ކުރިއަށް އޮތް، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ ހައްގުތަކުގެ ނަމުގައި އިސްލާމީ އުސޫލުތަކަށް ކުޑައިމީސް ކުރުމުގެ އަމަލުތައް ހިންގަން ފުރުސަތު ދެވިގެން ވާނެ ދުވަހެއް ނޫން ކަމަށް، ޕާކިސްތާނުގެ ދީނީ ކަންކަމާ ބެހޭ ވަޒީރު ނޫރުލް ހައްގު ޤަދުރީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އަންހެނުންގެ ހާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ 8 ވަނަ ދުވަހެވެ.

އެ ދުވަހަށް އިޝާރާތް ކުރައްވަމުން ޕާކިސްތާނުގެ ވަޒީރު ވަނީ، މާޗް 8 ވަނަ ދުވަހަކީ ޕާކިސްތާނުގައި "ހިޖާބު ދުވަހުގެ" ގޮތުގައި ފާހަގަ ކުރާ ދުވަހެއް ކަމުގައި ކަނޑައަޅައި ދެއްވުމަށް، ބޮޑުވަޒީރު އިމްރާން ހާންގެ ކިބައިން އެދިވަޑައިގެންފައެވެ.

މާޗް 8 ވަނަ ދުވަހަކީ "ހިޖާބު ދުވަހުގެ" ގޮތުގައި ޕާކިސްތާނުގައި ފާހަގަ ކުރުމަށް ދީނީ ކަންކަމާ ބެހޭ ވަޒީރު ނޫރުލް ހައްގު ޤަދުރީ ހުށަހެޅުއްވި ހުށަހެޅުމަށް، ގިނަ ބަޔަކު ވަނީ ތާއީދު ކޮށްފައެވެ.

ނަމަވެސް އެކަމާ ދެކޮޅަށްވެސް ބަޔަކު އަޑުއުފުލި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ހިޖާބު އެޅުމަށް ޕާކިސްތާނުގައި ހުރަހެއް ނެތް ކަމަށާ، ވީ އިރު، ވަކި ދުވަހެއް އެކަމަށް ހާއްސަ ކުރުމެއް ނެތި، ކޮންމެ ދުވަހަކުވެސް އެކަން ކުރެވިދާނެ ކަމަށް ސެނެޓަރު ޝެރީ ރަހްމާން ވިދާޅުވި ކަމަށް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އާންމު ގޮތެއްގައި މާޗް 8 ވަނަ ދުވަސް، ޕާކިސްތާނުގައިވެސް ފާހަގަ ކުރަނީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ދުވަހެއްގެ ގޮތުގައެވެ. ހައްގުގެ ނަމުގައި ވަކާލާތު ކުރުމުގެ ތެރެއިން، ދީނުގައި ހައްދު ކަނޑައެޅިފައި ވާ ކަންކަމާ ދެކޮޅަށްވެސް ވަކާލާތު ކުރާ މަންޒަރު، ދުނިޔޭގެ އެކި ހިސާބުތަކުން ފެނެއެވެ.