ކޮންމެ އިންސާނަކީ ވެސް ތާ އަބަދު އެއްގޮތަކަށް ހުންނާނެ މީހެއް ނޫނެވެ. ސިއްހީ ގޮތުން އެކި ކަހަލަ މައްސަލަތައް ދިމާވެ އުމުރުގެ އެކި ދުވަސްވަރުގައި އެކި މީހުންނަށް ދިމާވަނީ އެކި އިމްތިހާންތަކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެގޮތުން ދިރިއުޅުމުގައި ދަރިންތަކެއް ލިބި ދުވަސްވެގެން ދާ އިރު ކޮންމެ މީހެއްގެ އުންމީދަކީ އެމީހެއްގެ ދަރިންގެ އަޅާލުމާއި ލޯބި ލިބުމެވެ. އަމިއްލަ ދަރިންގެ ފަރާތުން ލިބޭ އެފަދަ ހިދުމަތަށް ވުރެ އަގު ބޮޑު ހިދުމަތެއް ވެސް ނޯންނާނެ ކަން ޔަގީނެވެ.
އުމުރުން 66 އަހަރުގެ މުހައްމަދު ޝަރީފްގެ ލިވާ ފެއިލް ވަމުން ދާތީ އޭނާގެ ލިވާ ބަދަލު ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދީފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ. އޭގެ ކުރިންވެސް ލިވާގެ މައްސަލައިގައި އޭނާ ވަނީ ފަރުވާ ހޯދާފައެވެ. ނަމަވެސް އެއީ އަދި ދާއިމީ ހައްލެއް ނޫން ކަމަށް ޑޮކްޓަރުން އޭރު ވަނީ ބުނެފައެވެ.
9 ދަރިންގެ ބައްޕައެއް ކަމަށްވާ މުހައްމަދު ޝަރީފްގެ އަންހެން ދަރިފުޅު އިފާޝާ ޝަރީފް 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ބައްޕަގެ ލިވާ ޓްރާންސްޕްލާންޓް ކުރަންޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދިން ހިސާބުން ލިވާ ދިނުމަށް އެއްބަސްވީ ބައްޕަގެ ފިރިހެން ދަރިއެއް ކަމަށެވެ. ނަމަވެސް އޭނާގެ ލިވާ އަކީ ފެޓީ ލިވާއެއް ކަމުން ބަރުދަން ލުއި ކުރުމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި އެކަމަށް ތައްޔާރުވަމުން ދިޔަ އިރު ކޮވިޑްގެ ހާލަތު އައިސް ލޮކްޑައުނަކަށް ދާން ޖެހުނު ކަމަށް އިފާޝާ ބުނެއެވެ.
ކޮވިޑް ހާލަތު ރަނގަޅުވެ ނިއުނޯމަލްއަކަށް ދިއުމަށް މުޅި ދުނިޔެ މަސައްކަތް ކުރަމުން ދިޔަ ވަގުތު ބައްޕަގެ އޮޕަރޭޝަން ފަސްކޮށްގެން ތިބެން އެ އާއިލާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ލިވާ ބަދަލު ކުރުމަށް ކުރިން އެއްބަސްވީ ދަރިފުޅު ނޫން، އެހެން ގޮތެއް އޮތް ތޯ ބެލުމަށް މުޅި އާއިލާ އެކުގައި މަޝްވަރާއަކަށް ދިޔަ ކަމަށް އިފާޝާ ބުންޏެވެ. އެދުވަހު ބައްޕަގެ އެދުމަކަށް ވީ ދަރިއެއްގެ ހަށިގަނޑުން ބައެއް ނެގުމަށް ވުރެ، ޑޯނާ އެއް ހޯދުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް ޑޮކްޓަރުން ލަފާ ދީފައި ވަނީ ޑޯނާއަކަށް ވާން ޖެހޭނީ އާއިލާ މެންބަރެއް ކަމަށް އިފާޝާ ބުނެއެވެ.
އެހިސާބުން އާއިލާއިން ލިވާ ދޭނީ ކާކުތޯ ބެލުމަށް ސުވާލު ކުރުމުން، މުހައްމަދު ޝަރީފްގެ ތިން ވަނަ ދަރިފުޅު ރިއްފަތު ޝަރީފް އެއްވެސް ޖެހިލުމެއް ނެތި އޭނާގެ ބައްޕައަށް ލިވާ ދޭނީ އޭނާ ކަމަށް ބުންޏެވެ. އަދި ބައްޕައަށްޓަކައި އެކަން ކުރަނީ ބަދަލުގައި އެއްވެސް އެއްޗެއް ބޭނުންވެގެން ނޫން ކަމަށާއި ބޭނުން ވަނީ ބައްޕައަށް ދިގު އުމުރެއް ދެއްވުން ކަމަށް ރިއްފަތު ބުންޏެވެ.
39 އަހަރުގެ ރިއްފަތަކީ ދެ ކުދިންގެ ބައްޕައެކެވެ. 7 އަހަރުގެ ފިރިހެން ކުއްޖަކާއި 5 އަހަރުގެ އަންހެން ކުއްޖަކު ހުންނަ ރިއްފަތު އިސްކުރީ އޭނާގެ ބައްގެ ފުރާނަ ސަލާމަތް ކުރަން އަމިއްލަ ދިރިއުޅުން ގުރުބާން ކުރަން ޖެހުނު ކަމުގައި ވިޔަސް ހެޔޮ ކަމަށް ބުނަމުންނެވެ. މި ދުނިޔެ މަތީގައި މައިން ބަފައިންނަށް އެވަރުގެ ގުރުބާނީއެއް ވުމުގެ ފުރުސަތު ލިބުމަކީ އޭނާ ވަރަށް އުފާ ވާ ކަމެއް ކަމަށާއި އެހެންކަމުން އޮޕަރޭޝަންއާ ގުޅިގެން އެއްވެސް ކަމަކާ ހާސްވެ ކަންބޮޑު ނުވާ ކަމަށް އޭނާ ބުނެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ރިއްފަތު ބުނީ، އޭނާގެ ބައްޕައަކީ އެ އާއިލާގެ ތަނބު ކަމަށެވެ. ހުރިހާ ކުދިން ވެސް ކޮންމެ ކަމެއް ދިމާވިއަސް ބައްޕަގެ ނަސޭހަތާއި ބައްޕަ އެކަމެއްގައި ދެކޭ ގޮތް ބެލުމަށް އިސްކަން ދޭ ކަމަށެވެ. 9 ދަރިން ތިބި މުހައްމަދު ޝަރީފްގެ ގިނަ ކާފަ ދަރިންތަކެއް ތިބި އިރު އެނާ އަކީ ކާފަ ދަރިންނާ އެކުގައި ވެސް އުފާވެރި މަޖާ ވަގުތުތަކެއް ހޭދަ ކުރާ މަޖާ މިޖާޒެއްގެ މީހެއްގެ ގޮތުގައި ރިއްފަތު އޭނާގެ ބައްޕަ ސިފަ ކުރެއެވެ.
އަދުގެ ޒުވާނުންނަށް ރިއްފަތު ވަނީ ނަސޭހަތެއް ވެސް ދީފައެވެ. އޭނާ ބުނީ، މައިންބަފައިން ދުނިޔޭގައި ތިބި ނަމަ އެ މައިންބަފައިން މުސްކުޅިވެ ބަލި ވުމުން އަޅާ ނުލާ ދޫކޮށް ނުލުމަށެވެ. އެމީހުންނަށް އަޅާލައި އޯގާތެރިވެ ކެތްތެރިވާން ޖެހޭނެ ކަމަށެވެ. ސަބަބަކީ އެ މައިންބަފައިން އެއްވެސް ޝަކުވާއެއް ނެތި ދަރިން ތުއްތު އިރު ތަރުބިއްޔަތުކޮށް ވީ ގުރުބާނީ، އެއްވެސް ދަރިއަކު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
މި ވަގުތު އެ އާއިލާގެ ގިނަ މެންބަރުން ތިބީ އިންޑިއާގައެވެ. މިއަދަކީ މުހައްމަދު ޝަރީފްގެ އޮޕަރޭޝަން ކުރަން ހަމަޖެހިފައިވާ ދުވަސް ކަމުން އާއިލާގެ އިތުރު މެންބަރުން ވެސް މިހާރު ވަނީ އިންޑިއާއަށް ދާން ދަތުރު ފަށާފައެވެ. މުޅި އާއިލާ އެއްތަން ވެގެން އެ ތިބީ މި އޮޕަރޭޝަން އަކީ ކާމިޔާބު އޮޕަރޭޝަނަކަށް ވާނެ ކަމުގެ ފޮނި އުންމީދުގައެވެ.
މި ދަނޑިވަޅުގައި އެ އާއިލާގެ ހުރިހާ މެންބަރުންގެ ފަރާތުން ރިއްފަތާއި އޭނާގެ ކޮއްކޮ އިފާޝާ އެދެނީ ބައްޕައަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ. މިއަދު ހެނދުނު އޮޕަރޭޝަން ކުރަން، ފުރަތަމަ ރިއްފަތު ވައްދަން ހަމަޖެހިފައި ވާއިރު އޭނާގެ ލިވާގެ 60 ޕަސަންޓް ނަގާނެއެވެ. އެއަށް ފަހު އޭނާގެ ބައްޕަގެ ލިވާ ބަދަލު ކުރަން އޮޕަރޭޝަން ކުރަން ވެއްދުމަށް ވަނީ ހަމަޖެހިފައެވެ.
'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ، މުހައްމަދު ޝަރީފް އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް ހެޔޮ ދުއާކޮށްދޭ ބައެއްގެ ގޮތުގައި ލެއްވުމެވެ.
ދެބަފައިންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން
އިފާޝާގެ ބައްޕަ އަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި. ރިފްޢަތުއަށް ހެއު ރަޙްމަތް ލައްވާށި
ދެބަފައިންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން
ދެބަފައިންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.
އަވަސް ޝިފާއަކަށް އެދެން
ދެ ބަފައިންނަށް އަވަސް ޝިފާއެއް ދެއްވާށި. އާމީން.
ޝަރީފުއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި. ރިފްޢަތުއަށް ހެއު ރަޙްމަތް ލައްވާށި.
އަވަސް ޝިފާއެއް މިންވަރުކުރައްވާށި. އާމީން
ބޭބެ އަށް އަވަސް ސިފާއެއް ދެއްވާންދޭ
ޝަފާއަކަﷲ
ބަފައަކު ރަނގަޅު ކަން ތަސްވީރުންވެސް ދައްކައިދީފި. މާޝާﷲ. 9 ދަރިންގެ މެދުގައި އޮތް އެކުވެރިކަމުގެ ނަތީޖާ މި ފެންނަނީ. ތިފަދަ އުފާވެރި އާއިލާއެއް ފެނުނީތީ އުފާ ކުރަން. އާއިލާއަށް ކެތްެރިކަން ދެއްވުން އެދެން. ޢަދި ދެބަފައިންނަށް އަވަސް ޝިފާއެއް ދެއްވުން އެދެން.
ރިއްފަތަކީ ވަރަށް ރަނގަޅު ކުއްޖެއް. ބައްޕައަކު ބަލިވީމަ ތިވަރު ކަމެއް މިހާރު ކޮށްދޭނެ ދަރިން ވަރަށް މަދުވާނެ. ވަރަށް އުފާވެއްޖެ ރިއްފަތު ކަހަލަ ދަރިއަކު ހުރީމަ. ތިއީ ނަމޫނާ ދަރިއެއް. އަވަސް ޝިފާއަކަށް އެދެން. ދެބަފައިން ހެޔޮ ހާލުގައި ލައްވާށި - އާމީން
އަވަސް ސްިފާދެއްވުން އެދެން
އަވަސްޝިފާ އެއް މިންވަރު ކުރައްވާށި، އާމީން