އިންޑިއާ އައުޓް ނަމުގައި އިންޑިއާ ސިފައިން ބޭރުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕޭނަށް ރައްދު ދެއްވަމުން "އިންޑިއާ އައުޓް" އޭ ދިވެހިންނަށް ނުބުނެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރާއި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅުވާލެވޭނެ ދައުރެއް ނޫން ކަމަށެވެ. އަދި އެފަދައިން އެކަން އޮތުމުން "އިންޑިއާ އައުޓް އެކޭ" ވެސް ދިވެހިންނަށް ނުބުނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ހަރަކާތެއް ހިންގަމުންނެވެ. އެ ގޮތުން އެ ހަރަކާތްތަގައި މިނިވަންވެ ވަޑައިގަތްފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެ ގޮތުން އިއްޔެ ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ އިދިކޮޅުގެ ހަރަކާތުގައި ޔާމީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިއީ އެމްއެމްޕީއާރްސީ ހިޔާނަތުގެ މައްސަލައިގައި ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ 3 އަހަރު ފަހުން އެމަނިކުފާނު މިނިވަން ވުމަށް ފަހު އިދިކޮޅު ކޯލިޝަނުން ސަރުކާރާ ދެކޮޅަށް ބާއްވާ އަތޮޅުތެރޭގެ ފުރަތަމަ ހަރަކާތެކެވެ. މި ހަރަކާތަށް އަލި އަޅުއްވާލައްވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާއި ރާއްޖެއަށް އިންޑިއާގެ ނުފޫޒު އޮތް މިންވަރު ހާމަކުރައްވައި ހޫނު ރައްދެއް ދެއްވާފައެވެ.

އެ ގޮތުން އެމަނިކުފާނު ވިދާޅުވެފައި ވަނީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރަކީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ގަވަރުނަރު ނޫން ކަމަށާއި އަދި މިއީ އިންޑިއާގެ ޓައުނެއްވެސް ނޫން ކަމަށެވެ. އިންޑިއާ ސިފައިން ފައިބަން ޖެހޭ ކަމަށް މީގެ ކުރިން ސަރީހަ ބަހުން ވިދާޅުނުވި ނަމަވެސް މިހާރު ބޭނުންފުޅު ވަނީ ސާފުކޮށް އެފަދައިން ވިދާޅުވާން ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މަގުމު އަދާކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުންނާއި ވާދަވެރި ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުންނާއި އެތައް ދިވެހި ރައްޔިތުން އިތުބާރު ކުރާ ލީޑަރެއްގެ ހައިސިއްޔަތުން ވިދާޅުވާނީ، އިންޑިއާ ސިފައިން ޖެހޭނީ ފައިބަން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އައުޓް އިދިކޮޅުން ގޮވަމުންދާ އިރު، ދާދި ފަހުން ވެސް ވަނީ ދިވެހި ސިފައިންނާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނަކަށް އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެއަށް އައިސްފައެވެ. ހަމައެއާއެކު އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާ ހިމެނޭ ގޮތަށް މިދިޔަ މަހުގެ ތެރޭގައި ވެސް އަސްކަރީ ތަމްރީންތަކެއް ރާއްޖޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އިންޑިއާއިން އައި އަސްކަރީ ޑޯނިއާގައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމުގެ އޮޕްރޭޝަނެއް ކުރިއަށް ގެންގޮސްފައި ވާއިރު، ސާފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސުނޭނާ" ވެސް ރާއްޖެ އައިސް އެ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހާ ދެމެދުގެ މުއްދަތެއްގައި ވަނީ އެ ތަމްރީނުގައި ބައިވެރިވެފައެވެ. އަދި އެ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ އިތުރު މަނަވަރެއް ރާއްޖެ އައިސްފައި ވެއެވެ. މީގެ އިތުރުން އިންޑިއާގެ އަސްކަރީ 2 ބޯޓު ހަނިމާދޫގައި ވެސް ވަނީ ޖައްސާފައެވެ.

އިންޑިއާ ސިފައިން ރާއްޖެއަށް އައިސް ރާއްޖޭގެ މިނިވަން ކަމށް ބުރޫ އަރުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ އިރު، އިންޑިއާ ސިފައިން އައުމުން ނުވަތަ އިންޑިއާ ސިފައިންނާއެކު ބާއްވާ އެފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތީ ކަންކަމަށް އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. ދެ ގައުމުގެ ގުޅުން ރަނގަޅުވުމުގެ ސަބަބުން ދެ ގައުމަށް ވެސް އެކަމުގެ މަންފާ ލިބިގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.