަރެއް ކަމަށް ޔޫކްރޭން ސަރުކާރުގެ ޕޯސްޓްގައި ބުނެފައިވެއެވެ.

އެންބީސީ ނިއުސްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ޝޯން ޕެން، ޔޫކްރޭންގެ ޑޮކިއުމަންޓްރީ ތައްޔާރު ކޮށްދެމުން ދަނީ ވައިސް ސްޓޫޑިއޯޒްއަށެވެ.

2018 ވަނަ އަހަރު ޝޯން ޕެނީ ވަނީ ތުރުކީވިލާތަށް ދަތުރު ކޮށް، ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރާ ގުޅޭ ޑޮކިއުމަންޓްރީއެއްވެސް ތައްޔާރުކޮށްފައެވެ. އެ ޑޮކިއުމަންޓްރީ އަދި ރިލީޒް ކޮށްފައެއް ނުވެއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ފުރިހަމަ ބާރާއެކު ޔޫކްރޭނަށް އަރާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ހަމަލާތައް 2 ވަނަ ދުވަހަކަށް ދިގުލާ ގޮސްފައި ވާ އިރު، ޔޫކްރޭނުން މަރުވި މީހުންގެ އަދަދު 130 އަށް ވުރެ މައްޗަށް އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.