އިނގިރޭސި ނޫން ބަސްބަހުން ތައްޔާރު ކޮށްފައި ވާ ޓީވީ ޝޯތަކުގެ މަގުބޫލުކަން އިންތިހާއަށް އިތުރުވެ، ދުނިޔޭގެ އެންމެ ވަރުގަދަ ވީޑިއޯ ސްޓްރީމިންގް ޕްލެޓްފޯމްގެ ގޮތުގައި ސިފަކުރަމުން އަންނަ ނެޓްފްލިކްސްއަށް އިޝްތިރާކު ދައްކާ މިންވަރު އިތުރު ވާން ފަށައިފިއެވެ.

ސެޕްޓެމްބަރު 30، 2021 ވަނަ ދުވަހު ނިންމާލި 3 މަސް ދުވަހަށް ބަލާއިރު، ނެޓްފްލިކްސްއަށް 4.4 މިލިއަން ޔޫޒާ އެކައުންޓް ވަނީ އިތުރު ވެފައެވެ. މިއީ އޭގެ ކުރީ 3 މަސް ދުވަހާ އަޅާ ބަލާއިރު 2 ގުނަ އިތުރު އަދަދެކެވެ.

ނެޓްފްލިކްސް މެދުވެރި މިހާރު ބެލެން ހުރި އުފެއްދުންތަކަށް ބަލާއިރު އެންމެ ކާމިޔާބު ޝޯ އަކަށް ވެފައި ވަނީ ދެކުނު ކޮރެއާގެ ޓީވީ ސީރީޒް "ސްކުއިޑް ގޭމް"އެވެ.

ޝޯ ރިލީޒް ކުރި ފުރަތަމަ 4 ހަފުތާ ތެރޭގައި އެކަނިވެސް 142 މިލިއަން ގޭބިސީއަކުން މި ސީރީޒް ބަލާފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ނެޓްފްލިކްސްއަށް އިޝްތިރާކު ދައްކާ މީހުންގެ އަދަދު އިތުރު ވާން ފަށާފައި ވާ އިރު، 2021 ވަނަ އަހަރުގެ ފެށުމަކީ ނެޓްފްލިކްސްއަށް މާ ތިޔާގި ދުވަސްވަރެއް ނޫނެވެ. ނަމަވެސް، މިއަހަރުގެ 4 ވަނަ ކުއާޓަރުގައި، ނެޓްފްލިކްސްގެ ހިދުމަތް އަލަށް ހޯދާ މީހުންގެ އަދަދު 8.5 މިލިއަނަށް އަރާނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ.

ބްލޫމްބާގުން ބުނާ ގޮތުގައި 21.4 މިލިއަނަށް އުފެއްދި "ސްކުއިޑް ގޭމް" އިން ނެޓްފްލިކްސްއަށް 900 މިލިއަނެއްހާ ޑޮލަރު ލިބޭނެއެވެ.

"ސްކުއިޑް ގޭމް"ގެ ފަހަތުން، "ލަ ކާސާ ޑި ޕަޕޭލް" ނުވަތަ "މަނީ ހައިސްޓް" އަކީވެސް މި ދުވަސްވަރު ނެޓްފްލިކްސްގައި އެންމެ ފޯރިގަދަ އެއް ސީރީޒް ކަން ފާހަގަ ކުރަން ޖެހެއެވެ. މި ސީރީޒްގެ އާ ސީޒަން ރިލީޒް ކުރިތާ ފުރަތަމަ 4 ހަފުތާ ތެރޭގައި 69 މިލިއަން މީހަކު ވަނީ މި ޝޯ ބަލާފައެވެ.