މިއަހަރު މިހާތަނަށް އިންޑިއާއިން 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އައި ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން އެ މުއްދަތުގެ ތެރޭގައި 204،530 ފަތުރުވެރިން ވަނީ އައިސްފައެވެ.

މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 890،363 ފަތުރުވެރިން އައިސްފައިވާ އިރު، އެންމެ ގިނަ ފަތުރުވެރިން އައި ދެވަނަ ގައުމަކީ ރަޝިއާއެވެ. އެ ގައުމުން މި މުއްދަތުގެ ތެރޭގައި ވަނީ 174،095 ފަތުރުވެރިން އައިސްފައެވެ. އަދި އެ ލިސްޓުގެ ތިންވަނައިން ޖަރުމަނު ޖާގަ ހޯދާފައި ވަނީ 55،707 ފަތުރުވެރިން ރާއްޖެ އައިސްގެންނެވެ.

އެ ލިސްޓުގެ ހަތަރު ވަނައިގައި ޔޫއެސްއޭ އޮތް އިރު ފަސް ވަނައިގައި އޮތީ ސައުދިއަރަބިއްޔާއެވެ. އެއަށް ފަހު ޔޫކްރެއިން، ޔޫކޭ، ކަޒަކިސްތާން، ފްރާންސް ވަނީ އެންމެ ގިނަ ފަތުރުވެރިން އައި 10 ގައުމުގެ ތެރެއިން ޖާގަ ހޯދާފައެވެ.

މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތަފްސީލް:

  • ޖެނުއަރީ: 92،103
  • ފެބްރުއަރީ: 96،882
  • މާޗް: 109،585
  • އޭޕްރީލް: 91،200
  • މެއި: 64،613
  • ޖޫން: 56،166
  • ޖުލައި:101،818
  • އޮގަސްޓް: 143،599
  • ސެޕްޓެމްބަރު: 114،896
  • އޮކްޓޯބަރު 5 ވަނަ ދުވަހާ ހަމައަށް: 19501

2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓު ކޮށްފައި ވަނީ 1،702،887 ފަތުރުވެރިންނެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އައިސްފައި ވަނީ 555،494 ފަތުރުވެރިންނެވެ.

އެހެންކަމުން މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މި ވަނީ މިދިޔަ އަހަރު އައި ފަތުރުވެރިން އައި އަދަދުވެސް މުގުރާލާފައެވެ. ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނާނެއެވެ. އެހެންކަމުން ބާކީ މިއޮތް 3 މަސް ދުވަހުގެ ތެރޭގައި 109،637 ފަތުރުވެރިން ރާއްޖެ އައުމުން ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރި ވަރަށް ފަތުރުވެރިން ގެނެވޭނެއެވެ.