މުޅި މައިބަދަ ބުރިވެ، ވާގި ނެތިފައި ވާ މީހަކު، ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، މިނިވަން ކަމާއެކު ހިނގައިފިއެވެ.

މިޝޭލް ރޮކާޓީ ނަމަކަށް ކިއާ މީހާ ހިނގާފައި ވަނީ ސުވިޓްޒަލަންޑްގެ ރިސާޗަރުން ތަރައްގީ ކުރި ހާއްސަ އިމްޕްލާންޓެއްގެ އެހީގައެވެ. ހަމަ މި ޓެކްނޮލޮޖީގެ އެހީގައި، ވާގި ނެތިފައި އޮތް އިތުރު މީހެއްގެ ސިއްހީ ހާލަތު ރަނގަޅުވެފައި ވާ ކަމަށް ހަބަރު ލިބެއެވެ. އެގޮތުން އެމީހާއަށް ދަރިއަކު ހޯދިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ދިރާސާ އާންމު ކޮށްފައި ވަނީ ސިއްހީ ދާއިރާގެ ހޯދުންތައް ޝާއިއު ކުރަމުން އަންނަ ނޭޗާ މެޑިސިން ޖާނަލްގައެވެ.

ރޮކާޓީ ވާގި ނެތުނީ މީގެ 5 އަހަރު ކުރިން ހިނގި ސައިކަލް އެކްސިޑެންޓެއްގައެވެ. އެ އެކްސިޑެންޓްގައި އޭނާގެ މައިބަދަ މުޅިންހެން ބުރިވިއެވެ. އަދި ފައިގެ ހިއްސު މުޅިން ކެނޑުނެވެ.

ނަމަވެސް އޭނާގެ މައިބަދާގައި ހަރުކޮށްފައިވާ އިލެކްޓްރިކަލް އިމްޕްލާންޓެއްގެ އެހީގައި މިއަދު އޭނާއަށް ހިނގާބިނގާވެ އުޅެވެއެވެ.

މިއީ މިހާ ބޮޑު ޒަހަމެއް މައިބަދައަށް ލިބިފައި ހުރި މީހަކު، މިހާ މިނިވަން ކޮށް ހިނގި ފުރަތަމަ ފަހަރު ކަމަށް ބުނެވެއެވެ.

ސާޖަރީ ހަދައިގެން ރޮކާޓީގެ މައިބަދައަށް ލައްވާފައިވާ އިމްޕްލާންޓްތައް އޮން ކޮށްފައި ހުންނަ ވަގުތުތަކުގައި ހަރަކާތް ކުރުމަށް ފަޔަށް ސިގުނަލް ފޮނުވައެވެ.

މިހާތަނަށް 9 މީހަކު ވަނީ މި އިމްޕްލާންޓް ތަޖުރިބާކޮށް، ހިނގާފައެވެ. އާންމު ދިރިއުޅުމުގެ އުސޫލުން ހިނގާ ބިނގާވެ އުޅުމަށް އަދި މި އިމްޕްލާންޓް ބޭނުމެއް ނުކުރެއެވެ. އެ މީހުން އިމްޕްލާންޓް ބޭނުން ކުރީ ހިނގާބިނގާވެ އުޅުމާ ގުޅުންހުރި ކަންކަން ފަރިތަ ކުރުމަށެވެ.