މި ވަގުތަކީ އިންޑިއާގައި އިންވެސްޓް ކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.
ވިޔަފާރީ ކުރުމުގައި ލުއި ފަސޭހަކަން ހޯދާދިނުމުގެ މަސައްކަތްތައް ބާރުވެރި ކުރުވުމަށް އިންޑިއާއިން އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ދުނިޔޭގެ ލީޑަރުންނާ މުހާތަބު ކުރައްވާ، މި ފަދަ ރޫހެއްގައި މޯދީ ވާހަކަފުޅުދައްކަވާފައި ވަނީ، ވޯލްޑް އިކޮނޮމިކް ފޯރަމްގެ އޮންލައިން ޑާވޯސް އެޖެންޑާ 2022 ސަމިޓަށް ދެއްވި ހާއްސަ ތަގުރީރުގައެވެ.
ޑާވޯސް އެޖެންޑާ 2022 ސަމިޓްގައި ތަގުރީރު ކުރައްވަމުން މޯދީ ވިދާޅުވީ، އިންޑިއާގެ ފޯކަސް ނުވަތަ އިންޑިއާއިން ހާއްސަ ސަމާލުކަމެއް ދެމުން ދަނީ ރަނގަޅު ދިމާއަށް މިސްރާބު ޖަހާފައިވާ އިސްލާހުތަކަށް ކަމަށާ، ދުނިޔޭގެ ފެންވަރުގެ އިގުތިސޯދީ ތަޖުރިބާކާރުންވެސް އިންޑިއާގެ ނިންމުންތަކަށް ތައުރީފު ކުރާ ކަމަށެވެ.
މުޅި ދުނިޔެއަށް އިންޑިއާއިން ހަދިޔާ ކުރަނީ އުއްމީދުގެ ބޮކޭއެއް ކަމުގައި ސިފަކުރައްވާ ވާހަކަފުޅުދައްކަވަމުން މޯދީ ވަނީ، އެ ބޮކޭގައި ހިމެނީ، އިންޑިއާގެ ޑިމޮކްރަސީއަށް ކުރާ އިތުބާރާ، އިންޑިއާގެ ޓެކްނޮލޮޖީއާއި، ޒަމާނާއި ހާލަތަށް ހާލަތަށް އަހުލުވެރިވުމުގެ އުކުޅާ، އިންޑިއާގެ ހުނަރުވެރިކަން ކަމަށެވެ.
ބާރުތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމާ ހަވާލުވިއިރު އެ ގައުމުގައި އަލަށް ފަށައިގަންނަ ކުންފުނިތަކުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ވަނީ ސަތޭކައެއްހާ ކުންފުނި ކަމުގައި ވީ ނަމަވެސް، މިއަދު، އެ އަދަދު، 60000 އަށް އަރާފައި ވާ ކަމަށް މޯދީ ވިދާޅުވިއެވެ. މީގެ ތެރެއިން 10000 އަށް ވުރެ ގިނަ ކުންފުންޏަކީ ފާއިތުވީ 6 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރި ކުންފުނިތައް ކަމަށްވެސް މޯދީ ވިދާޅުވިއެވެ. އަދި 5 މިލިއަނަށް ވުރެ ގިނަ ސޮފްޓްވެއާ ޑިވަލޮޕަރުން އިންޑިއާގައި މިއަދު މަސައްކަތް ކުރަމުން އަންނަ ކަންވެސް މޯދީ ވަނީ ފާހަގަ ކުރައްވާފައެވެ.
އިންޑިއާއިން މިއަދު ސިޔާސަތުތައް އެކުލަވާލަމުން އަންނަނީ އަދުގެ ބޭނުންތަކަށް ބަލައިގެން އެކަނި ނޫން ކަމަށާ، އެ ޕްލޭންތަކުގައި ކުރިއަށް އޮތް 25 އަހަރަށް ސަމާލުކަން ދޭ ކަމަށް މޯދީ ވިދާޅުވިއެވެ. އަދި ކޮވިޑް-19 އާ އިންޑިއާއިން ކުރިމަތިލާފައި ވަނީ ފުރިހަމައަށް ސަމާލުވެ އޮވެގެން ކަމަށާ، މި ދަނޑިވަޅުގައިވެސް އިންޑިއާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި ނަގަހައްޓަމުން އަންނަ ކަމަށް މޯދީ ވަނީ ފާހަގަ ކުރައްވާފައެވެ.
ވިޔަފާރީގެ ދުނިޔޭގެ އަހުލުވެރިންނަށް ކަމުދާނެ ގޮތަށް، އިންޑިއާ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ސަބަބުން، އިންވެސްޓް ކުރުމުގެ އާ މަންޒިލަކަށް އިންޑިއާ ވަމުން އަންނަ ކަންވެސް އެ ގައުމުގެ ބޮޑުވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.