އަވަށްޓެރި އިންޑިއާގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއެކު ޑޭންގޫ ހުން ފެތުރެމުން ދާ ކަމަށް، އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ޑެންގޫ ފެތުރެމުން ދާއިރު، ކޭސްލޯޑް އެންމެ ގިނަ ވެފައިވާ 9 ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ، އިންޑިއާ ސަރުކާރުން، މަތީ ފެންވަރުގެ ޓީމުތަކެއްވެސް އެ ސަރަހައްދުތަކަށް މިހާރު ފޮނުވާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއިން އާންމު ކޮށްފައި ވާ ބަޔާނަކަށް ބަލާއިރު، ޑެންގޫ ފެތުރެމުންދާ ސަރަހައްދުތަކުގެ ތެރޭގައި، ހަރްޔާނާ، ކެރަލާ، ޕަންޖާބު، ރާޖަސްތާން، ޓެމިލް ނާޑޫ، އުއްތަރަ ޕްރަދޭޝް، އުއްތަރަހާންދު، ދިއްލީ އަދި ޖައްމުއާއި ކަޝްމީރު ހިމެނެއެވެ.

އިންޑިއާގެ ސްޓޭޓްތަކާ ޔޫނިއަން ޓެރިޓަރީތަކުން ރިޕޯޓްކޮށްފައިވާ ޑެންގޫ ކޭސްތަކުގެ އަދަދު މިހާރު ވަނީ 116991 އަށް އަރާފައެވެ. ހަގީގީ އަދަދުތައް މިއަށްވުރެ އިތުރުވުން އެކަށީގެންވެއެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ޑެންގޫ ހުން އެންމެ ގަދަވެފައި ވާ ސަރަހައްދުތައް ދެނެގަނެ، އެ ސަރަހައްދުތަކަށް ފޮގް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ޑެންގޫއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގޫ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަހުގެ ހަތަރު ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއްފަހަރު އެވެ.

އީޑީޒް އިޖިޕްޓައި އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މިވައިރަސް، އިންސާނާގެ ހަށިގަނޑަށް ވާސިލު ވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތު އެވެ.

ޑެންގޫ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.