މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، މިއަދު ބޭއްވި ކޮމިޝަނުގެ 396 ވަނަ ޖަލްސާއިން "މޯލްޑިވްސް ނެޝަނަލް ޕާޓީ" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ނިންމައި އެ ޕާޓީއާ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީީގެ ގާނޫނުގެ ދަށުން އެމްއެންޕީ ރަސްމީކޮށް ރަޖިސްޓްރީ ކުރަން ހުށަހަޅާފައި ވަނީ މިދިޔަ މަހު 15 ވަނަ ދުވަހު 5،000 މީހުންނަށް ވުރެ ގިނަ މީހުންގެ ފޯމާ އެކުގައެވެ.

އަލަށް ރަޖިސްޓްރީ ކުރި އެމްއެންޕީގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމެވެ.

އެމްއެންޕީގައި 6 ނައިބު ރައީސުންގެ ތެރެއިން އިންތިހާބަކަށް ނުގޮސް ހަތަރު ނާއިބު ރައީސުން ވަނީ މަގާމުތަކަށް ހޮވާފައެވެ. އެއީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލް އާއި މެދު ރީޖަންގެ ނާއިބު ރައީސަކަށް އަހްމަދު އުޝާމް އާއި މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް އަބްދުﷲ ރިޔާޒު އާއި ދެކުނު ރީޖަން އަށް އަހްމަދު ޝަރީފެވެ. އެމްއެންޕީގެ މަތި އުތުރު ރީޖަންގެ ނާއިބު ރައީސަކީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

އަންހެނުންގެ ތެރެއިން ނައިބު ރައީސުންގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ މިރުފަތު އިސްމާއީލް ޝަފީގުއެވެ. އަންހެނުންގެ ވިންގުގެ ލީޑަރަކީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ. އަދި އެ ޕާޓީގެ ޒުވާނުންގެ ވިންގުގެ ލީޑަރަކީ އުމައިރު އަހްމަދެވެ.