މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފިނަމަ، ކުރިއަށް އޮތް ފިނި މޫސުމުގެ ދުވަސްވަރުގައި އަފްގާނިސްތާނުގެ އެތައް މިލިއަން ބަޔަކަށް ބަނޑުހައިހޫނު ކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ދީފިއެވެ.

ޑަބްލިއުއެފްޕީއިން ބުނީ 22.8 މިލިއަން މީހުން ނުވަތަ އަފްގާނިސްތާނުގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަށް، ކާބޯތަކެތީގެ ކަށަވަރުކަން ގެއްލިފައި ވާ އިރު، 3.2 މިލިއަން ކުދިންނަށް، ހަށިގަނޑަށް ބޭނުން ވާ މުހިންމު މާއްދާތައް ނުލިބޭ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ޑަބްލިއުއެފްޕީގެ އެގްޒެކެޓިވް ޑައިރެކްޓާ ޑޭވިޑް ބީޒްލީ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ އެންމެ ގެއްލުން ބޮޑު އިންސާނީ ކާރިސާތަކުގެ ތެރޭގައި އަފްގާނިސްތާން ހިމެނޭ ކަމަށެވެ.

އަފްގާނިސްތާނުގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކު މިހާރުވެސް ދަނީ ކާބޯތަކެތި ގަތުމަށްޓަކާ، މުދާ ވިއްކަމުންނެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާން ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން، އަފްގާނިސްތާނަށް ލިބެމުން ދިޔަ ބައިނަލްއަގުވާމީ އެހީ ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. އަފްގާނިސްތާނުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 40 ޕަސެންޓަށް ވުރެ ބޮޑު ބައެއް ބަރޯސާ ވަނީ ބޭރުގެ އެހީއަށެވެ. ގައުމަކީ ބޭރު އެހީއަށް ބަރޯސާވާ ގައުމެއް ކަމަށް ކަނޑައަޅަނީ ޖީޑީޕީގެ 10 ޕަސެންޓު ނުވަތަ އެއަށް ވުރެ އިތުރަށް، ބޭރުގެ އެހީއަށް ބަރޯސާވުމުންނެވެ.