މިދިޔަ އޮކްޓޯބަރަށް ވުރެ ނޮވެމްބަރު މަހު ޑެންގޫ ހުން ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮކްޓޯބަރު މަހު 10 ޑެންގޫ ޖެހިފައި ވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ 22 އަށް އިތުރުވެފައެވެ. ހަމަ އެއާއެކު، އޮކްޓޯބަރުގެ ފަހު ހަފްތާގައި އެންމެ މީހަކަށް ޑެންގޫ ޖެހިފައި ވާއިރު، މިދިޔަ މަހުގެ އެ މުއްދަތުގައި އެ އަދަދު ފަހަކަށް ވަނީ އިތުރުވެފައެވެ.

ނަމަވެސް މިދިޔަ ތިން އަހަރަށް ވުރެ މިއަހަރުގެ މިހާތަނަށް ޑެންގޫ ޖެހިފައިވާ މީހުންގެ އަދަދު މަދުކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އެކަމަކު އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު މަހު އަރިދަފުސް ރޯގާ 30،483 މީހުންނަށް ޖެހިފައިވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ 19،598 އަށް ދަށްވެފައެވެ. އަދި އޮކްޓޯބަރުގެ ފަހު ހަފްތާގައި 5،602 މީހުންނަށް އަރިދަފުސް ރޯގާ ޖެހިފައި ވާއިރު، އެ އަދަދު ވަނީ 4،717 އަށް ދަށްވެފައެވެ.

އަރިދަފުސް ރޯގާއެކޭ އެއްގޮތަށް ބޭރަށް ހިންްގުން ޖެހުނު މީހުންގެ އަދަދުވެސް އޮކްޓޯބަރަށް ވުރެ ނޮވެމްބަރުގައި މަދުކަން ފާހަގަ ކުރެވެއެވެ. އެގޮތުން އޮކްޓޯބަރު މަހު 1،717 މީހުންނަށް ބޭރަށް ހިންގުން ޖެހިފައި ވާއިރު އެ އަދަދު 1،240 އަށް ދަށްވެފައި ވެއެވެ. އަދި އޮކްޓޯބަރުގެ ފަހު ހަފްތާގައި 351 މީހުންނަށް ބޭރަށް ހިންގުން ޖެހިފައިވާއިރު، އެ އަދަދު ވަނީ ނޮވެމްބަރުގެ ފަހު ހަފްތާގައި 292 އަށް ދަށްވެފައެވެ.

މީގެ އިތުރުން، އިންފްލުއެންޒާ އަށް މިއަހަރުގެ މިހާތަނަށް 3،757 މީހުން ޓެސްޓު ކޮށްފައި ވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވީ 875 މީހުންނެވެ. އޭގެ ތެރެއިން އެންމެ ގިނައިން އިންފްލުއެންޒާ އަށް ޓެސްޓު ކޮށްފައި ވަނީ އޮކްޓޯބަރުގައި ކަމަށް ވާއިރު، އެންމެ ގިނަ މީހުންވެސް ޕޮޒިޓިވްވީ އެ މަހުގައެވެ. އެގޮތުން 2،176 މީހުން އިންފްލުއެންޒާއަށް ޓެސްޓުކުރި އިރު 598 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ނަމަވެސް މިދިޔަ މަހު މިއަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ މަހު 685 މީހުން އިންފްލުއެންޒާއަށް ޓެސްޓު ކޮށްފައި ވާއިރު، ޕޮޒިޓިވްވީ 104 މީހުންނެވެ.

އެޗްޕީއޭއިން ވަނީ ޑެންގޫ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.