މާލެ ސިޓީ ތޮއްޖެހުމުން ދާތީ މާލެ ކައިރިން ފަޅެއް ހިއްކީ 1997 އަހަރެވެ. 50،000 މީހުންނަށް އަމާޒުކޮށްގެން ފެށި އެ މަސްރޫއު ފުޅާވެ އޭރުގެ ހުޅުމާލޭގެ ދެގުނަ މިހާރު ހިއްކާފައި އޮތް އިރު އެއީ ބިމުގެ ގޮތުން ރާއްޖޭގައި 4 ވަނަ އަށް އެންމެ ބޮޑު ރަށެވެ. 2.4 ކޮލޯމީޓަރު ހުންނަ އެރަށުގައި އަމާޒު ހިފާފައި އޮތީ 150،000 މީހުންގެ އާބަަދީއަކަށެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އަމިއްލަ މިލްކެއްގެ ގޮތުގައި ރަޖިސްޓާ ކޮށްދީފައި އޮތް ހުޅުމާލެ، ލާމަރުކަޒީ ގާނޫނުގެ އިމުގެތެރެއިން ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން ބާތިލު ކުރި މައްސަލަ ހޫނުވެފައި ވާއިރު އެއްބަޔަކު ސުވާލު އުފައްދަނީ އެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހުތިސޯސް ކައުންސިލަށް ލިބޭތޯއެވެ. އަނެއްބަޔަކު ސުވާލު އުފައްދަނީ، ގާނޫނީ އެއް ޝަހުސުން އަނެއް ޝަހުސްގެ ހައްގަކަށް އަރައިގަތުމުން ދެން ވާނީ ކިހިނެއްތޯއެވެ. ހުޅުމާލެއާއި އެޗްޑީސީ އަދި ސިޓީ ކައުންސިލްގެ މައްސަލަ ނިމޭ ހިސާބަކީ ކޮބާތޯއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ބުނަމުން އަންނަނީ އެ މީހުން މީގެ 6 މަސް ކުރިން ފެށިގެން ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގައި އެދިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އެދެވޭ ޖަވާބެއް ވެސް އަދި މަސައްކަތެއް ވެސް އެފަރާތްތަކުން ކޮށްދީފައި ނުވާ ކަމަށެވެ.
ވެގެން އުޅެނީ ކީއް؟
އިދިކޮޅުން ހުޅުމާލެ ފޭސް 2 ގައި މާދަމާ ރޭ ޖަލްސާއެއް ބޭއްވުމަށް ނިންމާ އެކަން އިއުލާނު ކުރުމާ ގުޅިގެން އެކަން އެހެން ކުރެވޭނީ އެޗްޑީސީގެ ހުއްދަ އޮވެގެން ކަމަށް ބުނުމާއެކު މައްސަލަ ހޫނުވެ ކޯޓުންގަނޑު ފެށުނެވެ. އެޗްޑީސީއިން ބުނަމުން އެ ބިމަކީ އެޗްޑީސީގެ މިލްކުގެ ތެރެއިން ވާ ބިމަކަށް ވާއިރު އެތަނުގައި ޖަލްސާ ބޭއްވޭނީ އެ ކުންފުނީގެ ހުއްދައާ އެކުގައި ކަމަށާއި އެ ހުއްދަ އިދިކޮޅުން ހޯދައިފާ ނުވާ ކަމަށެވެ. މި ޖަވާބާއެކު މާލެ ސިޓީ ކައުންސިލުން އިއްޔެ ކުއްލި ޖަލްސާއެއް ބާއްވާ ނެގި ވޯޓަކުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލު ކުރީއެވެ. އެއާއެކު އިދިކޮޅުން ހުޅުމާލެއަށް އަރާ މާދަމާރޭގެ ޖަލްސާއަށް ދިދަޖަހާ ތައްޔާރު ކުރަން ފެށީއެވެ. ނަމަވެސް މިއަދު އެޗްޑީސީއިން ވަނީ ކައުންސިލުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައެވެ.
އިދިކޮޅުން ޖަލްސާ ބާއްވަން ނިންމި ހުޅުމާލެ ފޭސް 2 ގެ ބިމަކީ މިހާރުގެ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ގޮތުގައި ހުންނަވައިގެން ޑިސެންބަރު 17 ،2015 ގައި އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދީފައި ވާ ބިމެކެވެ. މީގެ އިތުރުން ހުޅުމާލެ ސަރަހައްދުގައި ކުރާ ހުރިހާ މުނިސިޕަލް މަސައްކަތަކާއި ދޭ ހިދުމަތްތައް ވެސް ދެމުން ގެންދަނީ އެޗްޑީސީއިންނެވެ. ބޮކި ހަރުކުރުމުން ފެށިގެން ގޮސް ފާރުތަކުގައި ކުލަ ލިޔަސް، އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރަޖިސްޓްރީ ކަންތައްތައްވެސް ބަލަހައްޓަމުން ދަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.
ގާނޫނު ބުނަނީ ކީކޭ؟
މިދިޔަ 2010 ވަނަ އަހަރު އެކުލަވާލައި ގެޒެޓް ކުރި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 4 ވަނަ މާއްދާ ގައި ބުނާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ބެހިފައިވާގޮތުގެ (ށ) ގައި ބަޔާން ކޮށްފައި ވަނީ އިދާރީ ދާއިރާއެއްގެ ގޮތުގައި ހިމަނާފައިވާ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ދާއިރާގައި ހިމެނެނީ މާލެ، ވިލިނގިލި އަދި ހުޅުމާލެ ކަމަށެވެ.
އަދި އެ ގާނޫނަށް 2019 ގައި ގެނައި 8 ވަނަ އިސްލާހުގެ 2-56 އިހްތިސާސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަމުގެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެން ވަނީ ކައުންސިލަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެވެ.
ކައުންސިލުން ބާރު ހޯދަނީ ލާމަރުކަޒީ ގާނޫނުގެ އެ މާއްދާގެ ދަށުންނެވެ. ނަމަވެސް އިއްޔެ ކައުންސިލުން އެޗްޑީސީގެ ރަޖިސްޓްރީ ބަދަލު ކުރި އިރު، ހަމަ އެ މާއްދާގެ (ށ) އަށް ރިޔާޔަތް ކުރިކަމަކަށް ނުފެނެއެވެ.
އެ މާއްދާގެ (ށ) ގައި ބުނަނީ، މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް ކަމަށެވެ. އެއީ ހުޅުމާލެ ނަމަ އެތަނުގެ މިލްކުވެރި ފަރާތަކީ، ޑިސެންބަރު 17 ،2015 އިން ފެށިގެން އެޗްޑީސީއެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަދައްކަވަމުން ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލުން ކުރީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ އިސްލާހުގެ 2-56 ގައި ބުނާ ގޮތުން އެ ގާނޫނަށް އަމަލުކުރުމުގެ ކުރިން މިލްވެރިކަން ލިބިފައިވާ ފަރާތަކުން އެ މިލްވެރިކަން އަތުލައި ނުގަނެވޭނެ ކަމަށެވެ.
ނިޝާން އިތުރަށް ވިދާޅުވީ މިކަމުގައި ދެން އެންމެ އަދުލުވެރިގޮތަކީ ގެއްލުން ލިބުނު މީހާ ބަދަލު ހޯދުމަށް ކޯޓަށް ދިއުން ކަމަށެވެ. އަދި ކޯޓަށް އެ މައްސަލަ ވަންނާނީ ދެ ގޮތަކަށް ކަމަށާއި އެއީ އިދާރީ މައްސަލައެއްގެ ގޮތުގަ އާއި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
ހައްލަކީ ހުޅުމާލެ އަކީ ވަކި ސިޓީއަކަށް ހެދުން
ސިޓީ ކައުންސިލާއި އެޗްޑީސީގެ ވަރުގަދަ ބަހުސް ކޯޓާ ހިސާބަށް ގޮސްފައި ވާއިރު ސިޔާސީ އެކި ފަރާތްތަކާއި އާއްމުންގެ އެތަށް ބަޔަކު އަންނަނީ މިކަމާ ފާޑުކިޔާ، ދައުލަތުގެ ބޮޑެތި މުއައްސަސާތަކުގަައި ތަރައްސަފު ނުފުދޭ މީހުން ތިބުމުން ޖޯކު ޖަހަމުންނެވެ. ގާނޫނީ މިލްކުވެރިކަން އޮވެ އަމިއްލަ ބިން މޯގޭޖުކޮށް އެތައް ލޯނަކާއި އެގްރީމަންޓުތަކެއް އެތައް ފަރާތަކާއެކު ހަދާފައި ވަނިކޮށް، "ކުއްލި ވަރުގަނޑެއްގައި މަޑިސީލައަށް އަތްބާނައިގެން ވޯޓުލައި" އެޗްޑީސީ އުވާލުމަކީ ސިޓީ ކައުންސިލުން ބަތްކައްކާ ކުޅުންކަމަށް ބައެއް މީހުން ބުނެއެވެ. ހަމަ އެއާއެކު ލާމަރުކަޒީ ގާނޫނާ އެއްގޮތަށް މަރުކަޒުކޮށް ހުޅުމާލެގައި ހިދުމަތް ނުދޭތީ އެކަމާވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މީގެ އިތުރުން ހުޅުމާލެއަކީ ވަކި ސިޓީއަކަށް ބަދަލުކޮށް އަވަސް އިންތިހާބެއް ބާއްވަން ގޮވާލާ އަޑުވެސް ގަދަވެއްޖެއެވެ.
އާބާދީ އެއްފަސްކޮށް، 10،000 އިން މައްްޗަށް އާބާދީ އަރައިގެން ދިޔުމާއި، ސިޓީއެއްގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަ ވުމާއެކު އެޗްޑީސީއަކީ ސިޓީއެއްގެ ދަރަޖަ، ރައީސުލްޖުމްހޫރިއްޔާގެ ޑިކްރީ (ގަރާރަކުން) ދެވޭ ވަރުގެ ތަނެކެވެ.
ލާމަރުކަޒީ ގާނޫނާައި، ބިމާބެހޭ ގާނޫނާއި، ކުންފުންޏާ ބެހޭ ގާނޫނާއި، މާލިއްޔަތާ ބެހޭ ގާނޫނުތަކުން ތައާރުުވާ ކަންކަން ވެސް ފިލައިދާނެ ހައްލަކީ ހުޅުމާލެ ވަކި ސިޓީއަކަށް ހެދުމެވެ. ހަރަދާއި ވަސީލަތާއި އެހެނިހެން އިންތިޒާމުތައް ހުރި ގޮތަށް ބަލާއިރުވެސް އެއީ ރަނގަޅު ހައްލެކެވެ.