އޭރުވެސް އަދި މިހާރުވެސް ވެރިކަމާ ތޮޅުމަކީ ތޮބީއީ ކަމެކެވެ. ނޮވެމްބަރު 3 އަކީ ވެސް ވެރިކަމަށް ބޫތު ކައިގެން އުޅުނު ބައެއްގެ އެފަދަ ނުރައްކާ ރޭވުމެއްގެ ނަތީޖާއެވެ.

މޯޓަރު ބަޑިއާއި އޭކޭ ފޯޓީސެވަން ހިފައިގެން 60 ވަރަކަށް ޓައިގަރުންނާއެކު ދިވެހި ހާއިނުން ނޮވެމްބަރު 3، 1988 ވީ ބުރާސްފަތި ދުވަހުގެ ފަތިހު މާލެ އަރާ ވެރިކަން ވައްޓާލަން ކުރި ހަނގުރާމައިގައި 19 ދިވެހިން ޝަހީދު ކޮށްލި ވާހަކަ އެންމެނަށްވެސް އެނގޭނެއެވެ.

ހާދިސާ ހިނގިތާ މިއަދަށް ބަރާބަރު 33 އަހަރު ވީ އިރު، ދިވެހިންގެ ބިން ދިވެހިންގެ ލެއިން ތެންމާލި އެ ހާދިސާގެ ފަހަތުގައި އެތައްކަމެއް އަދި އެތައް ހަނދާނެއް ފޮރުވިފައި ވާނެ ކަން ޔަގީނެވެ. ހާއިނުންގެ ބޮޑަކަށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިއަދުވެސް ޖަލުގައި ހުރި އިރު، އެ ހާދިސާގައި ބައިވެރިވި ބައެއް މީހުން މަރުވެ އަދި ބައެއް މީހުން ހުކުމްގެ މުއްދަތު ހަމަވެ ވަނީ މިނިވަން ވެފައެވެ.

ޝަހީދުވި އެންމެންގެ މަގްބަރާ ހެންވޭރު ސަހަރާގައި އެއޮތީ ފެންނާށެވެ.

ނޮވެމްބަރު 3 ގައި ތަމަޅައިން މާލެއަށް އެރި ސަރަހައްދު ފެންނަ ގްރެފިކްސް އެއް

ދިވެހިންގެ ނިދި ފިލުވާލި ނޮވެންބަރު 3

އަސްލު ރޭވުން ފެށީ ކޮން ހިސާބަކުން ކޮން ގޮތަކަށް ކަން، ކިތާބީ ގޮތެއްގައި ހޯދިފައި ނުވި ނަމަވެސް، ލުތުފީމެން ރާއްޖެ އެރީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ވިޔަފާރިއަށް ހުރަސް އަޅާތީ ކަމަށް ބުނެއެވެ. ސްރީލަންކާގައި ވަކިވެގަތުމަށް ހަނގުރާމަ ކުރަމުން ދިޔަ ތަމަޓަ ޓައިގަރުންގެ އެހީއާއެކު އެގައުމުގެ ކަލްޕިޓީޔާއިން ފުރައިގެން އައި ދެ ބޯޓު މާލެއަށް ވަނީ، އެންމެން ނިދާފައި ތިއްބާ ފަތިހުއެވެ. އެއް ބޯޓު ކައިރި ކުރީ ރަސްމީ ފާލަމާ ދިމާއަށެވެ. ދެވަނަ ބޯޓު ދިޔައީ ވިޔަފާރި ބަނދަރަށެވެ.

އެމީހުން މާލެ އެރި އިރު. އެމީހުންނަށް ސިއްރިއްޔާތުގައި މަދަދުވެރިވަމުން ދިޔަ ބަޔަކު މާލޭގައި ތިއްބެވެ. އެ އެންމެނަށްވެސް ހާދިސާއަށް ފަހު ޝަރީއަތް ހިންގާ ވަނީ ހުކުމް ކޮށްފައެވެ.

އެ އަމާން ފަތިސް ވަގުތުގެ އަމާންކަން ގެއްލި ދިޔައީ ލުތުފީމެން "ބަޑިތަޅައިގަން" އަޑަށެވެ. ގޭގޭގައި ކުދިބޮޑު އެންމެން ރޮއެ ހޭރެނީއެވެ. ދަމަކުންވެސް ބަޑިއެއް ޖަހާއަޑު ނީވި ތިބި ބަޔަކަށް ބަޑީގެ އަޑަކީ ބިރުވެރި އަދި ނުރައްކާ އަޑަކަށް ވީތީއެވެ. އަމުދުން ވެގެން އުޅެނީ ކީއްކަން ވެސް ނޭނގޭތީއެވެ. މިހާރުހާ ފަސޭހައިން ހަބަރާއި މައުލޫމާތު ނުލިބޭތީއެވެ.

ބަޖި ޖަހަން ބަޔަކު ތައްޔާރުވެގެން ތިބިކަން ރަންޒުކޮށްދޭ ފޮޓޯއެއް

އިންޑިއާ ސިފައިން މާލެއަށް އެރުން

ލުތުފީގެ ޓީމުން ސިފައިންގެ ހިފަން ހަމަލާ ދެމުން ދިޔަ އިރު ރައީސް މައުމޫނާއި އޭރުގެ ސަރުކާރުގެ ބޮޑުން ދިރިއުޅުއްވި ގޭގެއަށް ލުތުފީ އިސްކޮށް ހުރެ ދިޔައީ ބަޖިހަމުން ވަންނަމުންނެވެ. އެވަގުތު އޭނާގެ ސިކުނޑީގައި އޮތީ ވެރިން ހޯދާ ހިފާ ހައްޔަރު ކުރަން ކަމެއް މަރަން ކަމެއް ނޭނގުނަސް އޭރުގެ ވަޒީރެއް ކަމުގައިވާ އަހުމަދު މުޖުތަމާ ހައްޔަރު ކޮށްގެން ގެންދިޔަ ނަމަވެސް އަވަހާރަކޮށެއް ނުލައެވެ. ހަނގުރާމައިން ބަލިވެ ފިލައިގެން ޕްރޮގްރެސް ލައިޓްގައި ދިޔަ އިރު އެމީހުންގެ 18 މީހެއްގެ ފުރާނަ ނެތް މަސްގަނޑު މާލެއަށް ދޫކޮށް ދިޔައީ ދިވެހިންގެ ތެރެއިން ރަހީނު ކުރި 26 މީހެއް ގޮވައިގެންނެވެ. މުޖުތަމާއާއި އަނބިކަނބަލުން ހިމެނުނީ އޭގެ ތެރޭގައެވެ.

ހަމަލާ ބަދަލުކުރުން ހިގަމުން ދިޔަ އިރު، އޭރު ފޮރިން ސެކްރެޓަރީ އިބްރާހިމް ހުސެން ޒަކީ ގެންދެވީ އެހީއަށް އެދިވަޑައިގެން އިނގިރޭސިވިލާތާއި، އެމެރިކާއާއި، ސިންގަޕޫރާއި ސްރީލަންކާގެ އިތުރުން ޕާކިސްތާނާއި އިންޑިއާއަަށް ގުޅުއްވަމުންނެވެ. ޕާކިސްތާނާއި ސްރީލަންކާގެ އިތުރުން ސިންގަޕޫރުގައި ގާބިލްކަން ނެތްކަމަށް ބުނެ އެހީވާން އޭރު އިންކާރު ކުރިއެވެ. އިނގިރޭސިން ބުނީ އިންޑިއާގެ އެހީ ހޯދުމަށެވެ. އެމެރިކާއިން ބުނީ އެމީހުންގެ ބާރުގެ ދަށުގައި އޮތް ޑިއޭގޯ ގާސިއާއިން ރާއްޖެއަށް އަންނަ ނަމަ ފޯރާނީ އެކެއް ނުވަތަ 2 ދުވަހުން ކަމަށެވެ.

އެހާލަތުގައި ރާއްޖެއަށް އެހީވާން ނިންމެވީ އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ރަޖީވް ގާނދީއެވެ. ރަޖީވް ގާނދީގެ އެ ނިންމެވުމާއެކު ވައިކުޑާގައި ފޭބުމުގެ ގާބިލުކަން ލިބިފައި އޮތް ހާއްސަ ފޯސްއަކުން ރާއްޖެއަށް އައުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިޔައެވެ. އިންޑިއާގެ އާގަރާއިން 3 ފްލައިޓުގައި ފުރައިގެން އިންޑިއާ ސިފައިން ރާއްޖެއައިސް ހާއިނުން ބަލިކޮށް ނަސްރު ހޯދި ހާދިސާއަކީ އިންޑިއާއަށް ޝުކުރު ހައްގު މަސައްކަތެކެވެ.

އިންޑިއާއިން ރާއްޖެއަށް ދިން ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު - މި އުޅަނދުތައް ދުއްވަނީ އަދިވެސް އިންޑިއާގެ މީހުން

އިންޑިއާއިން ރާއްޖެއަށް ފާރަވެރިވުން

ނޮވެމްބަރު 3 އަށް ފަހު މި ވީ މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް ދޭ ސަމާލުކަން ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުކޮށް، ފުޅާ ކުރަމުންނެވެ. ނޮވެމްބަރު 3 އަށް ފަހު މައުމޫނުގެ ވެރިކަން ވެއްޓުމާ ހަމައަށް އިންޑިއާއިން ހިމޭނުން ތިބި ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާއާ ގާތްކަން އުފެއްދިލެއް ބޮޑުކަމުން، ހާލަތާއި ވަގުތުގެ ބޭނުން ހިފައި އިންޑިއާއިން މިއަދު ވަނީ ރާއްޖޭގެ އެންމެ އެތެރެއަށް ވަދެފައެވެ.

ނަޝީދުގެ ވެރިކަން ވެއްޓި ދެން އައި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސްޕްރީކް ކޯޓުން ނެރުނު، 1 ފެބްރުއަރީގެ އަމުރާ ގުޅިގެން ރައީސް ޔާމީން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާއިން ބަސް ބުނުމުން މަންޒަރު އިތުރަށް ސާފުވިއެވެ.

ފެބްރުއަރީ 5 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި، ސްޕްރީމް ކޯޓުން ނެރުނު އަމުރާ ދެކޮޅަށް ރައީސް ޔާމީން ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރެއްވުމުން "ޑިސްޓާބް" ވި ކަމަށް ބުންޏެވެ. އަދި ކުއްލި ހާލަތާއެކު އުއްތަމަ ފަނޑިޔާރާއި ސިޔާސީ ބައެއް ބޭފުޅުން ހައްޔަރު ކުރުމުން ވެސް ކަންބޮޑުވާކަމަށް ބުންޏެވެ.

ހަމަ އެއާއެކު، ވެރިކަން ގެއްލުމުން ގައުމު ދޫކުރައްވާ އޭރު ވަޑައިގެން ހުންނެވި މުހައްމަދު ނަޝީދު ގެންދެވީ، އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް އަރަން ގޮވާލައްވަމުންނެވެ.

މިއަދު ރައީސް ޔާމީނުގެ ވެރިކަން ނިމި، އަނެއްކާވެސް ހިނގަމުން ދަނީ އިންޑިއާއަށް މަދަދުވެރިވާ، އެންމެ ގާތް "ދޯސްތް" ނުވަތަ އެކުވެރިޔާގެ ސިޔާސަތުގެ ދަށުން ހިނގަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެވެ. މިއަދުގެ ސަރުކާރާއި އިންޑިއާއާ އޮތް ގާތް ކަމުގެ ވާހަކަ އަކީ އިތުރަށް ބަޔަކު ދައްކަން ޖެހޭ ވަރަށް ވުރެ ގާތް ކޮށް އޮތް ވާހަކައެއް ނަމަވެސް، އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމާ ހަމައަށް ފައިބާ، ދިވެހި ސަރުކާރަށް ބާރު ނުފޯރުވޭ ހިސާބުގައި ތިބި ވާހަކަ ދައްކަން ޖެހޭނެއެވެ.

ޑިޕްލޮމެޓިކް އިމިއުނިޓީ ނުވަތަ ޑިޕްމޮލެޓުންނަށް ލިބޭ ހައްގުގެ ތެރެއިން ކަމަށް ކަނޑައަޅާ، އަދަދެއް ނެތް ގޮތަށް އިންޑިއާ ސިފައިން ރާއްޖެ އައިސް ގޮސް ވުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެމީހުން ފައިބާ ތިބި ވާހަކަ ދައްކަން ޖެހެއެވެ. މިއަދުވެސް އިންޑިއާގެ ޕައިލެޓުން ދުއްވާ ހެލިކޮޕްޓަރާއި ޑޯނިއާ، ފުރާ، ޖައްސާ އިރު އެއާޕޯޓުތަކުގެ ޓަވަރަށް އެންގިޔަސް ނޭންގިޔަސް އަދި އެއިން އުޅަނދަކުން ދަތުރު ކުރާ މީހަކާއި ސުވާލެއް ކޮށްލުމުގެ އިހުތިޔާރުވެސް ދިވެހި ސަރުކާރަށް ނެތް މިންވަރަށް ވަދެ ތިބި ވާހަކަ ދައްކަން ޖެހެއެވެ. އެއިން އުޅަނދަކުން އެއްޗެއްގައި ޖެހި މީހަކަށް އަނިޔާއެއް ލިބުނަސް "ބަޔާންގަނޑެއް" ނަގަން އެއިން މީހަކާ ސުވާލު ވެސް ކޮންނުލެވޭ ވާހަކަ އާއި އެ އުޅަނދުތަކުގައި އުފުލަނީ ކޮން އެއްޗެއްތޯއާއި ރާއްޖެ ގެންނަނީ ކޮން އެއްޗެއްތޯ ބެލުމުގެ އިހުތިޔާރުވެސް ދިވެހި ބާރުތަކަށް ނެތް ވާހަކަ ދައްކަން ޖެހެއެވެ.

ކޮންމެ ފަހަރަކީ ކަނޑިބަނޑިއާއި ލޮންސި އަދި މޯޓަރު ބަޑިން ހަމަލާ ދޭ ފަހަރެއް ނޫނެވެ. ނޮވެންބަރު 3 ގެ އުދުވާނީ ހަމަލައިން ރާއްޖެ ސަލާމަތް ކޮށްދިން އިންޑިއާއަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާ ކުރާ ހާލު، ގައުމުގެ ސަލާމަތާއި އިސްތިގުލާލަށް ބުރޫއަރާ ހާލަތެއް އަޔަ ދީގެން ނުވާނެއެވެ.