ހޮޑުލުމާއި ބޭރަށް ހިންގާ ރޯގާއެއް ހަލުވި ކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި، އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް، އޯއާރްއެސް ނުވަތަ ލޮނު ޕެކެޓް ބޭނުން ކުރާނެ ގޮތުގެ އިރުޝާދު ދެއްވައިފިއެވެ.

އޯއާރްއެސް ނުވަތަ ލޮނު ޕެކެޓް ގިރާ އިރު ބައެއް މީހުން ތަފާތު ގޮތްގޮތަށް އެ ގިރާ ތަން ފެނެއެވެ. އެއްބަޔަކު ކައްކާފައި ހުންނަ ފެނުގައި ގިރާ އިރު އަނެއް ބަޔަކު ޖޫސް ފަދަ ދިޔާ އެއްޗެއްސާ އެކު ލޮނު ޕެކެޓް އެއްކޮށްގެން ބޭނުންކުރާ ތަން ފެނެއެވެ.

އޯއާރްއެސްގެ ކުދި ޕެކެޓާއި ބޮޑެތި ޕެކެޓް ހުންނަ އިރު، ކަނޑަލައިގެން ބޮވޭ ގޮތަށް ގިރާފައި ހުންނަ ދިގު ޕެކެޓްތަކެއް ވެސް މިހާރު އޯއާރްއެސްގެ ގޮތުގައި ބޭނުން ކުރެއެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ހޮޑުލައި ބޭރަށް ހިންގައި ހަށިގަނޑު ޑީ ހައިޑްރޭޓް ވާ ނަމަ ޑޮކްޓަރުން ދޭ އޯއާރްއެސް ޕެކެޓުގެ ވަކި ބާވަތަކީ ކުޑަކުދިންނަށް ހާއްސަކޮށް ދޭ އެއްޗެކެވެ. އެއްބަޔަކު ގަބޫލު ކުރާ ގޮތުގައި ދިގުކޮށް ހުންނަ ފެނާ އެއްކޮށް ގިރަން ނުޖެހޭ "ހައިޑްރަލައިޓް" ޕެކެޓްތަކަކީ ކުޑަކުދިންނަށް ދޭން ހާއްސަ ޕެކެޓްތަކެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް

ލޮނު ޕެކެޓް ދިނުމާ ގުޅޭ އިރުޝާދު ދެއްވަމުން ޑރ. ފައިސަލލް ވިދާޅުވީ، ކުޑަކުދިންނަށް ދޭން ހާއްސަ އޯއާރްއެސް އެއް ނުހުންނާނެ ކަމަށެވެ. އެހެންކަމުން އޯއާރްއެސްގެ ކޮންމެ ވައްތަރެއްވެސް ކުޑަކުދިންނަށް ދެވި ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޯއާރްއެސް ގިރާނެ ގޮތުގެ ތަފްސީލް ދެއްވަމުން ފައިސަލް ވިދާޅުވީ، ބޮޑެތި ޕެކެޓް ގިރާނީ އެއްލީޓަރުގެ ފެނުގައި ކަމަށާއި ކުދި ޕެކެޓް ގިރާނީ އެ ޕެކެޓުގައި ދީފައިވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ. މިނެރަލް ވޯޓާ ފުޅިއެއް އޯއާރްއެސް ގިރުމަށް ބޭނުން ކުރާ ނަމަ އެ ފެން ކައްކަން ނުޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ނަމަވެސް އިސްކުރު ފެން ބޭނުން ކުރާ ނަމަ އެ ފެން ކައްކައިގެން ބޭނުން ކުރުމަށް ސިއްހީ މާހިރުން ލަފާ ދެއެވެ. މީގެ އިތުރުން ކުރުނބާ ފެނުގަައި އޯއާރުއެސް ގިރައިގެން ނުވާނެ ކަމަށާއި އެންމެ ރަނގަޅީ ހުސް ފެނަށް ގިރައިގެން ބޭނުން ކުރުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އާންމުކޮށް ހުންނަ ބޮޑެތި އޯއާރްއެސް ޕެކެޓުވެސް، ކުދި ޕެކެޓުވެސް، ގިރާފާ ދިގުކޮށް ހުންނަ ޕެކެޓު ވެސް ހުރިހާ އުމުރަކަށް ރަނގަޅު ވާނެ. ބޮޑެތި ޕެކެޓު ގިރާނީ 1 ލިޓަރު ފެނުގައި، އިތުރު އެއްޗެއް ނާޅާ. ކުދި ޕެކެޓު ގިރަން އަޅާނެ ފެނުގެ މިންވަރު އޭގައި ލިޔެފައި އޮންނާނެ. ކުރުނބާ ފެނުގައި ނުގިރާތި"
ޑރ. އަހްމަދު ފައިސަލް

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް މިދުވަސްކޮޅު ފެތުރެމުންދާ އިރު، މި ހުސްވި 11 ދުވަހުގެ ތެރޭގައި އެ ރޯގާގެ 3491 ކޭސް ރިޕޯޓްކޮށްފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ހޮޑުލައި، ބޮޑުކަމު ދެވި ގައިގައި ވަރު ނެތް ނަމަ ގިނަގިނައިން އޯއާރްއެސް ބޭނުން ކުރުމުން ހަށިގަނޑުގައި ވަރު ޖެހި މީހާ ގައިން ފެން މަދުވުން ކުޑަކޮށްދޭނެއެވެ. ހަމައެއާއެކު ގިނައިން ފެން، ސޫޕް، ބަތްޕެން ފަދަ ދިޔާ ތަކެތި ބޭނުން ކުރުމަކީ ވެސް އަވަހަށް ގައިގައި ވަރުހެޖެހިގެން ދާނެ ކަމެކެވެ. މިފަދަ ރޯގާތައް އިތުރުވާ އިރު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮންނަން ސަމާލުކަން ދޭން ވާނެއެވެ. އަދި މި ރޯގާގެ އަލާމާތްތައް ފެންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަކީ ވެސް މިފަދަ ބަލިތައް ފެތުރުން ހުއްޓުވޭނެ ކަންކަމެވެ.