ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓާ މެދު ކަންބޮޑުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

އެޖަމާއަތުގެ ހެލްތް ޕެނަލްއަކުން ހުކުރު ދުވަހު ބުނީ މިހާތަނަށް ހެދިފައިވާ ތަހްލީލުތަކަށް ބަލާ އިރު ބީ.1529.1 ވޭރިއަންޓް ނުވަތަ އޮމިކްރޯންގެ ނަން ދީފައިވާ މި ކޮވިޑްގެ ވޭރިއަންޓަކީ ބަލި ޖެހިފައިވާ މީހުންނަށް އިތުރަށް ބަލި ޖެއްސުމުގެ ފުރުސަތު ބޮޑު ވޭރިއެންޓެއް ކަމަށެވެ. އަދި މި ވޭރިއަންޓަކީ ކޮވިޑްގެ ވެކްސިނަށް ނުގުނޑާ ވޭރިއެންޓެއްތޯ ބެލުމުގެ މަސައްކަތް ދިރާސާކުރާ ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ.

ޑަބްލިއުއެޗްއިން ބުނީ މިވޭރިއަންޓާ ބެހޭ ފުރިހަމަ ތަހްލީލުތަކެއް އަދި ސައިންސްވެރިންނަށް ހޯދިފައި ނުވާ ކަމަށާ މިކަމުގައި ހާވެސް އަވަސް އަރުވާލައިގެން ފިޔަވަޅުތައް އަޅަން ނުޖެހޭ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެހެން ބުނި ނަމަވެސް ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު މި ވޭރިއަންޓް މިހާތަނަށް ބެލްޖިއަމް، އިޒްރޭލް، ބޮޓްސްވާނާ އަދި ހޮންގްކޮންގް އިން ވެސް ފެނިފައިވާ އިރު ގައުމުތަކުން ދަނީ މި ވޭރިއަންޓްގެ ސަބަބުން ކޮވިޑް ބަލި އިތުރަށް ފެތުރަ ނުދިނުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

މިގޮތުން، ވިލާތުގެ އިއްތިހާދާއި އިނގިރޭސިވިލާތުން ވަނީ އެފްރިކާ ބައްރުގެ ދެކުނުގައި އޮންނަ ގައުމުތަކުން އެގައުމުތަކަށް އަންނަ ދަތުރުވެރިންނަށް ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. އަދި އެމެރިކާއިން ވެސް ވަނީ މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މިފަދަ ފިޔަވަޅުތަކެއް އަޅަން ފަށާނެ ކަމަށް ބުނެފައެވެ.