މޫސުމީ މައުލޫމާތު ރެކޯޑް ކުރަން ފެށީއްސުރެ އަދާ ހަމައަށް އައި އިރު، 2020 ވަނަ އަހަރަކީ އޭޝިއާ ބައްރު ދުށް އެންމެ ހޫނު ގަދަ އަހަރު ކަމަށް އދއިން ބުނެފިއެވެ.
މޫސުމަށް އަންނަމުންދާ އާދަޔާ ހިލާފު ނޭދެވޭ ބަދަލުތަކާއި ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، އޭޝިއާގެ ބައްރުގެ ތަރައްގިއަށްވެސް އެކަމުގެ އަސަރު ފޯރަމުން އަންނަ ކަން އދއިން ވަނީ ފާހަގަ ކޮށްފައެވެ.
މޫސުމާ ބެހޭ އދގެ އިދާރާ، ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ކޮންމެ އަހަރަކުވެސް ޝާއިއު ކުރަމުން އަންނަ، "ސްޓޭޓް އޮފް ދަ ކްލައިމެޓް އިން އޭޝިއާ"ގެ މި އަހަރުގެ އަދަދު ބުނާ ގޮތުން، އޭޝިއާ ބައްރުގެ ހުރިހާ ހިސާބަކަށް މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ވަނީ ފޯރާފައެވެ.
ޑަބްލިއުއެމްއޯއިން ބުނީ މޫސުމީ އިންތިހާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެތައް ހާސް ބައެއްގެ ފުރާނަ ގެއްލުމާ، އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލުމުގެ އިތުރުން، އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ގެއްލުމާ އޭޝިއާ ބައްރަށް ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ތިމާވެށީގެ ނިޒާމްތަކާއި އުމްރާނީ ބިނާވެއްޓަށް ލިބުނު ގެއްލުންތައްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
ދެމެހެއްޓެނިވި ތަރައްގީއަށް ނުރައްކާ ކުރިމަތިވެފައި ވާ ކަމަށާ، ކާބޯތަކެއްޗާއި ފެނުގެ ކަށަވަރުކަން ކުޑަވެ، ސިއްހީ ނުރައްކާތައް އިތުރުވެ، ތިމާވެށި ހަލާކުވެ ދިއުން އިތުރު ވެފައި ވާ ކަމަށްވެސް ޑަބްލިއުއެމްއޯއިން ފާހަގަ ކުރެއެވެ.
މޫސުމީ ކާރިސާތަކުގެ ސަބަބުން އޭޝިއާގެ ގައުމުތަކަށް ލިބުނު ގެއްލުމުގެ ވާހަކަވެސް، އދގެ ރިޕޯޓްގައި ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ޗައިނާއަށެވެ. ޗައިނާއަށް ލިބުނު ގެއްލުމުގެ އަގު 238 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައި ވާ އިރު، އިންޑިއާއަށް 87 ބިލިއަން ޑޮލަރު، ޖަޕާނަށް 83 ބިލިއަން ޑޮލަރު އަދި ދެކުނު ކޮރެއާއަށް 24 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށް ލަފާ ކޮށްފައި ވެއެވެ.