ހިޔާ ޓަވަރު ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ރިޕޯޓް ކުރިތާ 45 މިނެޓް ތެރޭ ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 13 އަދި 14 އާ ދެމެދުގައި ހުރި ކުނިތަކެއްފައި އަލިފާން ރޯވެގެން މިއަދު މެދުރު ފަހު 2:15 ހާއިރު ރިޕޯޓް ކަމަށެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ހުޅުމާލެ ފާޔާ ސްޓޭޝަނުން ހަރަކާތްތެރިވެ އަލީފާން ނިއްވާލާފައި ވަނީ 3:00 ޖެހި އިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށިފަހުން ދޭތެރެ ދޭތެރެއިން މިފަދަ އަލިފާނުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.