އިންޑިއާގެ ފުލުހުން ތަހުގީގު ކުރަމުންދާ ޑްރަގް މައްސަލައެއްގައި ތުހުމަތުވާ ދިވެއްސަކު ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފިއެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އެދިގެން އިންޓަޕޮލުން ރެޑް ނޯޓިސް ނެރެފައި ވަނީ އަލީ ރަޝީދު ކިޔާ މީހަކު ހޯދުމަށެވެ. އުމުރުން 31 އަހަރުގެ އެ މީހާ އަށް އަޒްލީފް މުހައްމަދު ކިޔާ ކަމަށް ވެސް ނޯޓިސްގައި ލިޔެފައި ވެއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ގިނަ އަދަދަކަށް ކެނަބިސް އުފައްދައި ވިޔަފާރި ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. އޭނާ ހޯދަން ނެރުނު ރެޑް ނޯޓިސްގައި ވަނީ އިންޑިއާގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ކަމަށްވާ "ދަ ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޯޕިކް ސަބްސްޓެންސް އެކްޓް 1985" ގެ ދެ މާއްދާއަކާ ހަވާލާދީފައެވެ.

ރެޑް ނޯޓިސްގައި ހަވާލާދީފައިވާ ފުރަތަމަ މާއްދާގައިވާ ގޮތުން އިންޑިއާގައި ކެނަބިސް އުފެއްދުމާއި ގެންގުޅުމާއި ވިއްކުމާއި ގަތުމާއި ޓްރެފިކް ކުރުމާއި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް އިމްޕޯޓު ކުރުމާއި އެކްސްޕޯޓު ކުރުމާއި ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އަދި އެ އަތުލައި ގެނެވެނީ ވިޔަފާރި ކުރަން ބޭނުން ކުރެވޭ ވަރުގެ އަދަދުތަކެއް ނަމަ 10 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމަކާ އެކު އަދި އެއް ލައްކަ ރުޕީސް އާއި ދެ ލައްކަ ރުޕީސްއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް އެ މާއްދާގައި ބުނެއެވެ. ދެވަނަ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގައިވާ ކުށްތައް ކުރުމަށް އެހީތެރިވުމަށް ވެސް ދެވޭނީ އެމީހަކު އެހީތެރިވި ކުށަށް ކަނޑައެޅިފައިވާ އަދަބު ކަމަށެވެ.

އިންޓަޕޮލް ވެބްސައިޓުގައި ހޯދަން ރެޑް ނޮޓިސް ނެރެފައިވާ ބައެއް ދިވެހިން

އިންޓަޕޯލް މެދުވެރިކޮށް ހޯދަން ރެޑް ނޯޓިސް ނެރެފައިވާ 9 ދިވެއްސެއްގެ ފޮޓޯ މިހާރު ވެސް އިންޓަޕޮލް ވެބްސައިޓުގައި ޖަހާފައި އެބަ އޮތެވެ. އޭގެތެރެއިން 8 މީހުންނަކީ ރާއްޖެއިން ބަލަމުންދާ މައްސަލަ ތަކުގައި ހޯދަމުންދާ ދިވެހިންކަން ފާހަގަ ކޮށްލެވެއެވެ.