މިހާރުވެސް އިނދަޖެހުމުގެ ތުންފަތް މަތީގައި އޮތް އަފްގާނިސްތާނުގައި ބޭރު ފައިސާ ބޭނުން ކުރުން، އެ ގައުމުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން މަނާ ކޮށްފިއެވެ.
އަފްގާނިސްތާނުގެ އިގުތިސޯދީ މަސްރަހު އޮތް ހާލަތާއި ގައުމުގެ މަސްލަހަތަށް ބަލާއިރު، އަފްގާނިސްތާނުގެ ހުރިހާ ރައްޔިތުން ކުރާ ހުރިހާ ވިޔަފާރިއެއްގައި އަފްގާން ފައިސާ ބޭނުން ކުރަން ޖެހޭ ކަމަށް ތޯލިބާނުން ވަނީ ބުނެފައެވެ.
އަފްގާނިސްތާނުގެ އިގުތިސޯދު، އިނދަޖެހުމުގެ ތުންފަތް މައްޗަށް ވެއްޓިފައި ވަނީ، ތޯލިބާނުން އެ ގައުމުގެ ކޮންޓްރޯލް ނެގުމާއެކު، ބޭރު ގައުމުތަކުން އަފްގާނިސްތާނަށް ދެމުން ދިޔަ އެހީތައް މެދުކަނޑާލުމާ ގުޅިގެންނެވެ.
އެމެރިކާ ޑޮލަރަކީ އަފްގާން ބާޒާރުގައި އިންތިހާއަށް ދައުރު ކުރަމުން ދިޔަ ފައިސާއެކެވެ. އަފްގާނިސްތާނާ ބޯޑަރު ހިއްސާ ކުރާ ޕާކިސްތާން ފަދަ އަވަށްޓެރި ގައުމުތަކުގެ ވިޔަފާރީގައިވެސް އެމެރިކާ ޑޮލަރު ބޭނުން ކުރެއެވެ.
ތޯލިބާނުންގެ ތަރުޖަމާނު ޒަބީއުއްލޯ މައްސޫދު، އޮންލައިންކޮށް އާންމު ކޮށްފައި ވާ ބަޔާނެއްގައި ބުނެފައި ވަނީ، ބޭރު ފައިސާ ބޭނުން ކުރުން މަނާ ކޮށްފައި އޮތް އަމުރާ ހިލާފުވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް އަފްގާނިސްތާން ގެންދިއުމާއެކު، ބޭރު ގައުމުތަކުގައި ހުރި އެ ގައުމުގެ އެސެޓްތައްވެސް ފްރީޒް ކޮށްފައި ވާއިރު، އެ ކަމަށް ދޫ ދިނުމަށް ތޯލިބާނުން ވަނީ ގޮވާލާފައެވެ.
ކަން މިހެން އޮތް އިރު، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ވަނީ އަފްގާނިސްތާނުގެ އިގުތިސޯދު 30 ޕަސެންޓް ހީނަރުވެ، އެތައް މިލިއަން ބަޔަކު، އިންތިހާ ފަގީރު ކަމުގެ ތެރެއަށް ވެއްޓި، އިންސާނީ ކާރިސާއެއް ފެށިދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އަފްގާނިސްތާނުގައި ރެފިއުޖީ ކާރިސާއެއް އުފެދި، އަވަށްޓެރި ގައުމުތަކަށްވެސް އެކަމުގެ ތަކުލީފު ޖެހިދާނެ ކަމުގެ އިންޒާރުވެސް އައިއެމްއެފްއިން ވަނީ ދީފައެވެ.
މި ދަނޑިވަޅަކީ، އަފްގާނިސްތާނަށް ހަނަފަސްކަން ކުރިމަތިވެފައި ވާ ދުވަސްވަރެއްވެސްމެއެވެ. މިއާއެކު ގޮދަނުގެ ބާވަތްތަކަށް ގެއްލުންވެ، ބާޒާރުގެ އަގުތައްވެސް ދަނީ އުފުލެމުން ކަން ފާހަގަ ކުރަން ޖެހެއެވެ.