ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައި ވާ ފޮނިކާއެއްޗެއް ކަމަށް ވާ ޓިރަމިސޫގެ ބައްޕަގެ ގޮތުގައި އިޓަލީވިލާތުގެ މީޑިއާއިން ސިފަ ކުރަމުން އަންނަ އަޑޯ ކަމްޕިއޯލް މަރުވެއްޖެއެވެ.

ޓިރަމިސޫއަކީ، އިޓަލީވިލާތުގެ އުތުރުގައި ރެސްޓޯރަންޓެއް ހިންގަމުން އައި ކަމްޕިއޯލް، 93ގެ އަންހެނުންނާއި ޝެފެއްގެ އީޖާދެކެވެ.

ޓިރަމިސޫގެ ހަގީގީ ފެށުމަކީ ކޮބައިކަމާ މެދު ގިނަ ބަހުސްތަކެއް ކުރެވެއެވެ. އެގޮތުން، ޓިރަމިސޫއަކީ ނާސިގެއަކަށް ވަންނަ މީހުންގެ ހަމަ ބުއްދި ފިލުވާލަން ބޭނުން ކުރި ޑިޝްއެއް ކަމަށްވެސް ބުނާ ވާހަކަތަކެއް ދައުރުވެއެވެ.

ނަމަވެސް ޓިރަމިސޫއަކީ ކަމްޕިއޯލްގެ ރެސްޓޯރަންޓްގައި އުފެއްދި ޑިޝްއެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ކޮފީގައި ފޯކޮށްފައިވާ ބޮސްކޯދާއި މަސްކަޕޯނޭ ބޭނުން ކޮށްގެން ޓިރަމިސޫ ޑިޝް، އެންމެ ފުރަތަމަ އުފެއްދީ 1972 ވަނަ އަހަރުއެވެ. ނަމަވެސް، އެ ޑިޝްގެ ޕޭޓަންޓް ހައްގުތައް ހޯދާކަމަށް ކަމްޕިއޯލްގެ އާއިލާއިން މަސައްކަތް ކޮށްފައެވެ.

އޭގެ ފަހުން އަދާ ޖެހުނުއިރު، ދުނިޔޭގެ ހުރިހާ ހިސާބެއްގެ ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން، އަމިއްލަ މީހުންގެ ބަދިގެތަކަށްވެސް ޓިރަމިސޫ ވަނީ ފުޅާވެފައެވެ.

ޓިރަމިސޫ އުފެއްދުމުގެ އެއް ހިއްސާ އޮންނަ ޝެފް ރޮބާޓޯ ލިންގުއަނޮއްޓޯ ބުނާ ގޮތުގައި، އެ ޑިޝްއަކީ، ވެނީލާ އައިސްކްރީމް ހަދަން އުޅުމުގެ ތެރޭގައި، އޮޅިގެން ހެދުނު ޑިޝްއެކެވެ. އެގޮތުން ހަކުރާއި ބިސް އަޅާފައިވާ ބޯތައްޓެއްގެ ތެރެއަށް، އޮޅުމެއްގެ ތެރެއިން މަސްކަޕޯނޭ ޗީޒް އެޅުނީ ކަމަށާ، ދެން އޭގައި ލީ ރަހައިގެ ފުރިހަމަ ކަމުން، ކަމްޕިއޯލްގެ އަންހެނުންނާ އެވާހަކަ ހިއްސާކުރީ ކަމަށް ޝެފް ރޮބާޓޯ ވަނީ ބުނެފައެވެ. އެއަށްފަހު އެ ޑިޝްއަށް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކާ ކޮފީގައި ބިސްކޯދު ފޯކޮށްގެން ބޭނުން ކުރުމުގެ މަސައްކަތް ކުރީ އެ ދެމީހުން ކަމަށްވެއެވެ.

ކަމްޕިއޯލް މަރުވި ގޮތުގެ ތަފްސީލެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.