މުސްލިމު އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރު ވަމުން ދާ ދިއުމާ ދެކޮޅަށް ހިންދޫ ދީނުގެ ދަރިވަރުންތަކެއް މުޒާހަރާއަށް ނިކުމެ މަސްރަހު ހޫނު ކުރުމުގެ ސަބަބުން، އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ހައި ސްކޫލްތަކާ ކޮލެޖުތައް ބަންދު ކޮށްފިއެވެ.

ކަން މިހެން އޮތް އިރު، އަންހެން ދަރިވަރުންނަށް ބުރުގާ އަޅައިގެން ކުލާހަށް ހާޒިރުވުމަށް ފުރުސަތު ހޯދުމުގެ ގޮތުން ކަރުނާޓަކާ ހައިކޯޓަށް ވެއްދި މައްސަލައިގެ އަޑުއެހުން މިއަދު ކުރިއަށް ގެންދިއުމަށް އޮތީ ތާވަލު ކޮށްފައެވެ.

ބުރުގާ އަޅައިގެން މަތީ ތައުލީމު ހާސިލު ކުރަން ދިއުމުގެ މައްސަލަ އިންޑިއާގައި ހޫނުވީ، އިންޑިއާ ސަރުކާރުން ހިންގާ ކޮލަޖަކަށް ބުރުގާ އަޅައިގެން ދިޔަ 6 ކުއްޖަކު ކުލާހުން ބޭރުގައި ބައިތިއްބާ މައްސަލަ، އެހެން ކޮލެޖުތަކަށް ފެތުރި، ފުޅާވެގެންނެވެ.

ހިންދޫ ދީނުގެ ދަރިވަރުން ސެފްރޯން ކުލައިގެ ޝޯލް އަޅައިގެން ކުލާސްތަކަށް ހާޒިރުވެފައެވެ. އެ ކުލައަކީ ހިންދޫ ދީނުގެ ރަމްޒީ ކުލައެކެވެ. ހިންދޫއިން މިކަން ކުރީ، މުސްލިމު ދަރިވަރުން ބުރުގާ އެޅުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ނަމުގައެވެ.

ބުރުގާ އަޅައިގެން ކުލާސްތަކަށް ހާޒިރު ވުމުގެ މައްސަލައަކީ ދިގުލާ ގޮސްފައި ވާ މައްސަލައެއް ނަމަވެސް، ބައިނަލްއަގުވާމީ ސަމާލުކަން މިކަމަށް ހުއްޓުނީ، ތޯލިބާނުންގެ ވަކިތަކުން ސަލާމަތްވެ، އަންހެން ކުދިންގެ ތައުލީމަށް ވަކާލާތު ކުރުމުގެ ނަމުގައި ގިނަ ބައެއްގެ ލޯބި ހޯދި މަލާލާ ޔޫސުފް ޒާއީ އެ މައުލޫއަށް ވާހަކަ ދެއްކި ހިސާބުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ މަންޒަރުތަކަށް ބަލާއިރު، ހިޖާބު އަޅާ ދަރިވަރުންނާ، ސެފްރޯން ޝޯލް އެޅި ދަރިވަރުންނާ ދެމެދު، ބަހުގެ ހޫނުގަދަ ހަމަލާތަކެއް ވަނީ ބަދަލު ކޮށްފައެވެ.

މަސްރަހު ހޫނުވެގެން ދިޔައީ ކޯޓު އަޑުއެހުމާ ދިމާކޮށް ކަމަށް ހަބަރު ލިބެއެވެ. އެގޮތުން އޮއްގާ އުކުން ފަދަ ހަމަލާތައް ބަދަލު ކޮށްފައިވެއެވެ. ބައެއް ސިޓީތަކުގައި ހުޅުޖެހުމުގެ ޖަރީމާތައްވެސް ހިނގި ކަމަށް ހަބަރު ލިބެއެވެ.

ބުރުގާ އެޅުމާ ގުޅިގެން އުފެދުނު ދެބަސްވުންތައް، މުޒާހަރާތަކަކަށް ބަދަލު ވެފައި ވާއިރު އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން 4 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާ ކުރާ ގާނޫނީ އަމުރު ތަންފީޒު ކުރަން ފަށާފައެވެ.