އިންވެސްޓަރުންނާއި އާންމު ފަރުދުންގެ މެދުގައި އެޗްޑީސީގެ އިތުބާރު ގެއްލޭ ގޮތަށް މާލެ ސީޓީން ހަގީގަތާ ހިލާފް ވާހަކަތައް ހިމަނައިގެން ބަޔާނެއް ނެރެފައި ވާތީ އެގޮތަށް ކަންކަން ނުކުރުމަށް މާލެ ސިޓީ ކައުންސިލަށް އެޗްޑީސީން އިލްތިމާސް ކޮށްފިއެވެ.
އެޗްޑީސީން މިހެން ބުނީ، މާލެ ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު ހިޔާލު ތަފާތުވެފައި ވަނިކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭނާ އެއްގޮތަށް 60 ގޯތި ވިއްކަން އެޗްޑީސީން އިއުލާން ކުރުމުން މާލެ ސިޓީ ކައުންސިލުން އެކަމާ ދެކޮޅަށް ނެރުނު ބަޔާނަކާ ގުޅިގެންނެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައި ވާތީ އެއީ، ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބަޔާން ކޮށްފައިވާ ކަންކަމާ ހިލާފު ބަޔާނެއް ކަމުގައި ދެކޭ ކަމަށެވެ. އެގޮތުން ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން، ހުޅުމާލޭގެ ބިމުގެ މިލްކުވެރިފަރާތުގެ ހައިސިއްޔަތުން ލިބިދީފައިވާ އެންމެހައި ގާނޫނީ ހައްގުތަކާއި، ހުޅުމާލޭގެ ބިމާ ގުޅިގެން ކުރަމުން އައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްގީ ކުރުމާއި ބެލެހެއްޓުމުގެ ގޮތުން ކުރަމުން އައި ކަންކަން ކުރުން މަތީ ދެމިހުރުމުގެ ހައްގު ވަނީ ސިވިލް ކޯޓުގެ އަމުރުން ލިބިދީފައި ކަަމަށް އެޗްޑީސީން ބުނެއެވެ.
އަދި މާލޭ ސިޓީ ކައުންސިލުން މިފަހަކަށް އައިސް، އެޗްޑީސީގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް މިފަދަ ބަޔާންތައް ނެރެމުން ދިއުމުގެ ސަބަބުން ނުހަނު ގެއްލުން ލިބެމުން ދާ ކަމަށާއި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް މާލޭ ސިޓީ ކައުންސިލަށް އިލްތިމާސް ކުރާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށްޓަކައި އެ ކޯޕަރޭޝަނުން ކުރި އިއުލާނުގެ ދަށުން ބީލަމަށް ހުޅުވާލި 60 ބިމުގެ ގާނޫނީ މިލްކުވެރި ފަރާތަކީ އެޗްޑީސީ ކަމަށާއި، އެބިމުން ތަސައްރުފް ކުރުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ލިބިފައި ވަނީ ވެސް އެ ކޯޕަރޭޝަނަށް ކަމަށެވެ. ހުޅުމާލޭގެ ބިމަކީ ކައުންސިލުގެ އިދާރީ އިހްތިސޯސް ހިނގާ ސަރަހައްދުގައި ވާ ބިމެއް ކަމަކު، ހުޅުމާލެ ބިމަކީ މާލެ ސިޓީ ކައުންސިލުގެ މިލްކުވެރިކަން އެބިމުގެ މައްޗަށް ހިނގާނެ ބިމެއް ނޫން ކަމަށް ލާމަރުކަޒީ ގާނޫނަށް ބެލުމުން އެނގޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި އެޗްޑީސީއަކީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ވެފައިވާ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމުގެ ގާނޫނީ ހައްގު ލިބިފައިވާ ވަކި ގާނޫނީ ޝަހްސެއް ކަމަށް އެޗްޑީސީން ބުނެއެވެ. އެހެންކަމުން އެ ކުންފުނީގެ މުދަލެއް ކަމުގައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ވިއްކުމުގެ ފުރިހަމަ އިހްތިޔާރު އެ ކުންފުންޏަށް ލިބިދީފައި ވާކަމަށް ދެކޭ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކުމަށް ނިންމައި އިއުލާން ކޮށްފައި ވާއިރު އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައި ވަނީ މުއިއްޒު އެކަންނެއް ނޫނެވެ. ހުޅުމާލެއިން ބިން ވިއްކާ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުވެސް ވަނީ ހިތްޕުޅު ހަމަޖެހިވައި ނުގަންނަވާކަން ފާޅު ކުރައްވާފައެވެ. މިދެ ފަރާތުން ވެސް ކަންބޮޑުވުން ފާޅުކުރައްވައިވައި ވަނީ މާލޭގައި ގޯތި ބޭނުންވެފައި ތިބި އެތައް ބަޔަކު ތިބުމުން އެކަމާ ގުޅުވާފައެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކަން އިއުލާން ކޮށްފައި ވަނީ އެޗްޑީސީން ވިޔަފާރި އުސޫލުން ވިއްކުމަށް ކުރިން ރާވާފައިވާ ބިންތަކެއް ކަމަށާއި އެއީ އާންމުންނަށް ގޯތީގެ ގޮތުގައި ދޫކުރަން ރާވާފައިވާ ބިންތަކެއް ނޫން ކަމަށެވެ. މާލެ ރައްޔިތުންނަށް ގޯތީގެ ދަތިކަން އޮތް ކަމަށް ބުނާ މައްސަލައާ ގުޅިގެން އަސްލަމް ވިދާޅުވެފައި ވަނީ ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށާއި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.