އިންޑިއާ އާއި ރާއްޖޭގެ އިންޓަނޭޝަނޭޝަނަލް ޔޫތް އެކްސްޗޭންޖް ޕްރޮގްރާމް (އައިއީވައިޕީ) ގެ ދަށުން ރާއްޖެއިން އިންޑިއާއަށް 14 ދިވެހިން ފޮނުވަން ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ، އެ ޕްރޮގްރާމްގެ ދަށުން އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއާޒް އެންޑް ސްޕޯޓްސް އިން ރާވާފައިވާ 7 ދުވަހުގެ ދަތުރަށް 14 ޒުވާނުން ރާއްޖެއިން ދިއުމަށް ހަމަ ޖެހިފައިވާ ކަމަށެވެ. އަދި އެ ޒުވާނުން އިންޑިއާއަށް ފުރަން ހަމަ ޖެހިފައި ވަނީ މި މާދަމާ ކަމަށާއި މި ދަތުރު ނިންމާލުމަށް ފަހު ރާއްޖެއަށް އެނބުރި އަންނަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށް ވެސް އިންޑިއާ އެމްބަސީން ބުނެއެވެ.

މިދަތުރުގައި އިންޑިއާގެ ނިއުދިއްލީ، އުދައިޕޫރް އަދި އާގްރާ ހިމެނޭ ގޮތަށް އެކި ސިޓީތަކަށް އެ ވަފްދު ދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެގްރިކަލްޗާ ޔުނިވާސިޓީ އަކަށް ޒިޔާރަތް ކޮށް ސައިންޓިސްޓުން އަދި ދަރިވަރުންނާއި ބައްދަލުކޮށް ތަފާތު ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަކާއި ވަސީލަތްތައް ދަސްކުރުން ހިމެނެއެވެ. ހަމައެއާއެކު އިންޑިއަން އިންސްޓިޓިއުޝަަން އޮފް މެނޭޖްމަންޓްގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް އިންޑިއާގެ ޒުވާނުންގެ ވިޔަފާރިތައް އަދި އިންޑިއާގެ ސްޓާޓް އަޕް އިކޯސިސްޓަމްގެ ތައާރަފް ލިބިގަތުމާއި އިންޑިއާގެ ޔުނިވާސިޓީއެއްގެ ރިސާޗާސް އަދި ސްކޮލާސްއާ ބައްދަލު ކުރުން ހިމެނެއެވެ. އަދި ކުޑަކުދިންގެ ހިމާޔަތާއި އަންހެނުން ބާރުވެރި ކުރެވުމަށް ހިންގާ އެންޖީއޯ އެއްގެ މެންބަރުންނާއި ބައްދަލު ކުރުމާއި، ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީސް އަދި ކްލަބް ހައުސަސް އަށް ޒިޔާރަތް ކުރުން ވެސް މި ދަތުރުގައި ހިމެނޭ ކަމަށް ބުނެއެވެ.

އަދި އިންޑިއާގެ ސަގާފަތާއި އާދަކާދަތަކާއި ތާރީހަށް ބަލާލުމާއި ޓޫރިސްޓު ތަންތަނަށް ވެސް ޒިޔާރަތްކުރުމަށް މި ދަތުރުގައި ވަނީ ހަމަޖެހިފައެވެ.

މި ދަތުރަކީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއާޒް އެންޑް ސްޕޯޓްސް އަދި ރާއްޖޭގެ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އިން ހަދާފައިވާ އެމްއޯޔޫގެ ދަށުން ރޭވި ދަތުރެކެވެ. މި އެމްއޯޔޫގައި ސޮއި ކުރީ އިންޑިއާގެ ހާރިޖީ ވަޒީރު ހަރްޝް ވަރްދަން ޝްރިންގްލާގެ ދަތުރުގައެވެ.

މީގެ ކުރިން މާޗް 15-22، 2018 ގައި ވެސް އައިއީވައިޕީގެ ދަށުން ޒުވާނުންގެ ވަފްދެއް އިންޑިއާ އަށް ދިޔައެވެ.