ކިއުބާގައި އޮޕަރޭޓް ކުރަމުން އަންނަ އެމެރިކާގެ އެންމެ ވަރުގަދަ ޖަލު ކޭމްޕުގެ ގޮތުގައި ސިފަ ކުރާ ގުއަންޓަނަމޯ ބޭ ޖަލުގައި، އަފްގާނިސްތާނަށް ނިސްބަތްވާ އަސަދުﷲ ހާރޫން ގުލް ހައްޔަރު ކޮށްފައި ބެހެއްޓުމުގެ ގާނޫނީ އެއްވެސް އަސާސެއް އެމެރިކާއަށް ނެތް ކަމަށް، އެމެރިކާގެ ފަނޑިޔާރަކު ހުކުމް ކުރައްވައިފިއެވެ.

އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުން، ޖަލާލްއާބާދުން ގުލް ހައްޔަރު ކުރީ ޖޫން 2007 ގައެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއާ އޭނާ ހަވާލު ކުރި ފަހުން، ގުލް ބަންދުގައި ބަހައްޓާފައި ވަނީ ގުއަންޓަނަމޯ ޖަލުގައެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރެއް ކަމަށް ވާ އަމީތް މެހެތާ ވަނީ، ގުއަންޓަނަމޯ ޖަލުގައި ގުލް ބެހެއްޓުމަށް ވަކާލާތުކޮށް އެމެރިކާގެ ސަރުޚާރުން ހުށަހަޅާފައި ވާ ޕެޓިޝަނަށް އިންކާރު ކުރައްވާފައެވެ.

ގުލްގެ ވަކީލު، ޓާރާ ޕްލޮޗޮއްކީ ވިދާޅުވީ، ފަނޑިތާރުގެ ނިންމުމާ މެދު އުފާ ކުރާ ކަމަށެވެ. އަދި ގުއަންޓަނަމޯ ޖަލުން ގުލް މިނިވަންވުން އެކަށީގެން ވާކަމަށް އޭނާ އުއްމީދު ކުރެއެވެ.

އެމެރިކާގެ ގާނޫނީ އެޑްވޮކަސީ ގުރޫޕެއް ކަމަށް ވާ ރިޕްރައިވްއިން ބުނާ ގޮތުގައި، 14 އަހަރު ގުއަންޓަނަމޯ ޖަލުގައި ހޭދަ ކޮށްފައި ވާ ގުލްގެ ބަންދުގެ ފުރަތަމަ 9 އަހަރު ދުވަސް ހޭދަ ކުރީ، ދައުވާއަކާ ނުލާ، އަދި ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ލިބި ދިނުމަކާ ނުލައެވެ.

ގުލް ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނީ އިމުން ބޭރުން ކަމަށް ބަޔާންކޮށް ވޮޝިންގްޓަންގެ ފެޑެރަލް ކޯޓަށް، ގުލްގެ ވަކީލުން މައްސަލަ ވެއްދީ 2016 ވަނަ އަހަރުއެވެ.

މި މައްސަލާގައި ފަނޑިޔާރުގެ ނިންމެވުމުގެ ބޮޑު ބައެއް ވަނީ ސިއްރު ކޮށްފައެވެ.