މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާއަށް އަނެއްކާވެސް މި ބަލީގެ ރާޅަކާ ކުރިމަތިލާން ޖެހިފައި ވާއިރު، ބައިލަމަޑުކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކޮށް، ސްކޫލްތައް ބަންދުކޮށް، ޓެސްޓު ކުރުން ފުޅާ ކޮށްފިއެވެ.

ޗައިނާގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ، ފަތުރުވެރިންގެ ގުރޫޕަކުން ފެތުރުނު ކޮވިޑް ރާޅެއް ކޮންޓްރޯލް ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގެ ޑޮމެސްޓިކް ކޭސްތައް ނުވަތަ ގައުމު ތެރޭގައި ބަލި ފެތުރޭ މިންވަރު ބޮޑުތަނުން ކޮންޓްރޯލް ވެފައި ވީ ނަމަވެސް، އާ ކޭސްތައް ރެކޯޑް ކުރާތާ މިހާރު ވިދިވިދިގެން 5 ދުވަސް ވަނީ ފާއިތުވެފައެވެ. ގިނަ ކޭސްތައް ރެކޯޑް ކުރަމުން ދަނީ އުތުރާއި ހުޅަނގުއުތުރުގެ ސަރަހައްދުތަކުންނެވެ.

ޗައިނާގައި މިހާރު އުފެދިގެން އުޅޭ ކޮވިޑް ރާޅު ގުޅިފައި ވަނީ، ދަތުރުވެރި ގުރޫޕެއްގައި ހިމެނޭ، ދޮށީ އުމުރުގެ ދެމަފިރިއަކާއެވެ. ޝަންހާއީއިން ފެށި ދަތުރުގައި ޝިއާންއަށް ދަތުރު ކޮށް، ގާންސޫއާއި އިނާ މޮންގޯލިއާއަށްވެސް އެ ދެމަފިރިން ދަތުރު ކޮށްފައި ވާ އިރު، އެ ދެމަފިރިންނާ ގިނަ ކޭސްތައް ވަނީ ގުޅިފައެވެ. މީގެ އިތުރުން ވެރިރަށް ބެއިޖީންގްވެސް ހިމެނޭހެން، އެމީހުންގެ ގާތް ކޮންޓެކްޓުން ނުވަތަ އެކީ އެއްތާވީ މީހުން، ޗައިނާގެ 5 ޕްރޮވިންސަކާއި ސަރަހައްދެއްގައި އެބަތިބި ކަމަށްވެސް ހަބަރު ލިބެއެވެ.

ނަތީޖާއެއްގެ ގޮތުން ޗައިނާގެ ލޯކަލް ގަވަމަންޓްތަކުން ވަނީ ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރުން މެކުހަށް ޖަހާ، ފަތުރުވެރި މަންޒިލްތައް ބަންދު ކޮށްފައެވެ. ސްކޫލްތަކާއި މުނިފޫހިފިލުވުމުގެ މައިދާންތައްވެސް ބަންދު ކޮށްފައި ވާއިރު، ވަކި ސަރަހައްދުތަކަކަށް ހާއްސަކޮށްގެން ލޮކްޑައުންގެ އަމުރުތައްވެސް ތަންފީޒު ކުރަން ފަށާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

އަދާ ޖެހުނުއިރުވެސް ފަރުވާއެއް ނުހޯދުނުތާ ބަލީގެ އަސްލުވެސް ދެނެގަނެވިފައި ނުވާ ކޮވިޑްގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ، ޗައިނާގެ ވޫހާން ސިޓީއިން ޑިސެމްބަރު 2019ގައެވެ. އޭގެ ފަހުން ޗައިނާގައި ބަލިމަޑުކަމުގެ އޮއެވަރެއް އުފެދި، އެތައް ހާސް ބަޔަކަށް ބަލި ޖެހުނު ކަމުގައި ވީ ނަމަވެސް، ޗައިނާ ވެފައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ ކާމިޔާބު އެއް ގައުމަށެވެ.