މާލޭ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ޓީޖެޓީ ސަރަހައްދު މާލޭ ސިޓީ ކައުންސިލާ ހަވާލު ނުކުރުމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރިން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ، އަނެއްކާ ވެސް އެ ކައުންސިލާ ހަވާލު ކޮށްދިނުމަށް ރައީސް އޮފީހާއި އެމްޕީއެލްގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެކަން ކޮށް ނުދެވޭނެ ކަމަށް ރައީސް އޮފީހުން މިހާރު އަންގާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އެ ނިންމުމަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވީ އެއީ ލާމަރުކަޒީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި އަދި އެއީ މާލޭ މީހުންގެ ލާބަ އާއި މަންފާއާ ދެކޮޅު ނިންމުމެއް ކަމަށެވެ. ޓީޖެޓީ ބަލަހައްޓަން ސަރުކާރާއެކު އެމްޕީއެލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފައި ވާއިރު، ގާނޫނީ ގޮތުން އެއީ މިހާރު ކައުންސިލްގެ ތަނެއް ކަމަށް ވިޔަސް، އެ ތަނުން އާމްދަނީ ހޯދުމުގެ ފުރުސަތު އެއްކޮށް ބަންދުވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ މަހަކުވެސް ޓީޖެޓީން ފުދޭވަރެއްގެ އާމްދަނީއެއް ލިބޭ ކަމަށާއި، މިހާރު އެ ފައިސާ ލިބެނީ އެމްޕީއެލަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ސިޓީ ކައުންސިލަށް އެ ފައިސާ ލިބިއްޖެ ނަމަ މާލޭގެ ކުނި މެނޭޖްކުރުމާއި، މަގުތައް ސާފުކޮށް ބޭއްވުމުގެ އިތުރުން އެތައް ކަމަކަށް އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޓީޓެޖީ، ސިޓީ ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަތަރު ފަހަރަކު ދެންނެވި ކަމަށާއި ސިޓީއެއް ހުށަހަޅައިގެން އެ ކަމަށް އެދިފައިވީ ނަމަވެސް، ރައީސް އޮފީހުގެ ނިންމުން އައީ ރައްޔިތުންނާ ދެކޮޅަށް ކަމަށް މުއިއްޒު މިއަދު ވިދާޅުވިއެވެ.

ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރެވެ.