އަވަށްޓެރި ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ރެކޯޑް އަދަދުތަކުން ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

ލިބިފައި ވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ޕާކިސްތާނުގެ ޕަންޖާބު، ސިންދު އަދި ހައިބަރު ޕަހްތުންހްވާ ޕްރޮވިންސްގެ ހޮސްޕިޓަލުތަކުން މިހާރު ވަނީ، އިތުރު ޕޭޝަންޓުން ބަލައިގަތުން ހުއްޓާލާފައެވެ. މި ސަރަހައްދުގެ ހޮސްޕިޓަލުތަކުން އިތުރު ޕޭޝަންޓުން ބަލައިގަތުން ހުއްޓާލާފައި ވަނީ ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ފެތުރެމުން ދިއުމުގެ ސަބަބުން ފަރުވާ ދޭން ޖެހޭ ޕޭޝަންޓުންގެ އަދަދު އިންތިހާއަށް އިތުރުވުމާ ގުޅިގެންނެވެ.

ހަބަރު ލިބޭ ގޮތުގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓުންނަށް ހާއްސަ ކޮށްފައި ވާ އެނދުތަކުގައިވެސް މިހާރު އެޑްމިޓް ކޮށްފައި ވަނީ ޑެންގީ ޕޭޝަންޓުންނެވެ.

ކަން މިހެން އޮތް އިރު، ޑެންގީ ހުމާ ދެކޮޅަށް މީހުން ހޭލުންތެރި ކުރުވުމަށް ހާއްސަ ކެމްޕޭނެއް، ވެރިރަށް އިސްލާމްއާބާދުގައި ވަނީ ފަށާފައެވެ. އިސްލާމް އާބާދުގައިވެސް ކަންބޮޑުވާ ދަރަޖައަށް ޑެންގީ ކޭސް އިތުރު ވަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.

ޕަންޖާބް ޕްރޮވިންސްގައި އެ ސަރަހައްދުގެ ސަރުކާރުން ވަނީ ކުއްލި ނުރައްކާ އިއުލާން ކޮށްފައެވެ. އަދި ޗުއްޓީގައި ތިއްބެވި ޑޮކްޓަރުންވެސް ހިދުމަތަށް އެނބުރި ވަޑައިގަތުމަށް ވަނީ އިރުޝާދެއް އާންމު ކޮށްފައެވެ.

ޕަންޖާބުގެ ހެލްތު ސެކްރެޓަރީ އިމްރާން ސިކަންދަރު ބަލޫޗް ވިދާޅުވީ، ދާދި ފަހުން ކުރި ވިއްސާރައާއި، ވައިގެ ތެތްކަން ހުރި ގޮތުގެ އިތުރުން، އުމްރާނީ ބިނާވެށީގެ ސިނާއީ މަސައްކަތްތައް ހުރި ގޮތުން، މަދިރި އާލާވާނެ ފުރުސަތު ތަނަވަސް ވެފައި ވާ ކަމަށެވެ.

ޑެންގީއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް އުފުލަނީ އީޑީޒް މަދިރިއެވެ. މަރިދިން އުފުލާ މި ވައިރަސް، އިންސާނާގެ ހަށިގަނޑަށް ވާސިލު ވަނީ ޖަރާސީމު އަށަގެންފައިވާ މަދިރި، އިންސާނާގެ ގައިގައި ހަފާ ވަގުތުއެވެ. ޑެންގީ ހުމަކީ މަދިރި ހެފުމަކާ ނުލާ އެކެއްގެ ގައިން އަނެކާގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.

ޑެންގީ ހުމަކީ ދުނިޔޭގެ ހޫނު ގައުމުތަކުގައި އުޅޭ ބައްޔެކެވެ. މިބަލި ފަތުރާ މަދިރިވެސް އުޅެނީ އެފަދަ ހޫނު ހިސާބުތަކުގައެވެ. ކޮންމެ އަހަރަކު އެތައް މިލިޔަން ބަޔަކަށް މިހުން ޖެހޭކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ބައެއް ފަހަރު އެތައް ހާސް ބަޔަކު މަރުވެދެއެވެ. ޑެންގީ ހުން މިހާރު ވެފައިވަނީ މަދިރީގެ ޒަރީޢާއިން ފެތުރޭ އެންމެ ނުރައްކާތެރި އެއްބަލި ކަމުގައެވެ.