އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ގައުމީ ސަލާމަތަށް މުހިއްމު އެއްބަސްވުމެއް ކަމަށް 241 ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްްމަދު އަސްލަމް ވިދާޅުވުމުން އެއީ ދޮގު ވާހަކަތަކެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅު (ޔޫޓީއެފް)ގެ އެއްބަސްވުން 241 ކޮމިޓީ އަށް ދެއްކީ ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ ދިފާއީ އެހެން އެއްބަސްވުންތަކުގެ މައުލޫމާތު ދޭން، މަޖިލީހުން އެދިފައި ވާތީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެ ކޮމިޓީ އަށް މިއަދު ވަޑައިގެން، ބޭއްވި ބައްދަލުވުމުގައެވެ.

ގައުމަށް ނުރައްކަލެއް ނެތް، ކޮމިޓީގައި ތިއްބެވި އިދިކޮޅު މެންބަރުންނަށް އިނގޭނެ: އާޒިމް

މިއަދުގެ 241 ކޮމިޓީގެ ބައްދަލުވުމަށް ފަހު އަސްލަމް ވަނީ ގައުމީ ސަލާމަތަށް އެ އެގްރީމަންޓްގެ ސަބަބުން އެއްވެސް ގެއްލުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެ ކޮމިޓީގެ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ، ރާއްޖޭގެ ގައުމީ ސަލާމަތަށްޓަކައި ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ. އަދި އެކަން މިއަދު 241 ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން 241 ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން

މިއަދު 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިދިކޮޅު ޕީޕީއެމްގެ ދެ މެންބަރުން ބައިވެރިވެވަޑައިގެންފައެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނެވެ.

މި ބައްދަލުވުމަށް ފަހު އިދިކޮޅުގެ ދެ މެންބަރުން އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މަގާމު ފުރުއްވި މުހައްމަދު ސައީދު ވަނީ އެގްރިމަންޓާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ދައްކަވާ ވާހަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ގައުމީ ސަލާމަތަށް ގެއްލުމެއް ނެތިއްޔާ އެގްރިމަންޓް އެއްކޮށް ނުދެއްކީ ކީއްވެ؟: ސައީދު

އާޒިމް މިހެން ވިދާޅުވެފައި ވަނިކޮށް އިދިކޮޅު މެންބަރެއް ކަމަށްވާ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ޔޫޓީއެފް އެއްބަސްވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ. އެ އެގްރިމަންޓްގައި ގައުމީ ސަލާމަތަށް އެއްވެސް ގެއްލުމެއް ނެތް ކަމަށް 241 ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވުމުން އެކަން ދޮގު ކުރައްވާ ސައީދު ވަނީ ސުވާލު އުފައްދަވާފައެވެ.

ގައުމީ ސަލާމަަތަށް ނުރައްކަލެއް ނެތް ނަމަ އެ އެގްރީމަންޓް އެއްކޮށް ނުދެއްކީ ކީއްވެތޯ އާއި ފުރަތަމަ މަރުހަލާގައި މަޖިލީހުގެ ރުހުން ނެތީތޯ ސައީދު އެއްސެވިއެވެ. ނުވަތަ އެ އެގްރިމަންޓަކީ ގާނޫނު އަސާސީއާ ހިލާފް އެގްރިމެންޓެއް ތޯ ވެސް ސައީދު އެއްސެވިއެވެ.

މިއަދުގެ 241 ކޮމެޓީގައި ބޭއްވި ބައްދަަލުވުމުގައި އެމްއެންޑީއެފުން ހުށަހެޅި ޕްރެޒެންޓޭޝަނުގައި، ޔޫޓީއެފް އެއްބަސްވުމުގެ އަސްލަކީ ޔާމީނުގެ ވެރިކަމުގައި 2016 ގައި ސޮއިކުރި އެކްޝަން ޕްލޭން ކަމަށް ވިޔަސް، އެއްބަސްވުމުގެ ޝަރުތުތައް އޮތީ އެ ސަރުކާރުން ކަނޑައެޅި ގޮތަކަށް ނޫން ކަމަށް ބުނެއެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން، ޓާމްސް އޮފް ރިފަރެންސް ހޯދަން އިންޑިއާއިން އެދުމުން، 2017 ވަނަ އަަހަރު ރާއްޖޭން ހުށަހެޅި ޓާމްސް އޮފް ރިފަރެންސް 2019 ވަނަ އަހަރު އަލުން މުރާޖައާ ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފްގެ ޕްރެޒެންޓޭޝަނުގައި ބުނެއެވެ. އެއްބަސްވުމުގެ ޓާމްސް އޮފް ރިފަރެންސް އަލުން ބެލީ އިންޑިއާގެ ވަފުދެއް 2019 ވަނަ އަހަރު ރާއްޖެއަށް ކުރި ދަތުރެއްގައެވެ.

މިއަދު 241 ކޮމިޓީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޔޫޓީއެފް އެއްބަސްްވުމާ ބެހޭ މައުލޫމާތުތަކެއް ދެއްކި ނަމަވެސް މުޅި އެއްބަސްވުމެއް ނުދައްކައެވެ. އެ ކޮމިޓީން މިއަދު ފާސްކުރީ ޔޫޓީއެފް އެއްބަސްވުން ކޮމިޓީ އަށް ދެއްކި ނަމަވެސް، އެ އެއްބަސްވުން ސިއްރު ކުރަން ޖެހޭ ކަމަށް އެއްބަސްވުމުގެ މާާއްދާއެއްގައި ބުނާތީ، ކޮމިޓީން ވެސް އެ ސިއްރު ހިފެހެއްޓުމަށެވެ.