ދިވެހިންގެ ތެރޭގައި ވެސް އެލާޖިކްގެ މައްސަލަތައް ހުންނަ މީހުން މަދެއް ނޫނެވެ. ކެވޭ އެއްޗެއް ނުވަތަ ގައިގާ ލެވޭ އެއްޗެއްގެ ނުވަތަ ދުވާ ވަހެއްގެ ސަބަބުން ވެސް އެލާޖިކްގެ މައްސަލަތައް ދިމާވާ މީހުން އުޅެއެވެ. މި ފަދަ ކަންކަމުގެ ސަބަބުން އެކި ކަހަލަ ސިއްހީ މައްސަލަތަކާއި ތަކްލީފްތައް އެތައް ބަޔަކު ތަހައްމަލު ކުރަމުން ދެއެވެ.

މާލެއަށް އުފަން، އުމުރުން 30 އަހަރުގެ، މަރިޔަމް ޒައީމާ މޫސާ އަށް މިފަދަ ދުވަހެއް ފެނިދާނެ ކަމަކަށް އޭނާގެ އާއިލާގެ އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. މަރީ އަކީ މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން އެލާޖިކް ވާ މީހެކެވެ. އެލާޖިކްވާ ކާބޯ ތަކެއްޗާއި، ބޭހުގެ ބާވަތްތަކާއި، ބައެއް މެޓީރިއަލްގެ އަންނައުނު ހިމެނޭ އިރު މިދިޔަ މެއި މަހުގެ ތެރޭގައި މަރީ އެލާޖިކްވެ މަރާ ހަނގުރާމަ ކުރަން ޖެހުނީ އައިޖީއެމްއެޗްގައި ހުންނަ ކެންޓީނުން ގަތް ކްރީމް ޖެހި ބަނަހެއް ކެއި ފަހުންނެވެ.

ކްރީމް ޖެހި ބަނަހަށް ހުރީ ޕީނަޓް ބަޓަރު ސޯސް އަޅާފައި!

މަރީ ގާތުގައި އެހީތެރިޔަކަށް ހުރި، އޭނާގެ ކޮއްކޮ އައިޝަތު ޒައީމާ (އައިޝާ)، 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، މަރީ އެލާޖިކް ވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އެދުވަހު މަރީގެ މަންމަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުން އެތަނުގައި އޭނާ އުޅުމަށް ފަހު އައިޖީއެމްއެޗް ކެންޓީނުން ކާއެއްޗެއް ގަތީ މިފަދަ ކަމެއް ދިމާވާނެ ކަމަކަށް ނޫނެވެ. ކެންޓީނުން ގަތް ކްރީމް ޖެހި ބަނަސް ކެއި ފަހުން ގައި ކަހަން ފެށިއެވެ. އެހިސާބުން އެލާޖިކް ވާ ބާވަތުގެ އެއްޗެއް އެ ބަނަހުގައި ހުރުމުން ވީ ކަމެއް ކަން އޭނާއަށް އެނގުނެވެ. އަދި މަރީ އައިޖީއެމްއެޗްގެ އީއާރަށް ގޮސް އަވަހަށް ފަރުވާ ހޯދިއެވެ.

މަރިޔަމް ޒައީމާ އަށް ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗުން ދީފައިވާ ބައެއް ލިއުންތައް

މަރީގެ ހިތް ހުއްޓި ވެންޓިލޭޓަރަށް

އެތަނަށް ދިއުމުން އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް އެލާޖިކް ވުމުން ޖަހާ އިންޖެކްޝަން ނަރުހުން ޖެހީ މަރީއަށް ވަމުން ދިޔަ އުނދަގޫތަކަށް ލުޔެއް ލިބޭނެ ކަމަށެވެ. ނަމަވެސް އިންޖެކްޝަން ޖެހިތާ މާގިނަ އިރެއް ނުވަނީސް މަރީގެ ހިތް ހުއްޓުނެވެ. އެހިސާބުން ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް މަރީއަށް ފަރުވާ ދޭން ފެށިއެވެ. 30 މިނެޓް މަރީ ރިކަވާ ވުމަށް ހޭދަވިއިރު އެ ވަގުތު ތެރޭގައި މަރީގެ ހިތް ދެ ބުރަކަށް އެއްކޮށްހެން ހުއްޓުނު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ. އަދި ފަރުވާއަށް ފަހު އީއާރުން މަރީ ނެރުނީ ވެންޓިލޭޓަރުގައި ކަމަށާއި އެއަށް ފަހު މަރީ ލީ އައިސީޔޫއަށް ކަމަށް އާއިލާއިން ބުނެއެވެ.

ވެންޓިލޭޓަރުގެ އެހީގައި ދުވަސްތަކަކަށް ފަރުވާ ދިނުމަށް ފަހު މަރީ ރޫމަށް ޑިސްޗާޖް ކުރިއެވެ. އަދި ސްކޭންތަކާއި އިތުރު ޓެސްޓުތައް ހެދުމަށް ފަހު މަރީގެ ސިކުނޑި ވަރަށް ބޮޑަށް ދުޅަ ވެފައި ވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. ސިކުނޑި ދުޅަވާން ޖެހުނީ ހިތް ހުއްޓިގެން އެހާ ގިނަ ވަގުތު ހޭދަވެ، ސިކުނޑިއަށް އޮކްސިޖަން ނުލިބި ގިނަ އިރު ވުމުންނެވެ. އެހެންކަމުން އިތުރު ފަރުވާ އަށް މަރީ އާސަންދައިގެ ދަށުން އިންޑިއާއަށް ފުރީ މަރާ ހަނގުރާމަ ކުރަމުންނެވެ.

މަރިޔަމް ޒައީމާ

އެ ދުވަހު މަރީ ކެއި ކްރީމް ޖެހި ބަނަހަށް ހުރީ ޕީނަޓް ބަޓަރު ސޯސް އަޅާފައި ކަމަށް އާއިލާއިން ބުނެއެވެ. މަރީއަކީ ބޭހުގެ ތެރެއިން ވެސް ގިނަ ބޭސްތަކަކަށް އެލާޖިކް ވާ މީހެކެވެ. އެ ގޮތުން އެންޓިބައޮޓިކް އަކީ ވެސް މަރީ އެލާޖިކް ވާ ބޭހެއް ކަމުން ގިނަ ފަހަރު ޔޫރިން ނުވަތަ ބްލަޑް އިންފެކްޝަނެއް ވިޔަސް ބޭސް ނުކެވި ބަލިން ރަނގަޅުވާން ގިނަ ދުވަސް ނަގާ ކަމަށް އާއިލާއިން ބުނެއެވެ. ހަމައެއާއެކު މަރީ ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ކަމަށާއި އެ ވެކްސިނަށް ވެސް އޭނާ އެލާޖިކް ވުމުން ދެވަނަ ޑޯޒް މަރީ ހުރީ ނުޖަހައެވެ.

އަމްރިތާ ހޮސްޕިޓަލުން ތިން ސާޖަރީއަށް ފަހު މަރީ ކުދިކުދި ހަރަކާތް ކުރޭ!

އިންޑިއާއަށް ދިޔަ ފަހުން އެންމެ ފުރަތަމަ ކުރި ސާޖަރީ އަކީ މަރީގެ ސިކުނޑި ދުޅަވެ ފެން ހެދިފައި ވާތީ އެ ފެންތައް ބޭރުކުރަން ސްޓަންޓެން ލައްވަން ކުރި އޮޕަރޭޝަނެކެވެ. އޭގެ އެއް މަސް ފަހުން ޕަންޕް ލައްވަން އޮޕަރޭޝަން އެއް ކޮށްފައި ވެއެވެ. އެ އޮޕަރޭޝަން އަށް ފަހު މަރީގެ ހާލަތަށް އެއްވެސް ބަދަލެއް އަންނަ ތަން ނުފެންނާތީ ޓެސްޓްތަކާއި ސްކޭންތައް ހަދާ ބެލުމަށް ފަހު ކުރިން ކުރި އޮޕަރޭޝަންގައި ހުރި މައްސަލަތަކެއް ރަނގަޅު ކުރުމަށް ތިން ވަނަ އޮަޕަރޭޝަނެއް ކުރި ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

އެ އޮޕަރޭޝަނަށް ފަހު ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށް މަރީގެ އެއްބަނޑުއެއްބަފާ ކޮއްކޮ ބުނެއެވެ. އެ ގޮތުން އަތުގެ ކުދިކުދި ހަރަކާތް ފެންނަ ކަމަށް އޭނާ ބުނެއެވެ. މަރީ ހޭއަރާފައި އޮތް ނަމަވެސް އަދިވެސް އަޑަށް ރިއެކްޓްކޮށް ނުހަދާ ކަމަށް އޭނާ ބުނެއެވެ. ލޯ ހުޅުވާ ހަދާ ކަމަށާއި ނަމަވެސް މަރީއަށް ވާހަކަ ވެސް ނުދެއްކޭ ކަމަށް އޭނާގެ ކޮއްކޮ ބުނެއެވެ.

މަރިޔަމް ޒައީމާ އަށް ފަރުވާ ދިން އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ބައެއް ލިއުންތައް

އަމްރިތާ ހޮސްޕިޓަލުން މިހާރު އޮކްސިޖަން ތެރަޕީ މަރީ ނަގަމުން އަންނަ އިރު އެއީ 40 ސެޝަން ނަގަން ޖެހޭ ތެރަޕީއެކެވެ. ނަމަވެސް އިންޑިއާއިން ފަރުވާ ހޯދަމުން އަންނަތާ 4 މަހާ ގާތްވާ އިރު އަދި މަރީއަށް ނެގުނީ އޮކްސިޖަން ތެރަޕީގެ 30 ސެޝަންއެވެ. ބާކީ 10 ޝެޝަން ނުނެގި ލަސްވެފައި ވަނީ އެކި ފަހަރު މަތިން އިންފެކްޝަން އުފެދިން ތެރަޕީ މެދުކަނޑާލަން ޖެހުމުންނެވެ. އިންފެކްޝަން އެތައް ފަހަރަކު އުފެދިފައިވާ އިރު އެންޓިބައޮޓިކްސް މަރީއަށް ނުދެވެނީ އެ ބޭހަށް އޭނާ އެލާޖިކް ވާތީ ކަމަށް އައިޝާ ބުނެއެވެ.

އާސަންދަ ނުލިބޭ ރޮބޮޓިކް ފިޒިއޮތެރަޕީ ފަށަން ޖެހޭ އިރު، އެހީ ބޭނުންވޭ!

އިންފެކްޝަން ވާ މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޕްރައިވެޓް ކުޑަ ހޮސްޕިޓަލަކަށް ބަދަލުވުން ކަމަށް އަމްރިތާގެ ޑޮކްޓަރުން ލަފާ ދޭ ކަމަށް އައިޝާ ބުނެއެވެ. މީގެ އިތުރުން މަރީ ފިޒިއޮތެރެޕީ ނަގަން ޖެހޭ ކަމަށް ވެސް އޭނާ ބުނެއެވެ. އެހެންކަމުން އެ އާއިލާ ބެނުންވަނީ ޕްރައިވެޓް ހޮސްޕިޓަލަކަށް މަރީ ބަދަލުކޮށްގެން ފަރުވާ ކުރިއަށް ގެންދަން ކަމަށާއި ޕިޒިއޮތެރަޕީ ވެސް އަވަހަށް ފައްޓަން ބޭނުންވާ ކަމަށް އާއިލާއިން ބުނެއެވެ. މިވަގުތު ފިޒިއޮތެރަޕީ އާސަންދައިގެ ދަށުން ކަވާ ކުރި ކަމުގައި ވިޔަސް މަރީގެ ފަރުވާއަށް ދޭން ޖެހޭ ރޮބޮޓިކް ފިޒިއޮތެރަޕީއަކީ ވަރަށް ބޭނުން ތެރި ފަރުވާއެއް ކަމަށް އާއިލާއިން ބުނެއެވެ.

ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުވެއްޖެ ނަމަ އާސަންދަ ކަވަރު ނުކުރާނެ ކަމަށާއި އަދި ރޮބޮޓިކް ފިޒިއޮތެރަޕީ އަކީ އަމްރިތާ އިން ކުރިއަސް އާސަންދަ ނުލިބޭ ފަރުވާއެއް ކަމުން މި ވަގުތު އެ އާއިލާ ވަނީ މާލީ ގޮތުން ބޮޑު އެހީއެއް ބޭނުން ވެފައެވެ. މި ކަމުގައި އެންސްޕާއާ ވާހަކަ ދައްކައިގެން އިތުރު އެހީއެއް ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މަރީގެ ކޮއްކޮ ބުނެއެވެ.

މަރީ އޭނާގެ 9 އަހަރުގެ ދަރިފުޅާ އެކު

9 އަހަރުގެ އަންހެން ކުއްޖަކު ހުންނަ މަރީ އަކީ އެކަނިވެރި މައެއްވެސް މެއެވެ. މި ވަގުތު މަރީގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ އޭނާގެ އާއިލާއިންނެވެ. މަރީއަށް އަވަސް ޝިފާއެއް ލިބުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. މަރީ ބަލިވެ އެނދުމަތި ވީ ހިސާބުން އޭނާގެ ދަރިފުޅުގެ ކަންކަން ވެސް ބަލަހައްޓަމުން ދަނީ އެ އާއިލާއިންނެވެ. އަދިވެސް އެ އާއިލާއިން އުންމީދު ކަނޑައެއް ނުލައެވެ. ދެވެން އޮތް ފަރުވާ އެއް ދީގެން މަރީ ރަނގަޅު ކުރުމުގެ އަޒުމްގައި ތިބި އާއިލާއަށް ބޭނުންވަނީ ހެޔޮ ދުއާ އާއި މާލީ އެހީތެރިކަމެވެ. އަދި މިހާތަނަށް އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ވެސް އެ އާއިލާގެ ފަރާތުން ވަނީ ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

މަރީގެ ބައްޔަށް އަވަސް ޝިފާއެއް ހޯދުމަށް މިވަގުތު ވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުން ވެފައެވެ. މަރީއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް މަރީގެ ކޮއްކޮ އާއިޝަތު ޒައީމާ 7788714 (ވަޓްސް އަޕް) އަދި މަރީގެ ބޭބެ އަހްމަދު ޒައީމް 7860086 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ މަރިޔަމް ޒައީމާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.