ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ސިޓީ ކައުންސިލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރަން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހައި ކޯޓަށް ފޮނުވީ މިއަދު ކަމަށެވެ.

އެޗްޑީސީ އަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރި މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އެ މައްސަލާގައި އެޗްޑީސީން ވަނީ ގެއްލުމުގެ ބަދަލު ނަގައިދޭން ވެސް އެދިފައެވެ.

މިމަހުގެ 16 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ، އެޗްޑީސީގެ ދަށުގައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކޮށް، ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން މިމަހުގެ 8 ގައި ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އަމުރު ކޮށްފައެވެ.

ސިވިލް ކޯޓުގެ އަމުރުގައިވާ ގޮތުން، ހުޅުމާލޭގެ ބިން އެޗްޑީސީއަށް މިލްކުވެފައި އޮތީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ހަރަދާއި ނެގި ލޯނުތަކަށް ޒިންމާވާ ގޮތަށް ކަމަށް ވާއިރު، ވަގުތީ އަމުރެއް ނުނެރެދީފި ނަމަ، އިއާދަނުކުރެވޭ ވަރުގެ ގެއްލުން އެ ކޯޕަރޭޝަނަށް ލިބޭނެ ކަމަށެވެ.

މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަމުރުކުރުމުގެ އިތުރުން، ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީއަށް ލިބިފައިވާ ހައްގަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރާ ނަމަ އެކަން ހުއްޓުވަން ދައުލަތާއި ފުލުހުންގެ މައްޗަށްވެސް އަމުރުކޮށްފައިވާ ކަމަށް ބުނެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ނުދިނުމާއި، މުނިސިޕަލް ހިދުމަތްތައް ކައުންސިލާ ހަވާލުނުކުރާ ކަމަށް ބުނެ ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމަށްފަހު، އެޗްޑީސީއާ އެކު އުފެދުނު ދެބަސްވުންތަކަކާ ހެދި ރަޖިސްޓްރީ އުވާލި މައްސަލައާ ގުޅިގެން ކައުންސިލްގެ އެ ނިންމުމަށް އަމަލު ނުކުރުމަށް އެލްޖީއޭއިންވެސް ވަނީ އަންގާފައެވެ.