އަފްގާނިސްތާނުގެ ނޫސްވެރިންނާ ދެކޮޅަށް، ފާއިތުވީ 2 މަހެއްހާ ދުވަހުގެ ތެރޭގައި 30 ހަމަލާއެއް ދިން ކަމަށް ރެކޯޑް ކޮށްފައި ވާކަމަށާ، އެ ހަމަލާތަކުގެ 90 ޕަސެންޓަކީ، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާނުންގެ ފަރާތުން އަމާޒުވި ހަމަލާތަކެއް ކަމަށް، މީޑިއާ ފާރަވެރިއަކުން ރިޕޯޓް ކޮށްފިއެވެ.

އަފްގާނިސްތާން ނޭޝަނަލް ޖާނަލިސްޓްސް ޔޫނިއަން (އަންޖޫ)އިން ބުނާ ގޮތުގައި، ރެކޯޑް ކޮށްފައި ވާ ހަމަލާތަކުގެ 40 ޕަސެންޓް ހިއްސާ ކުރަނީ، ޖިސްމާނީ އަނިޔާއެވެ. އަނގަބަހުން ދިން އަނިޔާގެ ގޮތުގައިވެސް 40 ޕަސެންޓް ހަމަލާ ރެކޯޑް ކޮށްފައި ވާ ކަމަށް އަންޖޫގެ އިސްވެރިޔާ، މަސޮއްރޯ ލުތުފީ ވަނީ ވިދާޅުވެފައެވެ.

ބާކީ ހުރި މައްސަލަތަކަކީ 1 ދުވަހުގެ މުއްދަތަށް ނޫސްވެރިން ޖަލު ބަންދު ކުރުން ކަމަށް މައުލޫމާތު ލިބެއެވެ. މި މުއްދަތުގެ ތެރޭގައި 1 ނޫސްވެރިއެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.

ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހު ނޫސްވެރިންނަށް ކުރި އަނިޔާތައް މައިގަނޑު ގޮތެއްގައި ރެކޯޑް ކޮށްފައި ވަނީ ވެރިރަށް ކާބުލްގެ ބޭރުން އޮންނަ ޕްރޮވިންސްތަކުންނެވެ. 30 ކޭހުގެ ތެރެއިން 6 މައްސަލައަކީ ކާބުލްއިން ރެކޯޑް ކުރި މައްސަލަތަކެކެވެ.

ނޫސްވެރިންނަށް ހަމަލާ ދިނުމާ، ހަމަލާ ދޭނެ ކަމަށް ބުނެ ބިރު ދެއްކި ކަމުގެ 30 ހާދިސާއަކީވެސް، ކޮން ބައެއްކަން ނޭނގޭ މީހުން ހިންގި ޖަރީމާތަކެއް ކަމަށާ، ނަމަވެސް އެކަމުގެ އަޑީގައި އޮތީ ތޯލިބާނު ޖަމާއަތް ކަމަށް ލުތުފީ ވަނީ ވިދާޅުފައެވެ.

އަންޖޫއިން މިފަދަ ވާހަކަތަކެއް އާންމު ކޮށްފައި މިވަނީ، ބައިނަލްއަގުވާމީ މުޖުތަމައާއެކު ޑިޕްލޮމެޓިކް މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ތޯލިބާނުގެ އިސްވެރިން މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައެވެ.