އިޒްރޭލުން ވެރިވެގެންފައި ވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީންނަށް ހާއްސަކޮށްގެން އިތުރު ހައުސިންގް ޔުނިޓްތަކެއް އަޅަން ރާވާފައި ވާ ކަން، އިޒްރޭލުން ހާމަކޮށްފިއެވެ.

އިޒްރޭލުން މިކަން ހާމަ ކުރުމާއެކު، ފަލަސްތީނުގެ ރައްޔިތުންނާއި ސުލްހައަށް މަސައްކަތް ކުރާ އެކްޓިވިސްޓުންގެ އިތުރުން، ފަލަސްތީނުގެ އަވަށްޓެރި އުރުދުންއިން ވަނީ މިކަމާ ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ.

Ads by FSM
FSM

ކަނާތު ފިޔައިގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ ސަރުކާރުގެ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ، ހުޅަނގު އައްސޭރީގައި 1355 ގެ އެޅުމަށް ޓެންޑަރަށް ހުޅުވާލާފައި ވާ ކަމަށެވެ.

މި 1355 ގެއަކީ، ހުޅަނގު އައްސޭރީގެ ވަޒަންވެރިންނަށް ހާއްސަކޮށްގެން އޯގަސްޓް މަހު އިއުލާން ކުރި 2000 ގޭގެ ލިސްޓަށް އިތުރު ވާ ގެތަކެކެވެ.

މި ގެތައް އެޅުމުގެ އެންމެ ފަހުގެ ހުއްދަ، އިޒްރޭލުގެ ދިފާއީ ވުޒާރާއިން މި ހަފުތާ ތެރޭގައި ދޫކުރާނެ ކަމަށް ހަބަރު ލިބެއެވެ.

ކޮންމެ ހަފުތާއަކު އޮންނަ ފަލަސްތީނުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު ޝަތިއްޔާ ވަނީ، އިޒްރޭލުން ހިންގާ ވަޒަންވެރިވުމުގެ މަޝްރޫއުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހޭ ފުރައްސާރަތަކާ ދެކޮޅަށް ތެދުވުމަށް ދުނިޔޭގެ ގައުމުތަކަށް، ވަކިން ހާއްސަކޮށް، އެމެރިކާއަށް ގޮވާލައްވާފައެވެ.

އިޒްރޭލުން ހިންގާ ވަޒަންވެރިވުމުގެ ސިޔާސަތަކީ، ވަކިވެފައި ވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިޒްރޭލާއި ފަލަސްތީނު އުފެދުމަށް އޮތް އެންމެ ބޮޑު ހުރަހަށް ވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މިކަމަށް ދޭ އިޖާބައެއް، ފަލަސްތީނުގެ ވެރިކަން ކުރާ ޕަލަސްތީނިއަން އޮތޯރިޓީއިން ބަލާނެ ކަމަށް ހަބަރު ލިބެއެވެ.

ހުޅަނގު އައްސޭރީގައި މިހާރުވެސް 475000 ޔަހޫދީން ދަނީ ވަޒަންވެރިވެ، ދިރިއުޅެމުންނެވެ. މި ކަމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާއެކެވެ.