އަވަށްޓެރި ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސަށް މިއަދު ފަތިހުގެ ވަގުތެއްގައި އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.

ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮފިޝަލުން ވަނީ، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދިއުން އެކަށީގެން ވާ ކަމަށް ވިދާޅުވެފައެވެ.

ލިބުނު ފުރަތަމަ ރިޕޯޓްތަކަށް ބަލާއިރު، ބިންހެލުން އައިސްފައި ވަނީ ރެކްޓާ މިންގަނޑުން 5.7ގެ ބާރު މިނުގައެވެ.

ޕާކިސްތާން ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މަރުވި މީހުންނަކީ އިމާރާތްތައް ވެއްޓުމުގެ ސަބަބުން މަރުވި މީހުންނެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ރޮއިޓާޒްއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ސަރަހައްދީ އޮފިޝަލުންނާ ހަވާލަދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އިތުރު 150 މީހަކަށް އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ. މި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، ބައެއް މީހުންގެ ހާލު ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ހަރްނާއީ ޑިސްޓްރިކްޓްއަށެވެ. މި ސަރަހައްދަކީ ބޯޓުދެލި ނަގާ މައިންތައް ގިނަ އަދަދަކަށް އޮންނަ ސަރަހައްދެއް ކަމަށް ހަބަރު ލިބެއެވެ.