އޮސްޓްރޭލިއާގެ ކޭމްޕް ސައިޓަކުން މީގެ 18 ވަރަކަށް ދުވަސް ކުރިން ގެއްލުނު، އުމުރުން އެންމެ 4 އަހަރުގެ ކްލީއޯ ސްމިތު، ސަލާމަތުން ދިރިހުއްޓާ ފެނިއްޖެއެވެ.

ކްލީއޯ ފެނިފައި ވަނީ ގެއެއްގައި ބަންދު ކޮށްފައި ހުއްޓާ ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

އާއިލާއެކު ކޭމްޕު ކުރަމުން ދަނިކޮށް ކްލީއޯއަށް ވީ ނުވީއެއް ނޭނގި ގެއްލުނީ އޮކްޓޯބަރު 16 ވަނަ ދުވަހުއެވެ. އަދި އެހާ ހިސާބުން، އޭނާ ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް ފެށިއެވެ. ކްލީއޯ ގެއްލުނު ކަން އެނގުނީ، ކޭމްޕް ކުރި ފުރަތަމަ ރެއަށްފަހު ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ކްލީއޯ ގެއްލުނު މައްސަލާގައި، އުމުރުން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، ސުވާލު ކުރަމުން އަންނަ ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ބުނެއެވެ.

ކްލީއޯ މިހާރު ވަނީ އޭނާގެ މައިންބަފައިންނާ ހަވާލު ކޮށްފައެވެ. އޭނާގެ އާއިލާއިންވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް، އެކަން ކަށަވަރު ކޮށްދީފައެވެ.

ސްކޮޓްލަންޑްގައި ކުރިއަށްދާ ކޮޕް26 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ދަތުރު ކުރައްވަމުން، އޮސްޓްރޭލިއާގެ ބޮޑުވަޒީރު، ސްކޮޓް މޮރިސަންވެސް ވަނީ، ކްލީއޯ ފެނުނު ހަބަރާއެކު އުފާ ކުރައްވާ ކަން ހާމަ ކުރައްވާފައެވެ.