ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި، އެ ދެ ބިމާއި ޅ. ޅޮއްސަލަފުށި ދޭން ނިންމަ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އެޅިއެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އެ ކުންފުންޏަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ.

އެކަމަކު މަސައްކަތް ފަށަން ދިން މުއްދަތުގައި އެކަން ކުރިއަށް ނުދިޔަ ކަމަށް ބުނެ އެއްބަސްވުން ބާތިލުކުރަން ނިންމީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުއެވެ. ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ޓާޓާ އިން ހުށަހެޅީ ތިން ބިލިއަން ރުފިޔާގެ ބަދަލެއް ނަގައި ދިނުމަށެވެ.

މި ސަރުކާރުން ޓާޓާ އެކު މަޝްވަރާކޮށް ނިންމީ އެ ކުންފުނިން ބޭނުންވި ބޭނުންތައް ދީގެން މަޝްރޫއު ކުރިއަށް ގެންދާށެވެ. މި މަޝްރޫއުގައި ޓާޓާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި ހުޅުމާލޭގެ ދެ ބިން ހިމެނޭ ކަަމަށް އެއްބަޔަކު ބުނެ ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ. އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ، 2015 ގައި ހުޅުމާލެ އިން ދެ ބިމެއް ދޫކުރީ މި މަޝްރޫއުގެ ދެ ވަނަ ފިޔަވަހިން ކަމަށެވެ.

ހަމައެއާއެކު މި ސަރުކާރުގައި ވެސް އެކި ފަހަރު މަތިން މަޝްވަރާކޮށް ކޯޓުން ބޭރުން މި މައްސަލަ ނިންމީ، އާބިޓްރޭޝަންގައި އެ މައްސަލަ ޓާޓާއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ސަރުކާރުގެ ފަރާތުން މައްސަލައިގައި ވަކާލާތު ކުރާ ލޯޔަރުން ލަފާ ދެއްވާފައި ވާތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ވެސް އެކި ފަހަރު މަތިން އެއްބަސްވުމަށް އިސްލާހުތައް ގެނެސް، ރިސޯޓް ހަދަން ޅޮއްސަލަފުށި ދޭން އެއްބަސްވިޔަސް އެކަން ބަދަލުކޮށް، ލަގްޒަރީ ވިލާ އަޅަން ބިން ދޫކުރާ ގޮތަށް ހަދާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ

ޓާޓާ ކުންފުނި މެދުވެރިކޮށް 500 ފްލެޓް އެޅުމަށް ސަރުކާރުން އެއްބަސްވިތާ މިހާތަނަށް 12 ވަރަކަށް އަހަރު ވެފައިވާ އިރު، އަދި އެ ކުންފުންޏަށް އެޅުނީ 288 ފްލެޓެވެ.