ކުލާސްތަކަށް ހާޒިރުވުމުގައި ބުރުގާ އެޅުމާ ދެކޮޅަށް ހިތްވަރު ދެނިވި ރޫހެއްގައި އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ހައި ކޯޓުން ކުރި ހުކުމް އިސްތިނާފު ކުރުމަށް، ސުޕްރީމް ކޯޓަށް ވައްދައިފިއެވެ.

މުސްލިމު ދަރިވަރުން ކުލާސްތަކަށް ހާޒިރު ވާ އިރު ބުރުގާ އަޅައިގެން ތިބޭ ތިބުން ހަޖަމް ކުރަން ދަތިވެ، ހިންދޫއިން ނިކުމެ މުޒާހަރާކޮށް، މަސްރަހު ނުތަނަވަސް ކުރަމުން ދާ މި ދަނޑިވަޅުގައި، ކަރުނާޓަކާ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކަށް ވަންނަ އިރު ކެމްޕަސް ތެރޭގައިވެސް "އަނެކާގެ ހިތް ނުތަނަވަސް ކުރުވަފާނެ، ދީނީ ޝިއާރު ކުރިއަށް ނެރެނިވި ހެދުމެއް ބޭނުން ކުރުމަށް" ބާރު ނޭޅުމަށް، ދަރިވަރުންނަށް އަންގާ ކަމަށެވެ.

މި މައްސަލަ ދެން ކުރިއަށް ދާނީ އަންނަ ހޯމަ ދުވަހު ކަމަށާ، ކިއެވުން އަލުން ފެށިދާނެ ކަމަށްވެސް ކަރުނާޓަކާ ހައިކޯޓުން ވަނީ އަންގާފައެވެ. ބުރުގާ އަޅައިގެން ކުލާހަށް ހާޒިރުވުމާ ދެކޮޅަށް ހިންދޫން ހިންގަމުންދާ ޖަރީމާތަކާއެކު އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން، ކަރުނާޓަކާގެ ސަރުކާރުން ހިންގާ ހައި ސްކޫލް އާއި ކޮލެޖުތަކުގެ ކިއެވުން ވަނީ މެދުކަނޑާލާފައެވެ. ކަރުނާޓަކާގެ ސަރުކާރަކީ، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބީޖޭޕީގެ ސަރުކާރެކެވެ.

ހައިކޯޓުގެ އަމުރު އިސްތިއުނާފު ކުރުމަށް އެދި ސުޕްރީމް ކޯޓަށް ވެއްދި މައްސަލާގައި ބުނެފައި ވަނީ، ހައިކޯޓުގެ އަމުރަކީ، ހިޖާބު އެޅުމަށް، މުސްލިމު އަންހެން ދަރިވަރުންނަށް ލިބިފައިވާ ހައްގު ނިގުޅައި ގަންނަނިވި އަމުރެއް ކަމަށެވެ.

ބުރުގާ އަޅައިގެން ކުލާސްތަކަށް ހާޒިރު ނުވެވޭ ގޮތަށް އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ބައެއް ކޮލެޖުތަކާ ހައި ސްކޫލްތަކުން ނިންމާފައި ވާ އިރު، އެ ސްޓޭޓްގައި ކިޔަވަމުން ދާ ދިވެހި ދަރިވަރުންގެ ތެރެއިން، ބުރުގާ، ނިގާބު އަދި ހިޖާބު އަޅާ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ހާރިޖިއްޔާއިން ކުރަމުން އަންނަނީ ކޮން ކަމެއްތޯ ބެލުމަށް ދަ ޕްރެސްއިން ދިވެހި ހާރިޖިއްޔާގައި ސުވާލު ކުރުމުން، އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ.