ރާއްޖޭގައި ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ބަންގްލަދޭޝްގެ ނޫސްވެރިއެއްގެ މައްސަލަ ސާފުން ބަލަމުންދާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމް އޮފިޝަލެއް ބަންގްލަދޭޝްގެ ރިޕޯޓަރެއްގެ ކަރުގައި އޮންނަ ފާސް ދަމައިގަން މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ އެސޯސިއޭޝަން އިން ބުނީ، އެ މައްސަލައިގައި އެފްއޭއެމްގެ މުވައްޒަފަކަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށާއި އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސާފުން ވެސް އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ގައިޑްލައިނާ ހިލާފްވި މައްސަލައިގައި ބަންގްލަދޭޝްގެ ރިޕޯޓަރުގެ މައްސަލަ ސާފުން ބަލަމުންދާ ކަމަށް އެފްއޭއެމް އިން ބުނެއެވެ.
އެ މައްސަލަ ހިނގި ގޮތް ތަފްސީލް ކޮށްދެމުން އެފްއޭއެމް އިން ބުނީ، ސާފް މެޗުތައް ކަވަރު ކުރުމަށް އައިސް އުޅޭ ރިޕޯޓަރުން ތިބެން ޖެހޭނީ ވަކި ސަރަހައްދެއްގައި ކަމަށާއި އެ ސަރަހައްދު ދޫކޮށް ކްރައުޑް ތެރެއަށް ވަނުމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް އެ ރިޕޯޓަރު ވަނީ ކްރައުޑް ތެރެއަށް ވަދެ ވީޑިއޯ ނަގަން މަސައްކަތް ކޮށްފައި ކަމަށާއި އެކަން އެހެން ނުކުރުމަށް ތަކުރާރު ކޮށް ނަސޭހަތް ދިނުމުން ވެސް އެ ރިޕޯޓަރު އެފްއޭއެމް އިން ދިން އިރުޝާދަށް ބޯލަނބާފައި ނުވާ ކަަމަށް އެފްއޭއެމުން ބުނެއެވެ.
އެމީހާއަށް އެކި ފަހަރު ނަސޭހަތް ދިނުމަށް ފަހު އޭނާ ހުއްޓުވުމަށް އެފްއޭއެމްގެ އޮފިޝަލް އަމަލުކޮށްފައިވާ ގޮތަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެ އޮފިޝްލް ވަނީ ބަންގްލަދޭޝްގެ ރިޕޯޓަރުގެ ކަރުގައި އޮތް ފާސް ފަހަތުން ގޮސް ދަމައިގަތުމަށް މަސައްކަތް ކޮށްފައެވެ. އެކަމާ ގުޅިގެން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އަދި އެ އޮފިޝަލް އަމަލު ކުރީ ރަނގަޅަށް ނޫން ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.
މެޗްގެ ޓިކެޓް ވިއްކާ ކައުންޓަރު ހުންނަ ސަރަހައްދުގައި ކަވަރޭޖް ނެގުމަށް ހަރަކާތްތެރިވެފައި ވަނީ ބަންގްލަދޭޝްގެ ސޯމީ ޓީވީގެ ނޫސްވެރިއެކެވެ.
މި ހާދިސާ ހިނގި ސަރަހައްދުގެ ދެ ތިން ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ވީޑިއޯ ވަނީ ބަންގްލަދޭޝްގެ ހަބަރު ފަތުރާ މީޑިއާތަކުގައި ވެސް ދައްކާފައެވެ.
ބަންގްދޭޝްއާއި ރާއްޖެ ކުޅޭ މެޗްގެ ޓިކެޓް ވިކި ހުސްވެ، ކަޅު ބާޒާރުގައި 2000ރ އަށް ޓިކެޓްގެ އަގު އަރައިގެން ގޮސްފައި ވާއިރު، ދިވެހިން ގެންދަނީ ކުޅިބަލަށް ދިވެހިންނަށް ވިއްކި ޓިކެޓްވެސް ބޮޑު އަގުގައި ބަންގްލަދޭޝް ރައްޔިތުންނަށް ވިއްކަމުންނެވެ. އެފްއޭއެމްގެ ގަވައިދުގައި ބުނާ ގޮތުން، އަވޭ ޓީމަށް ވިއްކާ 200 ޓިކެޓް ބަންގްލަދޭޝް މީހުން ވަނީ ގެނެ ހުސްކޮށްލާފައެވެ.
ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލު ކުރާ މެޗަށް ފޯރި ގަދަވެފައި ވާއިރު އެފްއޭއެމުން މިހާރު ބުނެފައި ވަނީ ދިވެހިންނަށް ދޫކުރާ ޓިކެޓުގައި ބިދޭސީންނަށް ނުވަދެވޭނެ ކަމަށާއި އަދި ދަނޑަށް ބިދޭސީންނަށް ވަދެވޭނީ ވިސާ ނުވަތަ ވޯކްޕާމިޓް ދައްކައިގެން ކަމަށް ވެސް ބުނެފައެވެ.