އެމްޑީޕީގެ ހަރުގެ ކައިރިން މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރަށް ބަޔަކު ފުރައްސާރަ ކޮށްފިއެވެ.

ޒަމީރަށް ފުރައްސާރަ ކޮށްފައި ވަނީ ރޭ 11:00 ޖަހާކަން ހާއިރު އެމްޑީޕީގެ މައި ހަރުގެ ކައިރިން އޭނާ ވަޑައިގަންނަވަނިކޮށް، ހަރުގެ ބަންދުކުރުމަށް ފަހު ނިކުތް އެ ޕާޓީގެ ބައެއް މެންބަރުން އޭނާ ހުއްޓުވުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް ދެއްވި މައުލޫމާތުގައި ޒަމީރު ވިދާޅުވީ، އޭނާ ހުއްޓުވައި، އެމްޑީޕީގެ ހަރުގެއިން ނިކުތް ބައެއް މެންބަރުން އޭނާއަށް ފުރައްސާރަކުރި ކަމަށާއި، އެ އަމަލު ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެ މެންބަރުންގެ މައުލޫމާތުތައް ހާމަކުރައްވަން ބޭނުން ނުވާ ކަމަށާއި، އެ މެންބަރުންގެ މައުލޫމާތު ހާމަކުރައްވައިފި ނަމަ، އެ މީހުންނާ އެއް ދަރަޖައަކަށް ވެއްޓުނީ ކަމަށް ދެޖެވަޑައިގަންނަވާ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

"އަޅުގަނޑު އަނެއްކާވެސް ކައުންސިލަށް އިންތިހާބުވެފައި މިހުރީ ނިމިދިޔަ ކައުންސިލްގެ ދައުރުގައިވެސް ވަކި ކުލައަކަށް ފިކުރަކަށް ބެލުމެއްނެތި ކަންކަން ކޮށްދެވުމުން." ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ކުރައްވަން ޖެހޭ ކަންކަމަށް ސިޓީ ކައުންސިލަށް އެއްބާރުލުން ދެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.