އާ ގާނޫނު އެކުލަވާލި ޕޮލިސް ބޯޑުގެ ނިންމުމާ އެއްގޮތަށް ދެ އޮފިސަރުން ވަޒީފާ އިން ވަކިކޮށް، ހަތަރު އޮފިސަރަކު ވަކިކުރަން 10 ދުވަހުގެ ނޯޓިސްއެއް މިއަދު ދީފިއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއި ކުރައްވައި ފޮނުއްވި ޗިޓުގައި ވިދާޅުވީ، ދެ އޮފިސަރުން މަގާމުން ވަކިކުރެއްވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ. އެގޮތުން ވަޒީފާ އިން ވަކިކުރި އެސިސްޓެންޓް ކޮމިޝަނަރުން ކަަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) އެވެ.
ހަމައެއާއެކު ވަޒީފާއިން ވަކި ކުރުމަށް ނޯޓިސް ދީފައި ވަނީ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އަށެވެ.
އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަޒީފާއިން ވަކިކުރަން ލަފާ ދީފައި ވަނީ 7 އޮފިސަރަކަށެެވެ.
މިގޮތަށް ލަފާ ދީފާއި ވަނިކޮށް ސިވިލް ކޯޓަށް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް މަރިޔަމް ނިހާޔަތުގެ ދިވެހި ޗޭމްބާޒް ލޯ ފާމުންނެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައި ވެއެވެ. ހަމައެއާއެކު ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާ އިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ ހިދުމަތާއި ޕޮލިސް ބޯޑު އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށް ދިނުމަށް މައްސަަލ ހުށަހެޅި ފަރާތުން އެދިފައި ވެއެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޑިސްޕިއުޓް މަރުހަލާއިން ހައްލެއް ނުލިބުނެވެ.
ފުލުހުންގެ އާ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކުތަކުގެ ފުލުހުންނަކީ މަސައްކަތަށް ގާބިލު ބައެއްތޯ ބަލާނެއެވެ. އެއާއެކު އެ ބޯޑުން ވަނީ ހަތް ފުލުހުން ވަޒީފާއިން ވަކިކުރަން ޕޮލިސް ކޮމިޝަނަރަށް ލަފާ ދީފައެވެ.