ގެވެށި އަނިޔާގެ ވާހަކައަކީ ޒަމާނުއްސުރެ ދައްކާ ވާހަކައެކެވެ. މީގެ ކުރިން މި ފަދަ ވާހަކަތަކަކީ އާންމުންނަށް އިވޭ ތަންތަނުގައި ދައްކާ ވާހަކަތަކެއް ނޫނެވެ. މިފަދަ ވާހަކަތައް އާންމުކޮށް މީހުން ދައްކަން ޖެހިލުން ވަނީ އާއިލާ ބަދުނާމުވެ ލަދު ގަންނަ ޖެހޭ ހާލަތްތަކަށް ގޮސްދާނެތީއެވެ. ދިރިއުޅުމުގައި އެތައް ބައެއްގެ ގަނާ ކުރުމާ ކުރިމަތިލާން ޖެހޭތީއެވެ. ނުވަތަ އިންސާފެއް ނުލިބި އެ ވާހަކަތައް ދައްކައިގެން ކޮޅެއްގައި ނުޖެހި މުޅި އުމުރު އެ ވޭންތަކުގައި ހޭދަކުރަން ޖެހިދާނެތީއެވެ.

ނަމަވެސް ޒަމާން ބަދަލުވެއްޖެއެވެ. މިފަދަ އަނިޔާތަކުގެ ޝިކާރައަށް ވާ މީހުން އިންސާފު ހޯދަން ނުކުމެ އެ ވާހަކަތައް ހިއްސާ ކުރާތަން މަދުން ނަމަވެސް އަންނަނީ ފެންނަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ އުމުރުން 19 އަހަރުގެ އަންހެނަކަށް ފިރިހެނަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައެއް ތިލަ ވެފައެވެ. މި މައްސަލައިގައި އަނިޔާ ލިބިފައި ވަނީ އެއްމާބނޑު ދެބެއިންގެ ތެރެއިން ދޮށްޓަށް ހުރި މީހާއަށެވެ.

ގަދަކަމުން ގެންދިޔައީ ބިރު ދައްކައިގެން!

މި ހާދިސާގައި އަނިޔާ ލިބުނު 19 އަހަަރުގެ އަންހެން މީހާގެ އެއްމާބަނޑު ކޮއްކޮ "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ ދައްތަ ރައްޓެހިވެގެން އުޅުނު ފިރިހެން މީހާގެ ފަރާތުން ގެވެށި އަނިޔާ ލިބެމުން ދިޔަ ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާގެ ދައްތަ ގަދަ ކަމުން މާލެއަށް ގެންދިޔަ ކަމަށެވެ. އެ އާއިލާ ދިރިއުޅެނީ ހުޅުމާލޭގައި ކަމަށާއި އެ ފިރިހެން މީހާ އޭނާގެ ދައްތަ ހޯދަން އިރުއޮއްސުނު އިރު އެގޭ ކައިރިއަށް ދިޔަ ކަަމަށާއި ދައްތަ އަންނަން ދެން މަޑުކޮށްގެން ހުރީ ކަމަށް ކޮއްކޮ ބުނެއެވެ. އަދި ރޭގަނޑު 10:30 ހާއިރު އަންހެން މީހާ ގެއަށް އައި ވަގުތު ލިފްޓް ތެރެއިން ދިމާކޮށް އަނިޔާ ކޮށްގެން އެތަނުން ގަދަކަމުން ގެންދިޔަ ކަމަށް އާއިލާއިން ބުނެއެވެ.

ސިނަމާލެ ބްރިޖް

އެ ގެއިން އަންހެން މީހާ ގަދަކަމުން ގެންދިޔަ ވަގުތު ފޯނުން އޭނާގެ މަންމައަށް ގުޅިއެވެ. "މަންމާ، މާއިޝް ގަދަކަމުން މިއޮއް ގެންދަނީ" މިހެން ބުނި އަޑު އިވުނު ކަމަށާއި އަދި އެއަށް ފަހު ފޯނު ކެނޑުނީ ކަމަށް އާއިލާއިން ބުނެއެވެ. އެއަށް ފަހު އާއިލާއިން ވަނީ އެ ފިރިހެން މީހާގެ މަންމަ އަށް ގުޅައި އަންހެން މީހާ ގަދަކަމުން ގެންދިޔަ ކަމަށާއި އޭނާ އެގޭގައި ހުރިތޯ ސުވާލު ކޮށްފައެވެ. ނަމަވެސް ޖަވާބުގައި އަންހެން މީހާ އެގޭގައި ނެތް ކަމަށް ބުނިކަމަށް ކިޔައިދިނެވެ.

ދައްތަ އާ ހަވާލާދީ އޭނާގެ އެއްމާބަނޑު ކޮއްކޮ ބުނީ، މާލެއަށް ގެންދިޔައީ ބިރު ދައްކައިގެން ކަމަށެވެ. އަދި މާފަންނުގައި އެ ފިރިހެން މީހާ ދިރިއުޅޭ ގެއަށް އޭނާ ގެންދިޔަ އިރު އެގޭގައި އެ ފިރިހެން މީހާގެ 3 ރައްޓެހިންގެ އިތުރުން އެމީހާގެ މަންމަ އާއި މާމަ ތިބި ކަމަށް ވެސް އޭނާ ބުނެއެވެ.

އަނިޔާއެއް ނުކުރެއޭ ބުނާށޭ ބުނެ ފިރިހެން މީހާގެ މަންމަމެން ހަޅޭއްލެވި!

އަނިޔާ ކުރި އިރު ވެސް އެމީހުން އެތާ ތިބި ކަމަށް ބުނެއެވެ. އަދި އެ ގޭގެ ސިޑި މަތިން ފުރަތަމަ ފްލޯއިން ތިރިއަށް އެ އަންހެން މީހާ ކޮއްޕާ ވައްޓާލާފައިވާ ކަމަށް ވެސް އެ އާއިލާއިން ބުނެއެވެ. މީގެ އިތުރުން އިސްތަށިގަނޑުގައި ހިފާ އަނިޔާކޮށްފައިވާ އިރު އަތުގައި ވެސް ވަކި އަޅާފައި ހުރި ތަންތަނުގެ ނިޝާނާއި ބޮލުގައި ގުއްބެއްހެން ތަންގަނޑެއް ދުޅަވެފައި ހުރި ކަމަށް ވެސް އާއިލާއިން ބުނެއެވެ. މީގެ އިތުރުން ލޯމަތީގައި ދަތްވެސް އަޅާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

ހިތާމަ ކުރަމުންދާ އަންހެނަކު ދައްކުވައިދޭ ޕޯސްޓަރެއް

އެ އާއިލާއިން އަންހެން މީހާ ހޯދަން އެރޭ 11:30 ހާއިރު ދިޔައެވެ. އެ ތަނަށް ދިޔައީ އެ އަންހެންމީހާގެ އެއްމާބަނޑު ކޮއްކޮއެވެ. އޭރު އެގޭ ތިރީ ދޮރު ހުޅުވާފައި ހުރުމުން އޭނާ ސިޑިން އެރިއެވެ. އޭރުވެސް ހަޅޭއްލަވާ އަޑުފައްގަނޑު އިވޭ ކަމަށް އޭނާ ބުނެއެވެ.

އެގެއަށް ވަން އިރު ދައްތައާ ދިމާއަށް އެގޭ މަންމައާއި މާމަ "ބުނޭ އެ މާއިޝް އަނިޔާއެއް ނުކުރެޔޭ" މިހެން ކިޔައި އެމީހުން ދިޔައީ ދައްތައާ ދިމާއަށް ހަޅޭއް ލަވަމުން ކަަމަށް ކޮއްކޮ ބުނެއެވެ. އެ ގެއަށް ވަދެ އޭނާގެ ދައްތަ އެތަނުން ސަލާމަތް ކޮށްގެން ނުކުތް އިރު އެގޭތެރޭގައި ތިބި މީހުން ދިޔައީ އަނގަޔަށް އައިހާ ހުތުރު އެއްޗެއް އެ ދެބެއިންނާ ދިމާލަށް ކިޔަމުން ކަމަށްވެސް ބުންޏެވެ.

އެހެން އަންހެނަކު ރޭޕް ކުރާ ވީޑީއޯއެއް ފެނުނު މައްސަލައެއް ވެސް ރިޕޯޓް ކުރި!

އެ އަންހެން މީހާއަށް ގެވެށި އަނިޔާ ކުރާ މައްސަލަ ވަނީ މި އަހަރު ތެރޭ މީގެ ކުރިންވެސް ފުލުހުންނަށް ރިޕޯޓް ކޮށްފައި ކަމަށް އާއިލާއިން ބުނެއެވެ. އެ ފަހަރު މައްސަލަ ރިޕޯޓް ކުރި އިރު އެ ފިރިހެން މީހާގެ ފޯނުން އެހެން އަންހެނަކު ރޭޕް ކުރާ ވީޑިއޯއެއް ފެނުނު މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓް ކުރި ކަމަށް އެ އާއިލާއިން ބުނެއެވެ. އެ ވީޑިއޯ އިން ފެންނަނީ އެ ފިރިހެން މީހާ އާއި އޭނާގެ ރައްޓެހިންތަކެއް އަންހެނަކު ރޭޕްކުރާ މަންޒަރު ކަމަށާއި އަދި އެ ވީޑިއޯގައި އަންހެން މީހާ ހޭނައްތާލަނީ ބޮލަށް ބިއްލޫރި ފުޅިއެއް ތަޅާލައިގެން ކަމަށް ދައްތައާ ހަވާލާދީ ކޮއްކޮ ބުނެއެވެ.

އެ މައްސަލައިގައި 3 ވަރަކަށް ފައިލް ރިޕޯޓް ކޮށްފައިވާނެ ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް އާއިލާއިން ބުނެއެވެ. ބަޔާން ނެގި ޕޮލިސް އޮފިސަރު ބުނެފައި ވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަކީ ކުރިންވެސް ޑްރަގްސް އަދި އެހެނިހެން ކުށުގެ ބޮޑެތި މައްސަލަތައް އޮތް މީހެއް ކަމަށެވެ.

އަނިޔާ ކުރާތީ ރުޅިވާން ވަރަށް މަސައްކަތް ކުރި!

ރައްޓެހި ވެގެން އުޅޭތާ 2 އަހަރު ވެފައިވާ އިރު 19 އަހަރުގެ އަންހެން މީހާއަށް އޭނާ އަބަދުވެސް އަނިޔާ ކުރެއެވެ. ކޮންމެ ފަހަރަކު އޭނާއާ ރުޅިވާން މަސައްކަތް ކުރާ އިރަށް އެއަށް ވުރެ ބޮޑުވަރު ކޮށްލާ ކަމަށް އޭނާ ބުނެއެވެ.

ރޭޕް މައްސަލައިގައި އާންމުން ކުރި މުޒާހަރާއެއްގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

އެ ގޮތުން އެއް ދުވަހު ޖެހުނު މައްސަލައެއްގައި އެ ފިރިހެންމީހާއާ ވަކިވެގެން ދާން އަންހެން މީހާ މަސައްކަތް ކުރުމުން އެ ފިރިހެން މީހާ ވަނީ އެ އަންހެން މީހާ ލައިގެން ހުރި ހުރިހާ އަންނައުނެއް ބާލައި އޮރިޔާން ކޮށްފައި ކަމަށްވެސް ބުންޏެވެ. މިހެން ކަންތައް ކުރަނީ ބޭރަށް ނުކުމެގެން ދާން ނުކުރޭނެ ގޮތެއް ހެދުމަށް ކަމަށް ބެލެވޭ ކަމަށް އާއިލާއިން ބުނެއެވެ. އެގޮތުން އެއް ދުވަހު އެގޮތަށް އޮރިޔާން ކޮށް ސިޓިންރޫމަށް އޭނާ ހޫރާލި ކަމަށާއި އެ ވަގުތު އެތަނުގައި އެ ފިރިހެން މީހާގެ މާމަވެސް ހުރިކަމަށް އާއިލާއިން ބުނެއެވެ. މާމަ ބުނި ބަސް، ދައްތަ ކިޔައި ދިން ކަމަށާއި އެ ބަސްތައް އަދިވެސް ހަނދާން ހުންނަ ކަމަށް ކޮއްކޮ ބުނެއެވެ.

ފިރިހެން މީހާ އަނިޔާ ކުރިއަސް އަދި އެހެން އަންހެނުން ކައިރިއަށް ދިޔަޔަސް މަޑުން ހުރުމަށް މާމަ ބުނެފައިވާ ކަމަށާއި އަދި އެހެން ކަން ކޮށްފި ނަމަ އާހިރުގައި އެ ފިރިހެން މީހާ އޭނާގެ މިލްކަކަށް ވާނެ ކަމަށް ވެސް މާމަ ބުނެފައިވާ ކަމަށް ކޮއްކޮ ބުނެއެވެ.

އަނިޔާ ކުރި މީހާ ބަންދަށް 10 ދުވަސް! އަނިޔާ ލިބުނު މީހާ ޝޮކެއްގައި!

ފުލުހުން ބުނެފައި ވަނީ މި މައްސަލަ ރިޕޯޓް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ 19 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހައްޔަރު ކުރި މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ ގެވެށި އަނިޔާ ކުރި މައްސަލަ ކަމަށް ފުލުހުން ބުނާއިރު މި މައްސަލައިގައި ގަދަ ކަމުން މީހަކު ރަހީނު ކުރި ކަމަށް ބުނާ ތުހުމަތު ކުރެވޭ ކަމަކަށް ފުލުހުން ނުބުނެއެވެ. މިހާރު ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ކޯޓުން ޖަހާފައެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށް ވީ އަންހެން މީހާގެ ހާލަތަށް ބަލާއިރު، އޭނާ ހުރީ ޝޮކެއްގައެވެ. ސައިކޮލޮޖިކަލީ މީހާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ އިރު، މީހުންނާ ބައްދަލުކޮށް ގައިގޯޅި ވާކަށް އޭނާ މިހާރު ނޭދެއެވެ. ހާއްސަކޮށް ފިރިހެނުންނާ އޭނާ މިހާރު ވަރަށް ދުރު ކަމަށް އާއިލާއިން ބުނެއެވެ.

ރޭޕް ކުރުމާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާ / ފޮޓޯ: ދަ ޕްރެސް

ގެވެށި އަނިޔާގެ ޝިކާރައަށް ވެފައިވާ އެ އާއިލާގެ މެންބަރުގެ ހާލާ މެދު އެންމެން ވެސް ތިބީ ހަމްދަރުދީ ވެފައެވެ. އުމުރުން 19 އަހަރުގައި ދިމާވި މި ހާދިސާތަކާއެކު އޭނާއަށް ކޮށްފައިވާ ނަފްސާނީ ގެއްލުންތަކަށް ޝިފާ ހޯދަން އެ އާއިލާއިން ބޭނުންވެއެވެ. ހަމައެއާއެކު އިންސާފް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އެ އާއިލާ ތިބީ އަތުކުރި އޮޅާލައިގެންނެވެ.

އަނިޔާ ކުރުން ފަދަ މި ފަދަ މައްސަލަ ތަކަކީ ސީރިއަސް މައްސަލަތަކެވެ. މިފަދަ ކަންކަން ފެންނަ ނަމަ ނުވަތަ އަޑު އިވޭ ނަމަ ލަސް ނުކޮށް ކަމާ ގުޅޭ ފަރާތްތަކަށް ރިޕޯޓް ކުރުމަކީ އެފަދަ އަނިޔާތަކުން މީހުން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަމެވެ. ގެވެށި އަނިޔާ ލިބޭ އެތައް މައްސަލަތަކެއް ފެންމަތިވާއިރު، އެފަދަ މައްސަލަތަކުގައި އަނިޔާގެ ޝިކާރައަށް ވާ މީހުން މަރުވެފައި ވެސް އެބަހުއްޓެވެ.