އިގުތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވާ އަވަށްޓެރި ސްރީލަންކާގެ ބާޒާރުގައި އާދައިގެ ހަކުރު ވިއްކާ އަގު ބޮޑު ކުރަން އުޅޭ ކަމުގެ އަޑުތަކާ ދެކޮޅަށް، އެ ގައުމުގެ ސްޓޭޓް މިނިސްޓަރު ވާހަކަފުޅު ދައްކަވައިފިއެވެ.

ސްރީލަންކާގެ ސްޓޭޓް މިނިސްޓަރެއް ކަމަށް ވާ ޖަނާކާ ވައްކަމްބުރާ ވިދާޅުވީ ހަކުރު އަގުބޮޑު ކުރުމުގެ ޕްލޭނެއް އެ ގައުމުން ނުގެންގުޅޭ ކަމަށެވެ. ނަމަވެސް، ރަށްފުށު ބާޒާރުތަކަށް ހަކުރު ސަޕްލައި ކުރުމުގެ މަޝްރޫއުއެއް ފައްޓަވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، ސްރީލަންކާއަށް ހަކުރު އެތެރެ ކުރާ އިމްޕޯޓަރުން ވަނީ، 1 ބިލިއަނަށް ވުރެ ގިނަ ރުޕީޒްގެ ހަކުރު، މިހާރުވެސް ބަނދަރުގައި ތާށިވެފައި ވާ ކަމުގެ ޝަކުވާ އުފުލާފައެވެ.

ސްރީލަންކާގެ އެތެރޭގެ ވިޔަފާރިވެރިން މީގެ 4 މަހެއްހާ ދުވަސް ކުރިން އިމްޕޯޓް ކޮށްފައި ވާ 300 ކޮންޓޭނަރުގެ، 7000 މެޓްރިކް ޓަނުގެ ހަކުރު، ބަނދަރުގައި ތާށި ވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވިޔަފާރި ކުރާ ފަރާތްތަކުން މިހާތަނަށް 12000 މެޓްރިކް ޓަނުގެ ހަކުރު އެތެރެ ކޮށްފައި ވާއިރު، ބާޒާރުގައި ހަކުރުގެ އަގު އުފުލުމާ، ގައުމުން ހަކުރު ލިބުން ދަތި ވުމުގެ ސަބަބުން، ސްޓޮކުން 5000 މެޓްރިކް ޓަނުގެ ހަކުރު ވަނީ ދޫކޮށްފައެވެ.

ބަނދަރުގައި ހަކުރު ޝިޕްމަންޓް ތާށިވެފައި ވާއިރު، އެ ގުދަން ކުރުމުގެ ފީވެސް ވިޔަފާރިވެރިން ދައްކަން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން، މިހާރު ވިއްކަމުންދާ ކޮންޓްރޯލް ރޭޓުގައި ހަކުރު ނުވިއްކޭނެ ކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.

ސްރީލަންކާގެ ވިޔަފާރިވެރިން ވަނީ މިކަމާ ބެހޭ ގޮތުން، އެ ގައުމުގެ ޓްރޭޑް މިނިސްޓަރު، ބަންޑޫލާ ގުނަވަރުދަނާއާވެސް ބައްދަލު ކޮށްފައެވެ. މައްސަލަ މިހާރު އޮތީ ކެބިނަޓަށް ހުށަހަޅާ ހިސާބުގައި ކަމަށް މައުލޫމާތު ލިބެއެވެ.