ދުނިޔެ ހޫނުވަމުންދާ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކާ ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެއް ކުރަމުން ދާ ކަން ކަށާވަރު ކުރުމަށްޓަކާ، މުޅި ދުނިޔެ އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް، މޫސުމީ ބަދަލުތަކާ ބެހޭ އދގެ ހާއްސަ ބައްދަލުވުން ނުވަތަ ކޮންފަރެންސް އޮފް ޕާޓީޒް 26 (ކޮޕް26)ގެ ރައީސް އަލޯކް ޝަރުމާ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ގްލާސްގޯގައި ކޮޕް26 ސަމިޓް ރަސްމީކޮށް ފައްޓަވާ ދެއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޝަރުމާ ވިދާޅުވީ، މޫސުމީ ނޭދެވޭ ބަދަލަކީ، މުޅި ދުނިޔެއަށް އެކަތިގަނޑެއްގައި ގޮތުގައި ކުރިމަތިލާން ޖެހިފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
2015 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ކުރިއަށް ގެންދިޔަ ކޮޕް ސަމިޓަށް ފަހު އަދާ ހަމައަށް އާދެވުނުއިރު ކުރިއެރުންތަކެއް ހާސިލު ވެފައި ވާ ކަމަށް ޝަރުމާ ވިދާޅުވިއެވެ. 2015 ވަނަ އަހަރުގެ ކޮޕް ސަމިޓަކީ، 2100 ވަނަ އަހަރު އަންނައިރު ދުނިޔެ ހޫނުވާނެ ކަމަށް ލަފާ ކުރާ އެންމެ މަތީ މިންވަރު، 2 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުން، 1.5 ޑިގްރީއަށް ވުރެ އިތުރު ނުވާނެ ހެން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އެއްބަސްވުމަކަށް އައި ތާރީހީ ބައްދަލުވުމެވެ.
މިއަދު ފަށާ ކޮޕް26 ސަމިޓަށް ޝަރުމާ ވަޑައިގަންނަވަނީ، 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒު ދޫކޮށްނުލައްވާނެ ކަމުގެ ރޫހުގައެވެ.
އިނގިރޭސިވިލާތުގެ ގްލާސްގޯގައި ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮޕް26 ސަމިޓާ ދިމާކޮށް، ތިމާވެށީގެ ހައްގުގައި ވަކާލާތު ކުރާ ގިނަ އަދަދެއްގެ އެކްޓިވިސްޓުން ވަނީ އެ ސަރަހައްދަށް ޖަމާވެ، އަޑު އުފުލަން ފަށާފައެވެ.
މި ފަހަރުގެ ސަމިޓްގައި މުޅި ދުނިޔޭގެ ސަމާލުކަން ހެން ހުއްޓިފައި ވަނީ އިގުތިސޯދީ ގޮތުން އެންމެ ކުރި އަރާފައި ވާ 20 ގައުމު ނުވަތަ ޖީ-20ގެ އިއްތިހާދަށެވެ. މި ގައުމުތަކަކީ ޖައްވު ހޫނު ކުރާ ވިހަ ގޭސްތައް، އެންމެ ގިނަ އަދަދަކަށް ބޭރު ކުރަމުންދާ ގައުމުތަކެވެ.
ޖައްވު ހޫނު ކުރާ ވިހަ ގޭހެއް ކަމަށް ވާ ކާބަންޑައިއޮކްސައިޑް އެންމެ ގިނަ އަދަދަކަށް ބޭރު ކުރާ 5 ގައުމުގެ ތެރޭގައި ޗައިނާއާއި އިންޑިއާ ހިމެނެއެވެ. އަހަރެއްގެ މައްޗަށް ޗައިނާއިން 11535 މެގާޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރު ކުރާއިރު، އަހަރެއްގެ މައްޗަށް 2597 މެގާޓަނުގެ ކާބަންޑައިއޮކްސައިޑް، އިންޑިއާއިން ބޭރު ކުރެއެވެ.
ނޮވެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކޮޕް26 ސަމިޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ގައުމުތަކެއްގެ އެންމެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ބައިނަލްއަގުވާމީ ކްލައިމެޓް ޗެމްޕިއަނެއް ކަމަށް ވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް މިވަގުތު ހުންނެވީ ގްލާސްގޯގައި ކަން ފާހަގަ ކުރަން ޖެހެއެވެ.