އަންހެން ކުދިންގެ ތައުލީމުގެ ކަންކަން ވީ އެންމެ އަވަހަކަށް ހަމަޖެއްސުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުން ދާ ޑިމާންޑުތައް ފުއްދާ ދިނުމަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ފަސްޖެހިއްޖެއެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން އަފްގާނިސްތާނާއެކު ގާތް ގުޅުމެއް ދަމަހައްޓަން އެދޭ ކަމަށް ބުނެ، ވާހަކަ ދައްކަވަމުން، އަފްގާނިސްތާނުގައި އެކުލަވާލި ތޯލިބާން ސަރުކާރުގެ ވަގުތީ ފޮރިން މިނިސްޓަރު މުއްލާ އާމިރު ހާން މުއްތަގީ ވަނީ، ބައިނަލްއަގުވާމީ މުޖުތަމައުން އެ ސަރުކާރާއެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ގޮވާލާފައެވެ.

އޭނާ މި މޭރުމުން ވާހަކަދައްކާފައި ވަނީ، ދޯހާ އިންސްޓިޓިއުޓް ފޮ ގްރެޖުއޭޓް ސްޓަޑީޒްގެ ސެންޓާ ފޮ ކޮންފްލިކްޓް އެންޑް ހިއުމެނިޓޭރިއަން ސްޓަޑީޒް އިން ކުރިއަށް ގެންދިޔަ އިވެންޓަގެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން އަފްގާނުގެ ސަރުކާރާއެކު ގުޅުން ދެމެހެއްޓުމަކީ، ދުނިޔެއާއެކު އެދެވޭ ރޫހެއްގައި ބައިވެރިވުމުގެ ފުރުސަތު، ތޯލިބާނުންނަށް ލިއްބައިދޭނެ ކަމެއް ކަމަށް މުއްތަގީ ވަނީ ސިފަ ކޮށްފައެވެ.

ތޯލިބާން ސަރުކާރުގެ ވާހަކަ، މިފަދަ ރޫހެއްގައި ހުރި ކަމުގައި ވީ ނަމަވެސް، އެ ސަރުކާރުން ދަނީ، މަތީ ތައުލީމު ހާސިލު ކުރުމަށް އަންހެން ކުދިންނަށް ހަނިކޮށްފައި ވާ ފުރުސަތަށް ލުއި ދިނުމަށް އިންކާރު ކުރަމުންނެވެ.

އޯގަސްޓް 15 ވަނަ ދުވަހު އަފްގާނިސްތާނުގެ ކޮންޓްރޯލް އަތުލި ތޯލިވާބާ ޖަމާއަތުން ހުސްވި މަހު ވަނީ، ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ފަށާފައެވެ. ނަމަވެސްގުރޭޑް 6 އިން ފެށިގެން މަތީގެ ގުރޭޑުތަކުގައި މިހާރުވެސް ކިޔަވާ ދެމުން ދަނީ ހަމަ އެކަނި ފިރިހެން ކުދިންނަށެވެ.

މި ކަމަށް ދިފާއު ހޯދަން މަސައްކަތް ކޮށް ވާހަކަ ދައްކަމުން މުއްތަގީ ވަނީ، އަފްގާނިސްތާނުގެ ސަރުކާރުން ހަރަކާތްތެރި ވަނީ ފަރުވާތެރި ކަމާ އެކުގައި ކަމަށް ބުނެފައެވެ. އަދި ވެރިކަމަށް އައިތާ ވީ، މަދު ހަފުތާ ކޮޅެއް ކަމަށާ، ބައިނަލްއަގުވާމީ މުޖުތަމައަށް 20 އަހަރު ތެރޭގައިވެސް އެންމެ ފުރިހަމައަށް ތަންފީޒު ނުކުރެވުނު ކަމެއް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަފްގާނިސްތާނުން ފެންނަން އެދެވިގެން ނުވާނެ ކަމަށްވެސް މުއްތަގީ ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ މުޖުތަމައަށް ގައުމުތަކުގެ ބައިވެރިވުމާއި މާލީ އެހީތެރކަން ލިބުނު ކަމަށާ، ނަމަވެސް އަފްގާނިސްތާނުން 2 މަހެއްހާ ދުވަހުގެ ތެރޭގައި އެ ބަދަލު ދުށުމަށް އެދެނީ ތޯ މުއްތަގީ ވަނީ ސުވާލު އުފައްދާފައެވެ.