ހައްދު ފަހަނަ އަޅާފައިވާ ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ފައިނޭންސް ޗީފް ނުވަތަ މާލީ ކަންކަމާ ބެހޭ އެންމެ އިސް މީހާ، ހައްޔަރު ކޮށްފައި ވާ ކަމަށް އިރާގުން އިއުލާން ކޮށްފިއެވެ.
އިރާގުން ހަބަރު ދޭ ގޮތުގައި ސާމީ ޖާސިމް އަލް-ޖަބޫރީ ހައްޔަރު ކޮށްފައި ވަނީ، އިރާގު ބޯޑަރުން ބޭރުގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައެވެ. އިރާގުގެ ބޮޑުވަޒީރު މުސްތޮފާ އަލް-ހަދިމީ ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަން ހިންގާފައި ވަނީ އިރާގުގެ ގައުމީ ޖާސޫސީ ހިދުމަތުން ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލެއް އެނާ ދެއްވާފައެއް ނުވެއެވެ.
ހާޖީ ހާމީދުގެ ނަމުންވެސް މުހާތަބު ކުރާ ޖާސިމްއަކީ އައިސިސް ޖަމާއަތުގެ އިސް ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ އަބޫ ބަކްރު އަލް-ބަގުދާދީގެ ވެރިކަމުގައި، ނައިބު ލީޑަރެއްގެ ގޮތުގައި ހުރި މީހާ ކަމަށް އަލް-ހާދިމީ ވަނީ ވިދާޅުވެފައެވެ.
އެމެރިކާއިން ވަނީ ޖާސިމް ވީ ތަނެއްގެ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް 5 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށްވެސް ނިންމާފައެވެ. އިންސާފު ގާއިމު ކުރުމަށްޓަކާ މާލީ ބަދަލު ދިނުމަށް ހާއްސަ ކޮށްފައި ވާ އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި)ގެ ވެބްސައިޓް ބުނާ ގޮތުގައި، ޖާސިމްއަކީ، އައިސިސްއަށް ފައިސާ ވަންނަ މަގުތައް މެނޭޖު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. އެގޮތުން ގަވައިދާ ހިލާފަށް ހިންގި ތެލާއި ގޭހުގެ ވިޔަފާރިއާއި މައުދަން ވިއްކުމުގެ ޣައިރު ގާނޫނީ މުއުމާލާތައް މެދުވެރިކޮށް އެ ޖަމާއަތަށް ފަންޑު ހޯދުމުގެ ކަންކަން ބެލެހެއްޓުމުގައި، ޖާސިމް ހަރަކާތްތެރިވީ ސުޕަވައިޒަރެއްގެ ގޮތުގައި ކަމަށްވެސް އެ ވެބްސައިޓްގައި ވެއެވެ.
ސޫރިޔާގައި އޭނާ ފިލައިގެން ދިރިއުޅެމުން ދިޔަ ތަން، 2019 ވަނަ އަހަރު އެމެރިކާއިން ރެއިޑް ކުރުމާއެކު އަމިއްލައަށް މަރުވި އަލް-ބަގުދާދީއަށް ފަހު އައިސިސް ޖަމާއަތުގެ އާ ލީޑަރު ކަމުގެ މަގާމާ ހަވާލުވި އަމީރު މުޙައްމަދު ސާއިދު ޢަބްދުރަޙްމާން އަލް-މައުލާއާއި ޖާސިމްއަކީވެސް ގާތް 2 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
މި އަހަރުގެ ކުރީކޮޅުވެސް އިރާގުން ވަނީ އައިސިސްގެ ނައިބު ލީޑަރެއް މަރާލާފައި ވާ ކަން ހާމަކޮށްފައެވެ.
ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި ސިފަކުރަމުން އައި އައިސިސް ޖަމާއަތުން ވަނީ އިރާގާއި ސޫރިއާއިން 88000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ކޮންޓްރޯލް ކޮށް، ގާތްގަނޑަކަށް 8 މިލިއަނެއްހާ މީހުންގެ މައްޗަށް، އެ ޖަމާއަތުގެ ހަރުކަށި، ހުދުމުހުތާރު ވެރިކަން ތަންފީޒު ކޮށްފައެވެ.
އިރާގުގެ ހަނގުރާމައިގެ މައިދާނުގައި 2017 ވަނަ އަހަރު އައިސިސް ބަލިކޮށްފައި ވީ ނަމަވެސް، ސޫރިއާއާއި އިރާގުގައި އެ ޖަމާއަތުގެ ގިނަ ހަނގުރާމަވެރިންތަކެއް ހަރަކާތްތެރިވެ އުޅޭ ކަމަށް ހަބަރު ލިބެއެވެ.