އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ހަލުވި ފިޔަވަޅުތަކެއް ނާޅައިފިކަމުގައި ވާ ނަމަ، ދާދި އަވަހަށް އަފްގާނިސްތާން އިނދަޖެހިދާނެ ކަމަށް ސްވީޑަންއާއި ޕާކިސްތާނުގެ ވަޒީރުން އިންޒާރު ކުރައްވައިފިއެވެ.

އިންތިހާ މާޔޫސްކަމާއި ހާސް ކަމުގެ ތެރެއަށް އަފްގާނިސްތާން ވެއްޓިފައި ވަނީ، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން، އޯގަސްޓް 2021 ގައި އަފްގާނިސްތާނުގެ ވެރިކަން ނެގި ހިސާބުންނެވެ. ހުޅަނގުގެ ތާއީދު ލިބިފައި އޮތް ސަރުކާރެއް ވައްޓާލާ، އަފްގާނިސްތާނުގެ ވެރިކަމާ ތޯލިބާނުން ހަވާލު ވުމާއެކު، އެހީގެ ގޮތުގައި އަފްގާނިސްތާނަށް ލިބެމުން ދިޔަ އެތައް ބިލިއަން ޑޮލަރެއް ވަނީ މަޑުޖެހިފައެވެ. އަފްގާނިސްތާނަކީ ބައިނަލްއަގުވާމީ އެހީއަށް އިންތިހާއަށް ބަރޯސާވެފައި އޮތް ގައުމެކެވެ.

ދުބާއީގައި ހުންނަވާ ވާހަކަދައްކަވަމުން ސްވީޑަންގެ ތަރައްގީއާ ބެހޭ ވަޒީރު ޕޭރް އޮލްސޯން ފްރިދް ވިދާޅުވީ، އަފްގާނިސްތާން މިހާރު އޮތީ އިނދަޖެހުމުގެ ތުންފަތް މަތީގައި ކަމަށާ، އަފްގާނިސްތާން އިނދަޖެހެމުން ދަނީ ހީކުރި ވަރަށް ވުރެ ހަލުވި ދުވެއްޔެއްގައި ކަމަށެވެ.

އަފްގާނިސްތާނުން ނުދައްކާ ހުރި ކަރަންޓް ބިލުތަކުގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރާ / ފޮޓޯ: ވޯލްސްޓްރީޓްޖާނަލް

ސްވީޑަންގެ ވަޒީރު ވިދާޅުވީ އިގުތިސޯދީ ކާރިސާއަކީ، ޓެރަރިސްޓް ގުރޫޕުތަކަށް އަރޯކަން ލިއްބައިދެނިވި ވެއްޓެއް އުފައްދަނިވި ކަމަކަށް ވެދާނެ ކަމަށެވެ. ކަން އޮތީ މިހެން ކަމުގައި ވީ ނަމަވެސް، ތޯލިބާން މެދުވެރިކޮށް، އަފްގާނިސްތާނަށް އެހީ ފޯރުކޮށްދިނުމަކީ ސްވީޑަންއަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އޭގެ ބަދަލުގައި، އަފްގާނިސްތާނުގެ މަދަނީ ޖަމިއްޔާތައް މެދުވެރިކޮށް، އަފްގާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދެވިދާނެ ކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު، ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ފަވާޒް ޗޯދްރީ ވިދާޅުވީ، އިންސާނީ ކާރިސާއަކުން އަފްގާނިސްތާން ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ ސީދާ ގޮތުން ތޯލިބާނުންނާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުތަކުގައި ފްރީޒް ކޮށްފައި ވާ އަފްގާނިސްތާނުގެ އެތައް ބިލިއަން ޑޮލަރެއްގެ އަގު ހުރި އެސެޓްތައް ދޫކޮށްލުމަށްވެސް ޕާކިސްތާނުގެ ވަޒީރު ވަނީ ގޮވާލައްވާފައެވެ.

އަފްގާނިސްތާނުން ކަރަންޓް ބިލްތައް ނުދައްކާ އޮތުމުން، ކޮންމެ ވަގުތެއްގައި އެ ގައުމުން ކަރަންޓް ކަނޑާލުމުގެ ފުރުސަތު އެބަ އޮތް / ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ދުބާއީގައި ހުންނަވާ، ރޮއިޓާޒްއާ ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ވަޒީރު ވިދާޅުވީ، ތޯލިބާނުންނާއެކުވެގެން މަސައްކަތް ކުރުމަކީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށްވެސް އޮތް މަގެއް ކަމަށެވެ. އަދި މި ކަމަކީ ހުރިހާ ފަރާތެއްގެ ޝާމިލުވުން އެކުލެވޭ، ގާނޫނީ ސަރުކާރެއް އެކުލަވާލަންވެސް އޮތް މަގު ކަމަށް ޕާކިސްތާނުގެ ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ޕާކިސްތާނަކީ ތޯލިބާނުންނާ ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވާއިރު، އެމެރިކާއިން އަފްގާނިސްތާނުގައި ކުރި 20 އަހަރުވީ ހަނގުރާމާގައި، ޕާކިސްތާނުން ތޯލިބާނުންނަށް އެހީ ދިން ކަމަށްވެސް ތުހުމަތު ކުރެވެއެވެ. ނަމަވެސް ޕާކިސްތާނުގެ ސަރުކާރުން، އެ ތުހުމަތު ތަކަށް އިންކާރު ކުރެއެވެ.