އިޒްރޭލު، އެމެރިކާ އަދި އެކުވެރި އަރަބި އިމާރާތާއެކު އިގުތިސޯދީ އިމުގެ ތެރެއިން އެއްބާރުލުން ދެނިވި ފޯރަމެއް އެކުލަވާލުމަށް، އަވަށްޓެރި އިންޑިއާއިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރުގެ އިތުރުން އިޒްރޭލު، އެމެރިކާ އަދި އެކުވެރި އަރަބި އިމާރާތުގެ ހާރިޖީ ވަޒީރުންވެސް ބައިވެރިވެވަޑައިގެން ކުރިއަށް ގެންދެވި މަޝްވަރާތަކުގައި، ތަފާތު އެކި ދާއިރާތަކުން ހިންގި ދާނެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ބެހެ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އެ ދާއިރާތަކުގެ ތެރެގައި ދަތުރުފަތުރު، ޓެކްނޮލޮޖީ، މެރިޓައިމް ސެކިއުރިޓީ، އިގުތިސޯދު އަދި ވިޔަފާރީގެ ދާއިރާ ހިމެނެއެވެ.

މި ދަނޑިވަޅަކީ 5 ދުވަހުގެ ރަސްމީ ދަތުރެއްގައި ޑރ ޖައިޝަންކަރު، އިޒްރޭލަށް ދަތުރުކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ. އިޒްރޭލުގެ ފޮރިން މިނިސްޓަރާއެކު ޑރ ޖައިޝަންކަރު ކުރިއަށް ގެންދެވި ބައްދަލުވުމުގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަންއާއި، އެކުވެރި އަރަބި އިމާރާތުގެ ފޮރިން މިނިސްޓަރު ޝައިހު ޢަބްދުﷲ ބިން ޒައިދު އަލް ނަހްޔާން ބައިވެރިވެވަޑައިގަތީ ވާޗުއަލް ކޮށެވެ.

އިޒްރޭލު، އެމެރިކާ އަދި އެކުވެރި އަރަބި އިމާރާތުގެ ހާރިޖީ ވަޒީރުންނާއެކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު (މަތިން މެދުގަ) ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ޓީއޯއައި

ބައްދަލުވުމަށްފަހު އިޒްރޭލުގެ ފޮރިން މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އިގުތިސޯދީ އިމުގެ ތެރެއިން އެއްބާރުލުން ދެނިވި ބައިނަލްއަގުވާމީ ފޯރަމެއް ގާއިމު ކުރުމަށް، ބައްދަލުވުމުގެ ބައިވެރިން ތާއީދު ކުރައްވާފައި ވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު މަޝްވަރާތަށް، ދުބާއީ އެކްސްޕޯގައި ކުރިއަށް ގެންދަވާނެ ކަމަށްވެސް ހަބަރު ލިބެއެވެ.

އިޒްރޭލާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު ޑރ ޖައިޝަންކަރު ވަނީ، ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ކަމަށް ވިދާޅުވެ، ޓްވީޓް ކުރައްވާފައެވެ. އަދި މިއަދު ކުރިމަތިލާން ޖެހިފައި ވާ ބޮޑެތި މައްސަލަތަކުގައި، ދެ ފަރާތުގެ ވިސްނުން ހުރީ ދާދި އެއް ގޮތަކަށް ކަމަށް ވެސް ޑރ ޖައިޝަންކަރު ވަނީ ފާހަގަ ކުރައްވާފައެވެ.