ގެއްލިގެން ހޯދަމުން ދަނިކޮށް އދ. ދަނގެތީގައި ވަޅަކަށް ފައްތާ މަރާލާފައި އޮތް މީހާގެ ހަށިގަނޑު ފުލުހުންގެ ފޮރެންސިކް އަންނަންދެން ވަޅުން އަދި ނުނަގާ ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވެއްޖެއެވެ.
'ދަޕްރެސް' އަށް މައުލޫމާތު ދެއްވަމުން މުއާވިޔަތު ވިދާޅުވީ، ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރަކީ އެ ރަށުގެ ވިޔަފާރި ވެރިއެއް ކަމަށެވެ. އެ ގޮތުން އޭނާއަކީ އެރަށުގައި ކާޑުގެ ބާވަތްތަކާއި ގޭސް ފޯރުކޮށް ދޭ ފަރާތެއް ކަމަށާއި މީގެ އިތުރުން އޭނާއަކީ އެރަށުގައި ކެފޭއެއް ވެސް ހިންގާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
ރޭ 11 ޖެހި ފަހުން މަހްމޫދުގެ އާއިލާއިން ވަނީ އޭނާ ނުފެނިގެން ކައުންސިލަށް ރިޕޯޓް ކޮށްފައެވެ. އަދި އޭނާ ނުފެނިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ މީގެ ގަޑިއެއް ހާއިރު ކުރިން އެ ރަށުގައި ހުންނަ ފަޅުގެއެއްގެ ތެރޭގައި ހުރި ފެންވަޅަކަށް ފައްތާފައި އޮއްވައެވެ. މަހްމޫދު އެކޮޅުކުޅުން އެ ވަޅަށް ފައްތާފައި އޮތް އިރު އޭނާގެ ބޮލާއި ފައިގައި ވަނީ ގޯންޏެއް އައްސާފައި ކަމަށާއި ފެނުނު އިރު އޭނާގެ އެއްވެސް ހަރާކާތެއް ނެތް ކަމަށް ވެސް ބުނެއެވެ.
މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު އަދިވެސް މަހްމޫދުގެ ހަށިގަނޑު ވަޅުން ނުނަގައެވެ. އޭނާގެ ހަށިގަނޑު ނުނަގާ މަޑު ކުރަނީ އެރަށަށް ފޮރެންސިކްގެ ޓީމެއް އަންނަން ދެން ކަމަށް ކައުންސިލް ރައީސް މުއާވިޔަތު ވިދާޅުވިއެވެ.
މަހްމޫދުގެ މަރުވި އިރު އޭނާގެ 4 ދަރިން އެބަ ތިއްބެވެ. އަދި ރަހުމް ކުޑަގޮތަކަށް މަހްމޫދު މަރާލާފައި އޮތް އިރު، މީގެ ކުރިން އޭނާއާ އެ ރަށުގެ އެއްވެސް މީހަކާ ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް ލިބިވަޑައި ނުގަންނަވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މަހްމޫދުގެ މަރުގެ މައްސަލައާ ގުޅިގެން މި ވަގުތު ރަށު ތެރެ ވަނީ ވަރަށް ބޮޑަށް ހަަލބޮލި ވެފައެވެ. އެ ގޮތުން އެ ރަށުގައި ހަމަނުޖެހުމެއް ހިނގަިއގެން ވަނީ މީހަކަށް ފުލުހުން ހިމާޔަތް ދީފައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ބައެއް އޮންލައިން ޕްލެޓް ފޯމް ތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަކީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއް ކަމަށް ބުނި ނަމަވެސް ކައުންސިލްގެ ރައީސް ވަނީ އެކަން ދޮގު ކުރައްވާފައެވެ.
މުއާވިޔަތު ވިދާޅުވީ، މަހްމޫދުގެ މަރުގެ މައްސަލައާ އެކު ރަށުތެރޭ ހިނގި ހަމަނުޖެހުމުގައި އެމީހާއަށް ގެއްލުމެއް ވެދާނެތީ ފުލުހުން އޭނާއަށް ހިމާޔަތް ދިނީ ކަމަށެވެ.