ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިއުއޭ) އާއި އެމެރިކާއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުން އުވާލުމަށް، ހުރިހާ ފަރާތަކުން އަޅުވެތިކޮށް ބައްދާލާފައިވާ ގައްޒާގެ ރަށްވެހިން ގޮވާލައިފިއެވެ.
ޔޫއެންއާރްޑަބްލިއުއޭއާއި އެމެރިކާއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުން އުވާލުމަށް ގައްޒާގެ ރަށްވެހިން ޑިމާންޑް ކުރަމުން ދަނީ، މި އެއްބަސްވުމަކީ، އެމީހުންގެ އެތައް ހައްގަކަށް އުނިކަން ލިބިދޭ އެއްބަސްވުމެއް ކަމަށް ބުނެއެވެ.
ޔޫއެންއާރްޑަބްލިއުއޭއާއި އެމެރިކާގ ހާރިޖީ ވުޒާރާއާ ދެމެދު 2 އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކޮށްފައި ވާ އެއްބަސްވުމަކީ އެއްބާރުލުން ދިނުމުގެ މަސައްކަތު ޕްލޭނެއް ކަމަށް ހަބަރު ލިބެއެވެ.
މި އެއްބަސްވުމާ ދެކޮޅަށް، ޔޫއެންއާރްޑަބްލިއުއޭ އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުން ދިޔަ މީހުން ބުނަމުން ދިޔައީ، މި އެއްބަސްވުމަކީ، ފަލަސްތީނުގެ ރެފިއުޖީން އެނބުރި އައުމަށް އޮތް ހައްގު ބާތިލު ކުރަނިވި އެއްބަސްވުމެއް ކަމަށެވެ.
ފްރޭމްވޯކް ފޮ ކޯޕަރޭޝަން ގެ ނަމުގައި 2021 އިން 2022ގެ ނިޔަލަށް ސޮއި ކޮށްފައި ވާ މި އެއްބަސްވުމަކީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި ހުއްޓަވާލެއްވި އެހީ، އަލުން އަނބުރާ އިޔާދަ ކުރުމަށް ގޮވާލާ އެއްބަސްވުމެކެވެ.
ޖުލައި މަހު ސޮއިކުރި މި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން، އެމެރިކާއިން ވަނީ އިތުރު ފަންޑުގެ ގޮތުގައި 135 މިލިއަން ޑޮލަރު، ޔޫއެންއާރްޑަބްލިއުއޭއަށް ހަދިޔާކޮށްފައެވެ.
ނަމަވެސް ފަލަސްތީނުގެ ބައެއް މީހުން ދެކޭ ގޮތުގައި މިއީ ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުތަކަށް އުނިކަން ގެނުވަނިވި އެއްބަސްވުމެކެވެ. އަދި ޔޫއެންއާރްޑަބްލިއުއޭގެ ތަސައްވުރުވެސް ބަދަލު ކޮށްލަނިވި އެއްބަސްވުމެއް ކަމަށް ބުނެ، ބަޔަކު ދަނީ ރުޅިވެރިކަން ފާޅު ކުރަމުންނެވެ.
މި އެއްބަސްވުމާއެކު ޔޫއެންއާރްޑަބްލިއުއޭއިން މަސައްކަތް ކުރަމުން ދާނީ އެމެރިކާގެ ސެކިއުރިޓީ އޭޖެންޓެއްގެ ގޮތުގައި، ފަލަސްތީނުގެ މުވައްޒަފުންނާއި ރެފިއުޖީން ޖަހާ ދުވާ ޖަމިއްޔާއެއްގެ ގޮތުގައި ކަމަށް ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސް މެންބަރަކު ވަނީ ސިފަކޮށްފައެވެ.
ގައްޒާގައި މަސައްކަތް ކުރައްވާ ވަކީލެއް ކަމަށްވާ ސޮލާހް ޢަބްދުލްލަޠީފު ވިދާޅުވީ، މި އެއްބަސްވުމަކީ އދގެ މުއާހަދާތަކާވެސް ހިލާފު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުން އެކުލަވާލާފައި ވަނީ ފަލަސްތީނުގެ އެއްވެސް ފަރާތަކާ މަޝްވަރާ ކުރުމަކާ ނުލާ ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.